އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި، ހައްޖު ކޯޕަރޭޝަންގައި މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އާ ގުޅޭގޮތުން އާއްމުންގެ ޝަކުވާއެއް އޮތް ނަމަ، ހުށަހަޅަން ހުޅުވާލައިފިއެވެ.
އީސީގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލި ބޭފުޅުންގެ ތެރެއިން އީސީގެ މެންބަރު ކަމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން އެ ކޮމިޝަނަށް، ދަފްތަރު ނަންބަރު ރސ. 13449، މުހައްމަދު ޝަކީލް އައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުއްވުމުން އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.
އެ މައްސަލަ ދިރާސާކުރުމުގެ ގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ ޝަކީލްއާބެހޭ މައްސަލައެއް އޮތް ނަމަ، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލުމަށް ނިންމައިފައެވެ.
ކޮމިޓީގެ އެ ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، ޝަކީލްއާ ބެހޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ މިމަހު 21 ވަނަ ދުވަހުގެ 2:00 ގެ ކުރިން އެ ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަމްބަރު އެނގޭނެގޮތަށް އެ ޝަކުވާއެއް، ރައްޔިތުންގެ މަޖިލީހުގެ މިިނިވަން މުއައްސަސާތަކުގެ މެއިލްއަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ފޮނުވަން އެދޭ ކަމަށެވެ.
އީސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހަށް ނަން ފޮނުއްވި ޝަކީލް މީގެ ކުރިން ވެސް ވަނީ އީސީގެ މެންބަރު ކަމުގެ މަގާމު އަދާކުރައްވައިފައެވެ. އެގޮތުން، 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިނަކުން ފެށިގެން ނުވައެއް މެއި 2018 އާ ހަމައަށް މެންބަރުކަން ކުރައްވާފައިވާ އިރު، 2013 ސެޕްޓެމްބަރުން ފެށިގެން ތިނެއް ޑިސެމްބަރު 2014އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ.
އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ މީގެ ކުރިން އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި، މުހައްމަދު ޒާހިދު، އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުންނާއި މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އީސީއަކީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ.
އެ ކޮމިޝަނުގައި މިވަގުތު ތިއްބެވީ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހު ރަޝީދާއި މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާ އާއި އަބްދުލްހަސީބް އިސްމާއީލް އާއި ރިފްއަތު އަބްދުﷲއެވެ.
މިވަގުތު އެކޮމިޝަނުގެ ރައީސްގެ މަގާމު އޮތީ ހުސްކޮށެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް