ދ. މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރުބުރުގެ ވޯޓު ނަގަން ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަން މިއަދު ހެނދުނު 8:00 އިން ފެށިއިރު، ވޯޓުލުން ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ. މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރުބުރުގެ ވޯޓު ލުމުގެ ކަންކަން ކުރިޔަށްދާ އިރު މިއަދުގެ 9:00 އާ ހަމަޔަށް ވޯޓުލީ މީހުންގެ އަދަދު އީސީން ވަނީ ހާމަކޮށްފައެވެ. ޖުމުލަ ވޯޓުލީ މީހުންގެ އަދަދަކީ 11.53 ޕަސެންޓެވެ. ވޯޓު ނުލާ މީހުންގެ އަދަދަކީ 88.47 ޕަސެންޓެވެ.

އިންހާބުގައި ވޯޓުލުމުގެ ހައްގު 1049 މީހަކަށް ލިބިގެންވާ ކަމަށް އީސީން ބުނެއެވެ. އެގޮތުން މީދުއަށް ވޯޓުލާނީ 587 މީހުން ކަމަށް އެ ކޮމިޝަނުުން ބުނެއެވެ. މާލެއަށް ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވަނީ 462 މީހުން ކަމަށް އީސީން ބުންޏެވެ.

މި އިންތިހާބުގެ އިތުރު ބުރެއް ބާއްވަން ޖެހުނީ، މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއާ މެދު ހައިކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވީ އެމްޑީއޭގެ ފަރާތުން މުހައްމަދު ޝާހިދާއި ޕީއެންސީގެ ފަރާތުން ސުހާ އިބްރާހީމެވެ.

އެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކުރި އިރު، ސުހާއަށް 393 ވޯޓު އަދި ޝާހިދަށް 392 ވޯޓު ލިބިފައިވާ ކަމަށް ދެއްކިއެވެ. ނަމަވެސް އެމްޑީއޭގެ ފަރާތުން ހުށަހެޅި މައްސަލައަކާ ގުޅިގެން އަލުން ވޯޓު ގުނުމުން، ސުހާއަށް ލިބުނު ދެ ވޯޓެއް ބާތިލު ކަމަށް އީސީން ނިންމިއެވެ. އެ ނިންމުމާއެކު، ސުހާގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.

ހައިކޯޓުން މައްސަލަ ބަލައި ނިންމީ، ބާތިލުކުރި ދެ ވޯޓުގެ ތެރެއިން އެއް ވޯޓަކީ ސައްހަ ވޯޓެކެވެ. އެ ވޯޓުގައި ފާހަގަ މަތިން އިތުރަށް ފަވާފައިވީ ނަމަވެސް، އެއީ ކާކަށް ދިން ވޯޓެއްކަން ސާފުކޮށް އެނގެން އޮތުމުން އެއީ ސައްހަ ވޯޓެއް ކަމަށް ކޯޓުން ކަނޑައެޅިއެވެ. މި ހުކުމާ އެކު ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު ވަނީ 392 އިން އެއްވަރުވެފައެވެ.

މިއަދު ކުރިއަށްދާ ވޯޓުލުމަކީ މި ދެ ކެންޑިޑޭޓުންގެ މެދުގައި ނަތީޖާ އެއްވަރުވުމުން، ކައުންސިލްގެ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށްޓަކައި ބާއްވާ ދެވަނަ ބުރެވެ.