މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކުންފުންޏަކަށް ދޫކުރި 500،000 ޑޮލަރުގެ ލޯނު ފެސިލިޓީއަކަށް ފައިސާ ނުދައްކާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދާއި އިތުރު ހަތަރު މީހެއް އަދި ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވާ މައްސަލައިގައި ހިމެނޭ ދަރަނި ދައްކައި ހަލާސް ކުރައްވާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްއައިބީން ދައުވާ ކޮށްފައިވަނީ، "ސޭލް އެންޑް ލީސްބެކް ފެސިލިޓީ"ގެ ގޮތުގައި ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި 500،000 ޑޮލަރު އެއްބަސްވެފައިވާ ގޮތަށް އަނބުރާ ނުދައްކައިގެންނެވެ.
ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ޝަމްހީދުގެ މައްޗަށް ހުކުމްކޮށްފައި ވަނީ، ލޯނަށް ގެރެންޓީ ދިން މީހުންގެ ތެރޭގައި ހިމެނޭތީއެވެ.
ގެރެންޓީ ދިން މީހުން:
- އަހުމަދު އަސްލަމް، އޯކިޑްވިލާ، ގއ. ދެއްވަދޫ
- އަހުމަދު ސައީދު، ސައިމާގެ، ގއ. ދެއްވަދޫ
- އަހުމަދު ޝަމްހީދު، ގޯތި ނަންބަރު 11088 (ވާރެގެ)، މާލެ
- މުހައްމަދު ހަމްދާން ބާގިރު، ފެހިވިދުވަރުގެ، ސ. ހުޅުދޫ
- މުހައްމަދު ފިޔާޒް، ސެވަންސީ، ގއ. ދެއްވަދޫ
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ އެމްއައިބީން 500،000 ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީއެއް ދޫކޮށްފައިވާކަން ސާބިތުވާ ކަމަށާއި "ޑުޕްލެކްސް ކްރޫޒް" ސަފާރީ ރަހުނުކޮށްފައިވާކަން ސާބިތުވާކަން ކަނޑައަޅައި ފެސިލިޓީއާ ގުޅިގެން ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކައި ހަލާސްކުރެވި، ފެސިލިޓީ ބަންދުކުރެވެންދެން ރަހުނު އެގްރީމެންޓުގެ ދަށުން ބޭންކަށް ލިބިފައިވާ އެންމެހާ އިލްތިޒާމުތަކާއި ހައްގުތަކާއި އަދި ބާރުތައް ބާތިލުނުވެ ދެމިގެންދާނެ ކަމަށް ކަނޑައަޅާ ކަމަށެވެ.
ފެސިލިޓީގެ ބާކީގައި މިމަހުގެ 4 ގެ ނިޔަލަށްވާ 244،826.52 ޑޮލަރާއި ޗެރިޓީގެ ގޮތުގައި އަރާފައިވާ 36،647.76 ޑޮލަރު އަދި އެ ފެސިލިޓީއަށް މަހުންމަހަށް އަރަމުންދާ "މަންތުލީ ރެންޓަލް" ފައިސާއާއި، ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާއާއި، ފެސިލިޓީ އެއްބަސްވުމުގެ ދަށުން ދައްކަންޖެހި ނުދައްކައިވާ އެންމެހައި ފައިސާ އެމްއައިބީއަށް ލިބުދިނުމުގެ ގޮތުން، ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދުނޫން އަދަދެއްގެ ފައިސާ އެމްއައިބީއަށް ދައްކަމުންގޮސް، 10 ނޮވެމްބަރު 2026 އިން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ ދަރަނި ދައްކައި ހަލާސްކުރުމަށް ކުންފުންޏާއި ފަސް މީހުންގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ޝަމްހީދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަކީ އޭނާގެ ކުރީގެ ރައްޓެހިންތަކަކާ އެކު ވިޔަފާރި ކުރުމަށް އުފެއްދި ކުންފުންޏެއް ނަމަވެސް، އެ ކުންފުނީގެ ހިންގުމާ ދުރުގައި ހުންނަވާތާ ހަތް އަހަރު ވެފައިވާ ކަމަށެވެ. އެ ލޯނަކީ ކުންފުނީގެ ބައެއް ހިއްސާދާރުންގެ އަމިއްލަ ބޭނުމަކަށް ނެގި ލޯނެއް ކަމަށާއި އެ ލޯނު ނެގެން އޮތީ އޭނާ ގެރެންޓީ ދެއްވައިގެން ކަމަށް ވާތީ، ހިއްސާދާރުންނަށް އެހީތެރިވެދިނުމުގެ ގޮތުން ގެރެންޓީ ދެއްވީ ކަމަށް ވެސް ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވި ގޮތުގައި، އެމްއައިބީގެ އެ ފެސިލިޓީއަށް ފައިސާ ނުދައްކާކަން އެނގިވަޑައިގެންނެވި ހިސާބުން ފެށިގެން، ޑުޕްލެކްސް ކުންފުނި ހިންގުމާއި މާލީ ކަންކަމުގައި ޒިންމާވާ ފަރާތްތަކާ ވާހަކަ ދައްކަވައި، ލޯނު އަނބުރާ ދެއްކުމަށް ތަކުރާރުކޮށް އެދިވަޑައިގެންނެވިއެވެ.
"މި ލޯނަކީ އަޅުގަނޑުގެ ބޭނުމަކަށް ނެގި ލޯނަކަށް ނުވި ނަމަވެސް، ގާނޫނީ ގޮތުން އަޅުގަނޑާ މަތިކުރި މި ދަރަނި މާތް ﷲ ގެ ވާގިފުޅާއެކު ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކައި ހަލާސް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ޝަމްހީދު ވިދާޅުވިއެވެ.
ލޯނު ނެގި ފަރާތްތަކުން ފައިސާ ނުދެއްކުމުން، އަމިއްލަ ހައިސިއްޔަތުން އެ ހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް އެ ލޯނަށް ފައިސާ ދައްކަވަމުން ގެންދަވާ ކަމަށް ވެސް ޝަމްހީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ލޯނުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ވެސް ޑުޕްލެކްސް ހިންގަން ތިބި ފަރާތްތަކުން ސަމާލު ކަމެއް ނުދީ ކޯޓަށް ޖަވާބުދާރީވެފައި ނުވާ ކަމަށާއި ހުކުމް ކުރުމުގެ ކުރިން އޭނާ ކޯޓަށް ހާޒިރުވުމަށް އެއްވެސް އެންގުމެއް އަންގާފައި ނުވާ ވެސް ވިދާޅުވިއެވެ. މައްސަލަ ނިންމި ގޮތުގެ ހުކުމް ފޮނުވީ އީމެއިލް މެދުވެރިކޮށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބަޔާނުގައި ޝަމްހީދު ވަނީ މި މައްސަލައިގެ ފަހަތުގައި ސިޔާސީ މަގުސަދެއް އޮތް ކަމަށް ތުހުމަތުކުރައްވައި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ. މިއީ އޭނާގެ އަމިއްލަ ބޭނުމަކަށް ނެގި ލޯނެއް ނޫންކަން ސާފުކޮށް އެނގެން އޮތް އިރު ވެސް، މިފަދަ އަމިއްލަ މަސްލަހަތު ހުރި ކަންކަން ސިޔާސީ ކަންކަމަށް ބަދަލުކޮށް އޭނާގެ އަބުރު ކިލަނބުކޮށްލަން އެ ކުންފުނީގެ ވެރިން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު
ކޮމެންޓް