ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ވިކްޓްރީ ސްޕޯޓްސް ކްލަބުން މިރޭ ކުޅުނު މެޗުގައި ކްލަބު އީގަލްސް ބަލިކޮށްފިއެވެ.

މިރޭ ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ވިކްޓްރީން އީގަލްސްގެ މައްޗަށް ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. އެއާއެކު ވިކްޓްރީން ވަނީ އަނެއްކާވެސް އެއްވަނައަށް ޖެހިލައިފައެވެ. މިއަދު ހަވީރު ލީގުގައި ކުޅުނު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ގައްދޫ ރެކްރިއޭޝަން ކްލަބުގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދައި، ވަގުތީ ގޮތުން އެއްވަނައަށް ޖެހިލި ނަމަވެސް، ވިކްޓްރީން ވަނީ މިރޭ ތިން ޕޮއިންޓް ޔަގީންކޮށް އަލުން އެއްވަނައަށް އަރައިފައެވެ.

މިވަގުތު ވިކްޓްރީ ލީގު ތާވަލުގެ އެއްވަނައިގައި އޮތީ އަށް މެޗުން 22 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި މާޒިޔާއިން، އަށް މެޗުން 19 ޕޮއިންޓާއެކު އޮތް އިރު، އެންމެފަހުން ކުޅުނު ތިން މެޗުންވެސް ބަލިވި އީގަލްސް އޮތީ ހަވަނައިގައެވެ. އެއީ އަށް މެޗުން 11 ޕޮއިންޓާއެކުގައެވެ.

މިރޭ ކުޅުނު މެޗުގެ އަށްވަނަ މިނެޓުގައި ވިކްޓްރީން ވަނީ މެޗުގެ ލީޑު ނަގައިގައެވެ. އަރިމަތިން އަލީ ޝާމިސް (ތޮއްޕެ) ހުރަސްކުރި ބޯޅަ އޭރިއާ ތެރެއިން ގޯލަށް ވައްދާލީ ހަސަން ނަޒީމް (ޗޯޓު) އެވެ. އޭނާ ތޮއްޕެގެ ހުރަހަށް ރަނގަޅު ތަނަށް އަރައި ޖައްސާލި ބޯޅަ ދިޔައީ ތިރީ ކަނަށެވެ.

އޭގެފަހުން 20 ވަނަ މިނެޓުގައި ޗޯޓު ވަނީ ވިކްޓްރީއަށް ދެވަނަ ގޯލްވެސް ޖަހައިދީފައެވެ. އަރިމަތިން ގޮސް ނަގައިދޭން ޖައްސާލި ބޯޅަ، މަތިމަތިން ގޮސް ވަނީ ގޯލްގެ ކަނަށެވެ. އެ ބޯޅަ ކީޕަރަށް ހުއްޓުވަން އުނދަގޫވީ އޮއްސިގެން ގޮސް ގޯލް ތެރެއަށް ވަނުމުންނެވެ.

އޭގެފަހުން ފުރަތަމަ ހާފުގައި ވިކްޓްރީން އިތުރަށް ނުރައްކާކުރި އިރު، އަހުމަދު ރިޒްވާން (ރިޒޭ) އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ވަނީ އަރިމަތީ ދަނޑިއަށްވެސް އަމާޒުވެފައެވެ.

އޭގެ އިތުރުން ދެވަނަ ހާފުގެ ކުރީކޮޅުގައި ރަނގަޅު ހިސާބަކުން ލިބުނު ހިލޭ ޖެހުމެއްގައި ރިޒޭ ފޮނުވާލި ހަމަލާވެސް އަމާޒުވީ ދަނޑިއަށެވެ. އަނެއްކޮޅުން އީގަލްސްގެ މުހައްމަދު ޖައިލަމްއާއި ވެން ޑޭވް ގްބޮވެއާ ހާމޮން ފޮނުވާލި ހަމަލާތައްވެސް މަތަކުރީ ވިކްޓްރީގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ.

ފަހުކޮޅުގައިވެސް ވިކްޓްރީގެ އިތުރު ދެ ހަމަލާއެއް ދަނޑިއަށް އަމާޒުވިއެވެ. އަލީ ނަސޫހު ރަޝީދު (ޕިލާ) ބަދަލަކަށް ނުކުމެ ފޮނުވާލި ހަމަލާއެއް ދަނޑިއަށް އަމާޒުވި އިރު، ނިމެން ދަނިކޮށް ހަސަން ސުފިއާނު (ސޫފީ) ފޮނުވާލި ބޯޅަވެސް ބޭރުވީ ދަނޑީގައި ޖެހިފައެވެ. އެ ބޯޅަ ދިޔައީ އީގަލްސް ކުޅުންތެރިޔަކު ގައިގައި ޖެހިފައެވެ.