ކުޅިވަރު

ޗެމްޕިއަން ތިމަރަފުއްޓަށް ވަރުގަދަ ފެށުމެއް، ކ. އަތޮޅު ފައިނަލުގައި ގާފަރާއި ކާށިދޫގެ ކުރިމަތިލުމަކަށް

މުޙައްމަދު ޝަމްޢޫން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތައް އެންމެފަހުގެ ޗެމްޕިއަން ތ. ތިމަރަފުށި، ތ. ގާދިއްފުށި، ގއ. މާމެންދޫ، ކ. ކާށިދޫގެ އިތުރުން ކ. ގުރައިދޫ އަދި ގއ. ނިލަންދޫ އިން ކާމިޔާބު ކޮށްފިއެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރު ފެށިގެން މިހާރު ކުރިއަށްދާ އިރު، ރޭ ކުޅެފައި ވަނީ ތ. އަތޮޅުގެ ދެމެޗާއި، ކ. އަތޮޅުގެ ދެ ގްރޫޕުގެ ދެމެޗާއި، ގއ. އަތޮޅުގެ ދެ ގްރޫޕުގެ ދެމެޗެވެ.

ރޭ ކުޅުނު ތިން އަތޮޅަކީވެސް ހަ ޓީމަށްވުރެ ގިނައިން ޓީމުތައް ބައިވެރިވެފައިވާ ތިން އަތޮޅެވެ. އެ އަތޮޅުތަކުގެ މެޗުތައް ދެ ގްރޫޕަށް ބަހާލައިގެން ކުރިއަށް ގެންދާ އިރު، ރޭ ކުޅުނީ ކ. އަތޮޅުގެ، އަތޮޅު ބުރު ފަހު ދެމެޗެވެ. ރޭގެ ދެމެޗާއެކު ކ. އަތޮޅުގެ ފައިނަލް ވަނީ ޔަގީންވެފައެވެ. ކ. އަތޮޅުގެ ފައިނަލަށް ނުކުންނާނީ ރޭ 5-2 އިން ހުރާ ބަލިކުރި ކާށިދޫގެ އިތުރުން ގްރޫޕް ދޭއްގައި 3-2 އިން މާފުށި ބަލިކުރި ގުރައިދުއެވެ.

ކާށިދޫ ފައިނަލް ޖާގަ ހޯދި އިރު، އަބްދުﷲ ސުޒައިރު ވަނީ އެ މެޗުގައި ހެޓްރިކް ހަދާފައެވެ. ކާށިދޫގެ އަނެއް ގޯލުތައް ޖަހައިދިނީ އިލްވާން މުހައްމަދާއި އަހުމަދު ނާސިހެވެ. މެޗުގައި ހުރާގެ ދެ ގޯލުވެސް ޖެހީ މުހައްމަދު ތަސްމީން (ތައްތި) އެވެ. ކ. އަތޮޅުގެ ފައިނަލް މެޗު މާޗު އަށްވަނަ ދުވަހުގެ ރޭގައެވެ.

ރޭ ތ. އަތޮޅުގައި ދެ ގްރޫޕުގެ ދެ މެޗު ކުޅެފައިވާ އިރު، ފުރަތަމަ މެޗުގައި ގާދިއްފުށިން ކިނބިދޫ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ތ. އަތޮޅުގެ ދެން ކުޅުނީ އެންމެފަހުގެ ޗެމްޕިއަން ތިމަރަފުށިން ވޭމަންޑުއާ ދެކޮޅަށް ކުޅުނު މެޗެވެ. ބޮޑު ސްޕޮންސާއަކާއެކު މިފަހަރުގެ މުބާރާތަށްވެސް ތިމަރަފުށިން ނުކުތް އިރު، އެ ޓީމުން ރޭ ވޭމަންޑޫ ބަލިކުރީ 7-4 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ތިމަރަފުށީގެ ގޯލުތައް ޖަހައިދިނީ އިބްރާހީމް އަސްވާދު (ގަބޭ)ގެ އިތުރުން އިސްމާއީލް މުނީޒް އަދި އަލީ ޝިފާއު (ރޮނާ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުނީޒް ހެޓްރިކް ހެދި އިރު، ގަބޭއާއި ރޮނާ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. ވޭމަންޑޫގެ ގޯލުތައް ޖަހައިދިނީ މާޒިން އަހުމަދު، އަދުހަމް ޝަރީފް އަދި މޫސާ މުހައްމަދު މަނިކެވެ. އަދުހަމް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.

ގއ. ގްރޫޕް އެކެއްގައި ރޭ ކުޅުނު މެޗުގައި ނިލަންދޫން ކަނޑުހުޅުދޫ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ މެޗަކީ ނިލަންދޫއާއި ކަނޑުހުޅުދޫވެސް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. އެ އަތޮޅު އަނެއް ގްރޫޕުގައި ރޭ ކުޅުނު މެޗުގައި މާމެންދޫން ދެއްވަދޫ ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ. އެ މެޗަކީ ގްރޫޕް ދޭއްގައި އެ ދެޓީމުންވެސް ކުޅުނު ފުރަތަމަ މެޗެވެ.

ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.

މުބާރާތުގައި މިރޭ އޮންނާނީ ގދ. އަތޮޅާއި، މ. އަތޮޅު އަދި އަދި ލ. އަތޮޅުގެ މެޗުތަކެވެ. މ. އަތޮޅުގައި މިރޭ ކުޅޭނީ ދެ ގްރޫޕެއްގެ ދެމެޗެވެ. އަނެއް ދެ އަތޮޅަކީވެސް އެއް ގްރޫޕުގައި ލީގު އުސޫލު ކުޅެ، ޗެމްޕިއަން ކަނޑައަޅާ ދެ އަތޮޅަށްވާ އިރު، އެ ދެ އަތޮޅުގައި ކުޅޭނީ ލީގު ބުރުގެ މެޗުތަކެވެ.

މުބާރާތުގައި މިރޭ އޮންނަ މެޗުތައް

ގދ. އަތޮޅު

20:15 ހޯޑެއްދޫ - މަޑަވެލި
21:15 ވާދޫ - ގައްދޫ

މ. އަތޮޅު

20:15 މުލަކު - މުލި (ގްރޫޕް 1)
21:15 މަޑުއްވަރި - ނާލާފުށި (ގްރޫޕް 2)

ލ. އަތޮޅު

22:15 މާމެންދޫ - ގަން
22:15 އިސްދޫ - ކަލައިދޫ