ކުޅިވަރު

ދެވަނަ މޮޅާއެކު ވާދޫ ކުރިއަށް، ކޮނޑޭ ފެށީ ތަފާތު ބޮޑު މޮޅަކުން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތައް ގއ. ކޮނޑޭ، ގއ. ދާންދޫ، ގދ. ވާދޫ، ގދ. ތިނަދޫގެ އިތުރުން އއ. ރަސްދޫން ކާމިޔާބު ކޮށްފިއެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރު ފެށިގެން މިހާރު ކުރިއަށްދާ އިރު، ރޭ ކުޅެފައި ވަނީ އއ. އަތޮޅުގެ ދެމެޗާއި، ގއ. އަތޮޅުގެ ދެ ގްރޫޕުގެ ދެމެޗުގެ އިތުރުން ގދ. އަތޮޅުގެ ދެމެޗެވެ.

މުބާރާތުގައި އއ. އަތޮޅުން ހަތަރު ޓީމު ބައިވެރިވެފައިވާ އިރު، އެ އަތޮޅުގެ ޗެމްޕިއަން ހޮވާނީ ލީގު ބުރަކުންނެވެ. ލީގު ބުރުގައި މިހާތަނަށް ހަތަރު މެޗު ކުޅެފައިވާ އިރު، ރޭ ކުޅުނު ފުރަތަމަ މެޗުގައި ރަސްދޫން ފެރިދޫ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ރަސްދޫއާއި ފެރިދޫވެސް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުތަކުން ބަލިވެފައި އޮތުމުން ރޭގެ މެޗު މުހިއްމުވިއެވެ.

މުހިއްމު މޮޅު ރަސްދޫއަށް ހޯދައިދިން ގޯލުތައް ޖެހީ އަހުމަދު އިޔާދާއި އިބްރާހީމް އާޒިމެވެ. ފެރިދޫގެ ހަމައެކަނި ގޯލު ޖަހައިދިނީ މުހައްމަދު ޝައްފާނެވެ.

އއ. އަތޮޅުގައި ރޭ ބޮޑުފޮޅުދުއާއި މަތިވެރި ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގައި މަތިވެރިން ޖެހި ގޯލު މުހައްމަދު އިމްރާން ޖަހައިދިން އިރު، ބޮޑުފޮޅުދޫން ޖެހި ގޯލު ޖެހީ ޖާދުﷲ އަހުމަދެވެ.

ގއ. އަތޮޅުންވެސް މުބާރާތުގައި އަށް ޓީމު ބައިވެރިވެފައިވުމާއެކު، އެ އަތޮޅުގެ މެޗުތައް ކުޅޭނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެއްވަނަ އަދި ދެވަނަ ޓީމު ފައިނަލަށް ގޮސް އަތޮޅު ޗެމްޕިއަންކަން ހޮވަން ފައިނަލް މެޗެއް ކުޅޭނެއެވެ. ގއ. އަތޮޅުގެ ދެ ގްރޫޕުގެ ކުޅުންވެސް ރޭ ފަށާފައިވާ އިރު، ފުރަތަމަ މެޗުގައި ކޮނޑޭއިން ގެމަނަފުށި ބަލިކުރީ 8-0 ގެ ތަފާތު ބޮޑު ނަތީޖާއަޖުންނެވެ. އަނެއް މެޗުގައި ދާންދޫން ވަނީ 4-1 އިން ކޮލަމާފުށި ބަލިކޮށްފައެވެ.

ކޮނޑޭގެ ޓީމުން ފުޓްސަލްގެ މަޝްހޫރު ނަންތައް ކަމަށްވާ އަހުމަދު ވިޖުދާން (ވިޖުއްކޮ) އާއި ޝިފާޒް އާދިލް (ތުއްތު) ފަދަ ކުޅުންތެރިން ފާހަގަވެފައިވާ އިރު، ރޭގެ މެޗުގައި ތުއްތު ވަނީ ހަތަރު ގޯލު ޖަހައިފައެވެ. މެޗުގެ އިތުރު ގޯލުތައް ޖެހީ އިނާން އަހުމަދާއި، އިބްރާހީމްގެ އިތުރުން ވިޝާން ހަސަން ދީދީ އަދި އަހުމަދެވެ.

ގއ. ގްރޫޕް ދޭއްގައި ދާންދޫން ކޮލަމާފުށި ބަލިކުރި އިރު، ދާންދޫގެ އިބްރާހީމް ހަސަން ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. އޭގެ އިތުރުން ދާންދޫގެ ގޯލުތައް ޖަހައިދިނީ އިސްމާއީލް ނަސީރާއި މުހައްމަދު އަބްދުލް ސައްތާރެވެ. ކޮލަމާފުށީގެ ހަމައެކަނި ގޯލު ޖެހީ މުޚްލިސް ނަޖީބެވެ.

މުބާރާތުގައި ފަސް ޓީމު ވާދަކުރާ ގދ. އަތޮޅުގައިވެސް ރޭ ވަނީ ދެމެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ތިނަދޫން 1-0 އިން ގައްދޫ ބަލިކުރި އިރު، ވާދޫން ވަނީ 2-0 އިން ހޯޑެއްދޫ ބަލިކޮށްފައެވެ. ވާދޫން މިހާތަނަށް ގްރޫޕުގައި ކުޅުނު ދެމެޗުން ހަ ޕޮއިންޓް ހޯދައިފައި އޮތް އިރު، މިވަގުތު އެއްވަނައިގައި އޮތީވެސް އެޓީމެވެ.

ރޭ ތިނަދޫ މޮޅުކޮށްދިން ގޯލު ޖަހައިދިނީ އަހުމަދު އަބްދުލް އަޒީޒެވެ. ވާދޫގެ ދެ ގޯލު ޖަހައިދިނީ އިބްރާހީމް ޝައުފް މުހައްމަދާއި، މުހައްމަދު އިޔާދު އަލީއެވެ.

ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. މުބާރާތުގައި މިރޭ އޮންނާނީ ފ. އަތޮޅުގެ ދެމެޗާއި، މ. އަތޮޅުގެ ދެމެޗުގެ އިތުރުން އދ. އަތޮޅުގެ ދެމެޗެވެ.

މިރޭ އޮންނަ މެޗުތައް

ފ. އަތޮޅު

20:15 ނިލަންދޫ - ބިލެއްދޫ
21:15 ފީއަލި - މަގޫދޫ

މ. އަތޮޅު

(ގްރޫޕް 1)
20:15 ކޮޅުފުށި - މުލި

(ގްރޫޕް 2)
21:15 ދިއްގަރު - މަޑުއްވަރި

އދ. އަތޮޅު

(ގްރޫޕް 1)
22:15 ފެންފުށި - މާމިގިލި

(ގްރޫޕް 2)
22:15 އޮމަދޫ - ކުނބުރުދޫ