ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ޒޯން ބުރުގައި ރޭ ކުޅުނު މެޗުތަކުން ހއ. އިހަވަންދޫ، ހދ. ވައިކަރަދޫގެ އިތުރުން ކ. ގާފަރު، އއ. މަތިވެރި މޮޅުވެއްޖެއެވެ.
މުބާރާތުގެ ޒޯން ބުރުގެ ހަ މެޗު ރޭ ކުޅެފައިވާ އިރު، ރޭ ކުޅެފައި ވަނީ ޒޯން އެކެއްގެ ދެ ގްރޫޕުގެ ދެ މެޗާއި ޒޯން ތިނެއްގެ ދެ މެޗުގެ އިތުރުން މާލޭގެ ޓީމުތައް ހިމެނޭ ޒޯން އަށެއްގެ ދެ މެޗެވެ. ޒޯން އަށެއްގެ ދެ މެޗުވެސް އެއްވަރު ވެގެން ނިމުނު އިރު، ޒޯން އެކެއްގެ ގުރޫޕް އޭގައި ހއ. ވައިކަރަދޫން ފަހަތުން އަރައި ހދ. ހޯރަފުށި ބަލިކުރީ 6-5ގެ ނަތީޖާއަކުންނެވެ. އެ ޒޯންގެ ގުރޫޕް ބީގައި އިހަވަންދޫން ނާވައިދޫ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
ޒޯން އެކެއްގައި ޖުމުލަ ހަ ޓީމު ވާދަކުރާ އިރު، އެ ޒޯނުގެ މެޗުތައް ކުރިއަށް ދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެ ޒޯނުގެ ޗެމްޕިއަން ކަނޑައަޅަން ވަކިން ފައިނަލް މެޗެއްވެސް ކުޅޭނެއެވެ.
ޒޯން އެކެއްގެ ގުރޫޕް އޭގައި ހޯރަފުއްޓާއި ކަނޑިތީމު ފުރަތަމަ ކުޅުނު މެޗުގައި ހޯރަފުށި އޮތީ 5-0 އިން ބަލިވެފައެވެ. އެހެންކަމުން ރޭގެ މެޗުން މޮޅުވުން ހޯރަފުއްޓަށް އޮތީ މަޖުބޫރުވެފައެވެ. އެ ޕްރެޝަރުގައި ކުޅެން ނުކުމެ ފުރަތަމަ ހާފުގައިވެސް ހޯރަފުށިން ހަތަރު ގޯލު ޖެހި ނަމަވެސް ފަހު ހާފަށް ނުކުމެ ހިތްވަރާއެކު ވައިކަރަދޫން ވަނީ ނަތީޖާ އަނބުރާލައިފައެވެ.
މެޗުގައި ހޯރަފުށީގެ ގޯލުތައް ޖަހައިދިނީ އަލީ ޝިމާހާއި އަލީ އިމްރާން މުހައްމަދު އަދި އަލީ ޒިޔާދު މުހައްމަދެވެ. ފަހު ހާފުގައި ވައިކަރަދޫން މޮޅަށް ކުޅެ ގޯލުތައް ޖެހީ އަބްރާހީމް އަގީލާއި އަހުމަދު ސިފާއު އަދި އަލީ އަބްދުﷲއާއި އަހުމަދު ރައުޝަންއެވެ. މެޗުގައި އިބްރާހީމް އަގީލް ހެޓްރިކް ހެދިއެވެ. ރޭގެ މެޗުން ބަލިވެ ހޯރަފުށި ވަނީ ކަޓައިފައެވެ.
ޒޯން އެކެއްގެ ގުރޫޕް ބީގައި އިހަވަންދޫން ނައިވައިދޫ ބަލިކުރި އިރު، ދެ މެޗު ކުޅެ ނައިވައިދޫ އޮތީ ތިން ޕޮއިންޓާއެކުގައެވެ. އެ ގުރޫޕުގައި ފުރަތަމަ ކުޅުނު މެޗުގައި ނައިވައިދޫން ށ. ނިލަންދޫ ބަލިކޮށްފައި އޮތުމުން ގުރޫޕްގެ ފަހު މެޗަށްދާ އިރު، ތިން ޓީމަށްވެސް ފައިނަލްގެ ފުރުސަތު އެބައޮތެވެ.
ރޭގެ މެޗުގައި ނައިވައިދޫގެ ގޯލުތައް އަބްދުﷲ ވިސާމްއާއި މުހައްމަދު ނާސިދު އަހުމަދު ޖަހައިދިން އިރު، އިހަވަންދޫގެ ގޯލުތައް ޖެހީ ހުސައިން ނަޝީދާއި މުހައްމަދު ފަޒީލެވެ. ނަޝީދު ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.
