ހައްޖު ކޯޕަރޭޝަންގައި މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލި ބޭފުޅުންގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގެ މެންބަރަކު ކަމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން އެ ކޮމިޝަނަށް ދަފްތަރު ނަންބަރު ރސ. 13449، މުހައްމަދު ޝަކީލް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ދެއްވުމަށް އެދި ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވެވުމުން އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.
ޝަކީލުގެ ނަންފުޅާއެކު އީސީގެ މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ބޭފުޅުންގެ ނަންތައް ވެސް ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.
އީސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހަށް ނަން ފޮނުއްވި ޝަކީލް މީގެ ކުރިން ވެސް ވަނީ އީސީގެ މެންބަރު ކަމުގެ މަގާމު އަދާކުރައްވައިފައެވެ. އެގޮތުން، 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިނަކުން ފެށިގެން ނުވައެއް މެއި 2018 އާ ހަމައަށް މެންބަރުކަން ކުރައްވާފައިވާ އިރު، 2013 ސެޕްޓެމްބަރުން ފެށިގެން ތިނެއް ޑިސެމްބަރު 2014އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ.
އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ މީގެ ކުރިން އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި، މުހައްމަދު ޒާހިދު، އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުންނާއި މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އީސީއަކީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ.
އެ ކޮމިޝަނުގައި މިވަގުތު ތިއްބެވީ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހު ރަޝީދާއި މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާ އާއި އަބްދުލްހަސީބް އިސްމާއީލް އާއި ރިފްއަތު އަބްދުﷲއެވެ.
މިވަގުތު އެކޮމިޝަނުގެ ރައީސްގެ މަގާމު އޮތީ ހުސްކޮށެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް