އިލެކްޝަންސް ކޮމިޝަން

ކޮމަންޑޫ ބައި އިލެކްޝަން: މިހާތަނަށް 44.48 އިންސައްތަ މީހުން ވޯޓު ލައިފި

އިބްރާހިމް ޒަކީ

ވާދަ ވެރި ބޮޑެތި ކެމްޕެއިން ތަކަކަށްފަހު، ށ.ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝންގެ ވޯޓު ލުން މިއަދު ހެނދުނު 8:00 ގައި ފަށައިގެން މިހާތަނަށް އައިއިރު 44.48 ޕަސެންޓް މީހުން ވޯޓު ލައިފިއެވެ.

އިލެކްޝަނުން ބުނެފައި ވަނީ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު އެ ދާއިރާގެ ތިން ރަށް ކަމަށްވާ ކޮމަންޑޫ އާއި ފޯކައިދޫ އަދި މަރޮށީގެ 3،309 މީހަކަށް ލިބިގެންވާ ކަމަށެވެ. އެއީ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ނިޔަލަށް އުމުރުން 18 އަހަރު ފުރޭ އެ ދާއިރާއަށް ނިސްބަތްވާ މީހުންގެ އަދަދެވެ.

އޭގެ ތެރޭގައި ހިމެނެނީ، ކޮމަންޑޫގެ 1،405 މީހުންނާއި، ފޯކައިދޫގެ 1،201 މީހުންނާއި، މަރޮށީގެން 703 މީހުންނެވެ.

މި އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ، ކޮމަންޑު އާއި ފޯކައިދޫގައި ދެ ވޯޓު ފޮށި އަދި މަރޮށީގައި އެއް ފޮށީގެ އިތުރުން މާލޭ އިސްކަންދަރު ސްކޫލުގައި ދެ ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ. އެއީ ކޮމަންޑޫއަށް އެއް ފޮށި، މަރޮށި، ފޯކައިދޫއަށް އެއް ފޮއްޓެވެ.

އިންތިހާބުގައި މިހާތަނަށް ވޯޓުލީކަމަށް، އިލެކްޝަންސް ކޮމިޝަނުން ބުނާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 1472 މީހުން ވަނީ ވޯޓު ލައިފައެވެ. އެއީ 44.48 ޕަސެންޓެވެ. އެހެންކަމުން ވޯޓު ލުމުގެ ހައްގު ލިބިގެންވާ އެންމެން ލާނެ ކަމަށް ބެލިޔަސް، ވޯޓު ނުލާ މީހުންގެ ނިސްބަތް އުޅެނީ 55.5 ޕަސެންޓުގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވަން އަށް ވިދާޅުވީ، ހުރިހާ ސަރަހައްދެއްގައި ވެސް ވޯޓު ލުން މަޑުމަޑުން ކުރިއަށްދާ ކަމަށެވެ. ނަމަވެސް އާއްމު އުސޫލުން ހަވީރު ވޯޓުލާން ނިކުންނަ މީހުންގެ އަދަދު އިތުރުވާނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.