ޒޯން ތިނެއްގައި ހަތަރު ޓީމު ވާދަކުރާ އިރު، ރޭ ކުޅުނު ފުރަތަމަ މެޗުގައި މަތިވެރިން ހިންނަވަރު ބަލިކުރީ 3-2ގެ ނަތީޖާއަކުންނެވެ. އަދި އެ ގުރޫޕްގައި ރޭ ކުޅުނު ދެވަނަ މެޗުގައި ގާފަރުން ކާށިދޫ ބަލިކުރީ 3-0ގެ ނަތީޖާއަކުންނެވެ. ގާފަރުގެ ތިން ގޯލުވެސް ޖެހީ އަލީ މާއިސް (މައްޓު) އެވެ.
ހިންނަވަރުގެ ގޯލުތައް އަހުމަދު އަވީންއާއި ވިޖާޒު އީސާފުޅު ޖަހައިދިން އިރު، މަރިވެރި މޮޅުކޮށްދިނީ މުހައްމަދު އިމްރާން (ކުޑަ އިންމަ)ގެ ހެޓްރިކަކުންނެވެ. ކުރިން ގައުމީ ޓީމުގެ ގޯލްކީޕަރަކަށް ކުޅުނު އިންމަގެ ގިނަ ގޯލުތަކެއް މިހާތަނަށް މުބާރާތުގައި ފެނިގެން ގޮސްފައިވާ އިރު، އޭނާއަކީ އއ. އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ކުޅުންތެރިޔާއެވެ.
ޒޯން ތިނެއްގައި މިހާތަނަށް ކުޅުނު ދެ މެޗުން ގާފަރާއި މަތިވެރިއަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ހިންނަވަރާއި ކާށިދޫއަށްވެސް ލިބެނީ ޕޮއިންޓެކެވެ. ކޮންމެ ޓީމަކަށްވެސް ގުރޫޕުގައި އަދި ބާކީ މެޗެއް އެބައޮތެވެ.
މުބާރާތުގައި ރޭ ކުޅުނު ޒޯން އަށެއްގެ ދެ މެޗަކީ މާލޭގެ ޓީމަކުން ކުޅުނު ފުރަތަމަ މެޗުތަކެވެ. އެ ދެ މެޗުވެސް ނިމުނީ އެއްވަރު ވެގެންނެވެ. ހެންވޭރާއި ހުޅުމާލޭ ވާދަކުރި މެޗު 0-0 އިން ނިމުނު އިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ފަހު ވަގުތު ހެންވޭރުގެ ދުރު ޕެނަލްޓީއެއްވެސް މަތަކުރި ހުޅުމާލޭ ގޯލްކީޕަރު މުހައްމަދު ޒުހަލްއެވެ.
މާފަންނާއި ވިލިމާލޭގެ މެޗު 1-1 އިން އެއްވަރު ވެގެން ނިމުނު އިރު، މެޗުގައި މާފަންނުގެ ގޯލު ފުރަތަމަ ހާފުގައި ޖެހީ ޔޫސުފް ޖައިޝަން ނާފިޒެވެ. ވިލިމާލޭގެ ގޯލު ލިބުނު ޕެނަލްޓީއަކުން ދެވަނަ ހާފުގައި ޖަހައިދިނީ އަލީ ޝިޔާހެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ މާފަންނުގެ މުހައްމަދު ލިޔާހެވެ.
ޖުމުލަ 91 ޓީމާއެކު ފެށި މުބާރާތުގެ ޒޯން ބުރުގައި ޓީމުތައް ވާދަކުރާނީ އަށް ޒޯނަކަށެވެ. ކޮންމެ ޒޯނަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމު ފައިނަލް ބުރަށް ދާނެއެވެ. ޒޯން ބުރުގެ މެޗުތައް ނިމޭނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. މުބާރާތުގެ ޒޯން ބުރުގެ ހަ މެޗު މިރޭވެސް އޮންނާނެއެވެ.
20:15 އދ. މާމިގިލި - އދ. އޮމަދޫ (ޒޯން 4)
20:15 ގދ. ވާދޫ - ގއ. ކޮނޑޭ (ޒޯން 6)
21:15 މ. ދިއްގަރު - މ. މުލައް (ޒޯން 4)
21:15 ލ. ގަން - ގއ. މާމެންދޫ (ޒޯން 6)
22:15 ފ. ބިލެއްދޫ - ތ. އޮމަދޫ (ޒޯން 5)
22:15 ދ. ކުޑަހުވަދޫ - ތ. ތިމަރަފުށި (ޒޯން 5)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް