މިއަދު ހެނދުނުން ފެށިގެން، ރައްޔިތުންގެ މަޖިލީހުގެ ށ. ފޯކައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން، އެއްވެސް މައްސަލައެއް ނުޖެހި ކުރިއަށްދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
މީގެ އިރުކޮޅެއް ކުރިން ހަބީބު ވަން އަށް ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ރަށްރަށުގައާއި މާލޭގައި އެދާއިރާގެ ވޯޓު ފޮށި ބަހައްޓާފައިހުރި އިސްކަންދަރު ސްކޫލްގައި ވޯޓުލުން ކުރިއަށްދާ ކަމަށެވެ.
އެއިން އެއްވެސް ތަނެއްގައި، ވޯޓުގެ ކަންތަކަށް އިލެކްޝަނުން ކަނޑައަޅާފައިވާ 100 ފޫޓު ސަރަހައްދުގެ ތެރޭގައި އެއްވެސް މައްސަލައެއް ޖެހިފައި ނުވާ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ. ނަމަވެސް ހަބީބު ވިދާޅުވީ، އިސްކަންދަރު ސްކޫލް ކައިރިން 100 ފޫޓު ސަރަހައްދުން ބޭރުން، މީހުން އަޑުގަދަކޮށް ބަޔަކު އިންޑިއާ އައުޓް ގޮވަމުންދިޔަ ކަމަށެވެ.
"100 ފޫޓު ސަރަހައްދުގެ ތެރޭގައި ހިނގާ ކަންކަން އީސީން ބަލާނެ ނަމަވެސް އޭގެ ބޭރުން ރަށުތެރޭގައި ހިނގާ އެކި ކަންތައްތައް ބައްލަވާނީ ފުލުހުން އެއީ އީސީގެ ކަމެއްނޫން،" ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ، ދާއިރާގެ ރަށްރަށުގައި ވޯޓު ލުން ކުރިއަށްދަނީ މަޑުމަޑުން ކަމަށެވެ. ނަމަވެސް އިސްކަންދަރު ސްކޫލް ފޮށިތަކަށް ވޯޓުލާން އަންނަ މީހުން ކޮންމެވެސް ވަރަކަށް ގިނަ ނަމަވެސް ކިއުގައި ކޮޅަށް ތިބެން ނުޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ ވޯޓުލަމުންދާ ނިސްބަތަށް ބަލާއިރު އެހެން އިންތިހާބު ތަކެކޭ އެއްފަދައިން މެންދުރު ފަހު ވޯޓުލާން ނިކުންނަ މީހުން އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
މިއަދުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 އިން އިން ހަވީރު 4:00 އަށެވެ. ނަމަވެސް މެންދުރުފަހު 3:00 އިން ފެށިގެން ވޯޓުލުން ހާއްސަ ކޮށްފައި ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނަށެވެ.
މި އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު އެ ދާއިރާގެ ތިން ރަށް ކަމަށްވާ ކޮމަންