ދައުލަތުގެ ބަޖެޓްގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި ސަރުކާރަށް މުވައްޒަފުން އިތުރު ކުރުމުގެ ބަދަލުގައި، މުވައްޒަފުންގެ އެފިޝެންސީ އިތުރުކޮށް، ޑަބަލްޕެންޝަން ދެވޭ ގޮތަށް ހުރި ކަންތައްތައް ގާނޫނުގެ ތެރެއަށް ވެއްދުމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ލަފާދެއްވައިފިއެވެ.
އޮޑިޓާ ޖެނެރަލް މިކަމަށް ލަފާ ދެއްވީ، އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ، މަޖިލީހުގެ ބަޖެޓް ކޮމިޓީއަށެވެ.
ބަޖެޓުގައި ހިމެނޭ ކަންތައްތަކުގެ ތެރެެއިން އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް، އެ ކަންތައްތަކަށް އޮޑިޓާ ޖެނެރަލް ދެއްވާ ލަފާގެ ގޮތުގައި ކަންކަން ހިމަނައި، އޮޑިޓާ ޖެނެރަލްގެ އޮފީހުން ބަޖެޓް ކޮމިޓީއަށް ހުށަހެޅި ރިޕޯޓްގައި ބުނެފައި ވަނީ، 2027 އަށް ހުށަހަޅާފައިވާ ބަޖެޓްގައި، ދައުލަތުގެ ހަރަދަށް ބަލާއިރު ޖުމްލަ ބަޖެޓް 59 ބިލިޔަންގައި ހުރި ނަމަވެސް ދައުލަތުގެ ޖުމްލަ ހަރަދުގެ ގޮތުގައި ރިކަރަންޓް އަދި ކެޕިޓަލް އެކްސްޕެންޑިޗާގެ ގޮތުގައި 52.6 ބިލިޔަން ހަރަދުވާނެ ކަމަށް ހިމަނާފައިވާ ކަމަށެވެ.
ހުށަހަޅާފައިވާ ބަޖެޓަށް ބަލާއިރު ހަރަދު އިތުރުވުން މައިގަނޑު ގޮތެއްގައި އައިސްފައިވަނީ، ކެޕިޓަލް ހަރަދުން ކަމަށާއި ފާއިތުވެ ދިޔަ އަހަރުގައި އެކަމަށް ކުރި ހަރަދު، 5.8 ބިލިޔަންގައި ހުރި އިރު، 2027 ގައި 9.8 ބިލިޔަނަށް ކެޕިޓަލް ހަރަދު އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.
ދައުލަތުގެ ހަރަދުތައް އިތުރުވަމުންދާ އެއްގޮތަކީ، މުވައްޒިފުންނަށް ކުރާ ހަރަދު އަހަރުން އަހަރަށް އިތުރުވެގެން ދިއުންކަން ފާހަގަކޮށް، އެ ރިޕޯޓްގައި ވަނީ، ހަރަދު ތަކުގެ ތަފްސީލަށް ބަލާއިރު، މުވައްޒަފުންނަށް ހިނގާ ހަރަދު މައިގަނޑު ގޮތެއްގައި، އިތުރުވެފައި ވަނީ ޕޭ ހާމަނައިޒޭޝަންގެ ސަަބަބުން ރީ ސްޓްރަކްޗާގެ ތެރެއިން މުސާރަކަތަށް އެއްހަމަ ކުރުމުގެ ޕޮލިސީތައް ދައުލަތުން ތަންފީޒު ކުރަމުން ދިއުމުގެ ތެެރެއިން ކަމަށް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ފާއިތުވި އަހަރުތަކުގައި މުސާރަތައް ބޮޑުވެ، މުވައްޒަފުންގެ އަދަދު އިތުރުވަމުން ދިއުމާ ގުޅިގެން މުސާރައަށް ކުރާ ހޭދަ ވަރަށް ބޮޑުތަނުން އިތުރުވެގެން ގޮސްފައިވާކަން ވެސް އެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.
އެމައްސަލައިގައި، އޮޑިޓާ ޖެނެރަލް ދެއްވާފައިވާ ލަފައަކީ، މުވައްޒަފުން އިތުރު ކުރުމުގެ ބަދަލުގައި މުވައްޒަފުންގެ އެފިޝެންސީ އިތުރުކޮށް ދައުލަތުގެ ހިދުމަތްތައް ދެވޭނެ އިތުރު ގޮތްތައް ހޯދުމެވެ.
އެގޮތުން އިތުރު މުވައްޒަފުން ނެގުމުގެ ބަދަލުގައި އެހެނިހެން ގޮތްގޮތުން އެފިޝެންސީ އިތުރުކޮށް ކުރިއަށްދިއުން މުހިއްމު ކަމަށްވެސް ލަފާގައި ހިމަނާފައިވެއެވެ.
ޕެންޝަންގެ ގޮތުގައި ދޭ ފައިސާ އަހަރުން އަހަރަށް ބޮޑުތަނުން އިތުރުވަމުންދާކަން ވެސް އެ ރިޕޯޓުގައި ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
"އެގޮތުން ޕެންޝަން ފައިސާއަށް ބަލާއިރުގައި ފާއިތުވެދިޔަ އަހަރުތަކުގައި ބަޖެޓް އެކްސެކިއުޝަނުން ކުރިންވެސް ލަފާދިން އިރު ފާހަގަކޮށްފައިވާނެ ޕެންޝަން ސްކީމްތައް ޕެންޝަންގެ ގާނޫނުގެ އިތުރު ޕެރެލަލް ޕެންޝަން ސްކީމްތަކެއް ނޫނީ ޑަބަލް ޕެންޝަން ސްކީމްތަކެއް ދައުލަތުގެ ތެރޭގައި ހިނގަމުންދާކަން މިކަމުގެ ސަބަބުން އަހަރުން އަހަރަށް ޕެންޝަންގެ ގޮތުގައި ދައުލަތުން ދޭންޖެހޭ ފައިސާ އެފެޝެންސި އަހަރުން އަހަށް އިތުރުވަމުން އެބަދޭ،" ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
އެ ރިޕޯޓުގައި ބުނެފައިވާގޮތުން 2025 ވަނަ އަހަރުގެ ބަޖެޓްގައި ފިނޭންސްއިން ހުށަހަޅާފައިވާ މައުލޫމާތުތަކަށް ބަލާއިރުވެސް، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އާބާދީ މުސްކުޅިވާ ނިސްބަތަށް ބަލާއިރު 2055 އަންނަ އިރުގައި އެ އަދަދު 7.6 އަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
އެކަމުގެ ކަންބޮޑުވުން ފާހަގަކޮށް އޮޑިޓާ ޖެނެރަލް ލަފާދެއްވާފައި ވަނީ، ގާނޫނާ އެއްގޮތަށް ޕެންޝަން ސްކީމްތައް ހާމަނައިޒްކޮށް ޑަބަލް ޕެންޝަންގެ ގޮތުގައި ދެވޭ ފައިސާ ޕެންޝަން ގާނޫނުގެ ތެރެއަށް ހާމަނައިޒް ކުރެވޭނެ ގޮތަށް ކަންތައް ކުރިއަށް ގެންދިއުމަށެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް