ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑުއެހުން، ކުރިމިނަލް ކޯޓަށް އެޖެންޑާކޮށް، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ބޭނުންކުރި މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދައުވާ އެޖެންޑާ ނުކުރި މައްސަލަ ބަލައިދިނުމަށް އެދި ޖުޑިސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ރައީސް ޔާމީންގެ މައްސަލަ އެޖެންޑާކޮށް ކުރިއަށްގެންގޮސްވައި ވަނީ ހުސްވި ޖެނުއަރީ މަހުގެ 27 ގައެވެ.

ނަމަވެސް މަހުލޫފު މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރުމަށްފަހު ވަނީ ކެންސަލްކޮށްފައެވެ. ކުރިމިނަލް ކޯޓުން ބުނީ އެ މައްސަލައިގެ އަޑުއެހުން ކެންސަލް ކުރީ ކޮވިޑާ ގުޅިގެން ކަމަށެވެ.

އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމުން ތުހުމަތު ކުރަނީ އެގޮތަށް ކޯޓުން އަމަލު ކުރީ ނިމިދިޔަ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ނުފޫޒު ފޯރުވުމަށެވެ.

ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިއަދު މަޖިލިސް ޖަލްސާގައިވެސް ވިދާޅުވީ އެއް ދުވަސްވަރެއްގައި އެ ދެޝަރީއަތް ބޭއްވުމަށް ތާވަލު ކުރުމަށްފަހު މަހުލޫފް މައްސަލަ ކެންސަލް ކުރީ، މިނިވަން ކަމާއެކު ކެމްޕެއިންގައި އުޅުމަށް މަހުލޫފަށް ފުރުސަތު ދިނުމަށް ކަމަށެވެ.

ރައީސް ޔާމީންގެ މައްސަލަ ތާވަލުކޮށްފައި އޮތީ ކުރިމިނަލް ކޯޓުގައި މައްސަލަ ތާވަލުކުރުމާބެހޭ އުސޫލާ ހިލާފަށް ކަމަށްވެސް ޝިހާމް ވިދާޅުވިއެވެ. އަދި އެއީ އެއް ދުވަސްވަރެއްގައި އެއް ކަމަކާބެހޭގޮތުން ދެމީހަކަށް ދެގޮތަކަށް ކޯޓުން ކަންތައް ކޮށްފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ އެ މައްސަލަ ޖޭއެސްސީން ބެލުމަށްވެސް ޝީޔާމް މިއަދު ގޮވައިލެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނަވަނީ ޖޭއެސްސީގައިކަން ފާހަގަ ކުރައްވައި އެމައްސަލަ ބެއްލެވުމަށް މަޖިލިސް ރައީސްގެ ކިބައިންވެސް ޝިޔާމު އެދިލެއްވިއެވެ.

ޝިޔާމުގެ އެ ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ ޝިޔާމް ހަގީގަތުގައިވެސް ޖޭއެސްސީއަށް މައްސަލައެއް ހުށަހަޅުއްވަން ބޭނުންފުޅުނަމަ ސިޓީއަކުން އެ މައްސަލައެއް ހުށަހެޅުއްވޭނެ ކަމަށެވެ.

އެއީ ހުރިހާ ރައްޔިތުންނަށްވެސް އޮންނަ އިޖުރާއަތެއް ކަމަށާއި އެކަމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެތަނަށް ހުށަހެޅޭ ހުރިހާ މައްސަލައެއް ބަލާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް "ޖިނާއި އަދުލުގެނިޒާމް ރޭވިފައި އޮންނަނީ ހުށަހެޅޭ މައްސަލަތަކުގެ މައްޗަށް ޝަރީއަތް ހިންގަން، ހުށަނޭޅޭ މައްސަލަތަކަށް ޝަރީއަތެއް ނުހިންގޭނެ،" ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޖޭއެސްސީގެ އޮފިޝަލަކު ވަން އަށް މިއަދު ވިދާޅުވީ އިއްޔެއާ ހަމައަށްވެސް އެ މައްސަލަ ބަލައިދިނުމަށް އެދި އެއްވެސް ފަރާތަކުން ޖޭއެސްސީއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.