ސްޕެނިޝް ލީގުގެ އެންމެފަހުގެ ޗެމްޕިއަން، ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއިން މިރޭ ކުޅުނު މެޗުގައި ޑެޕޯޓީވޯ ކައިރިން 5-1 އިން މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ބާސާއިން ހޯދި މޮޅާއެކު އެޓީމަށް ވަނީ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ބާސާއާއި އެންމެ ވާދަވެރި ރެއާލް މެޑްރިޑުން މިހަފުތާގައި ކުޅުނު މެޗުންވެސް ބަލިވެ، އެޓީމު ވަނީ ތިންވަނައަށް ސޮއްސާލައިފައެވެ. އެއީ 14 މެޗުން 33 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުން އެލްޗޭ ކައިރިން 3-2 އިން މޮޅުވެ، އެޓީމު 14 މެޗުން 34 ޕޮއިންޓް ހޯދާފައިވާ އިރު، އެއްވަނައިގައި ބާސާ އޮތީ 14 މެޗުން 39 ޕޮއިންޓާއެކުގައެވެ.

ބާސާއިން އަނެއްކާވެސް ލީގުގައި ފެންވަރު ދައްކާލާފައިވާ އިރު، ރަފީނިއާ ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. މި ސީޒަނުގައި ތަފާތު ފޯމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް ތިން ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މެޗުގެ 85 ވަނަ ސިކުންތުގައި ބާސާއިން ލީޑު ނެގިއެވެ. އެއީ އަރިމަތިން ލަމީން ޔަމާލް ތިރިތިރިން ފޮނުވާލި ބޯޅައެއްގައި ޑެނީ އޮލްމޯ އޮޅުވާލުމުން ވަން ގޯލެކެވެ. އޭގެފަހުން ނުވަވަނަ މިނެޓުގައި ޑެޕޯޓީވޯއިން މެޗު އެއްވަރުކުރިއެވެ. އެއީ ކުރިން ބާސާއާއި އާސެނަލް އަދި ޗެލްސީއަށްވެސް ކުޅެފައިވާ ޕިއޭ-އެމެރިކް އޮބަމަޔާން ޖަހައިދިން ގޯލެކެވެ.

އެހެން ނަމަވެސް ބާސާ އަތުން މެޗުގެ ކޮންޓްރޯލް ގެއްލިފައެއް ނުވެއެވެ. 20 ވަނަ މިނެޓުގައި އެޓީމުން ވަނީ އަނެއްކާވެސް އަލުން ލީޑު ހޯދައިފައެވެ. އެ ގޯލް ޖަހައިދިނީ އެންތަނީ ގޯޑަންއެވެ.

ފުރަތަމަ ހާފުގައި އިތުރު ގޯލް ޖަހަން ޔަމާލާއި ރަފީނިއާއަށްވެސް ފުރުސަތުތައް ލިބި ބޭކާރުވި އިރު، ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ބާސާ އިތުރު ގޯލެއް ޖެހިއެވެ. ޔަމާލްގެ ހުރަހަކުން ރަފީނިއާ އޭނާގެ ފުރަތަމަ ގޯލް ޖެހި އިރު، 83 ވަނަ މިނެޓުގައި ގޯޑަންގެ ހުރަސް އެއްފަހަރުން ގޯލަށް ވައްދާލައިގެން ރަފީނިއާ އޭނާގެ ދެވަނަ ގޯލްވެސް ޖެހިއެވެ.

ރަފީނިއާ މެޗުގައި ހެޓްރިކް ފުރިހަމަ ކުރީ 91 ވަނަ މިނެޓުގައެވެ. ޔަމާލްގެ ހުރަހަކަށް ދުވެ، ރަފީނިއާ ގޯލަށް ބޯޅަ ނިންމާލީ ފަސޭހަކަމާއެކުގައެވެ.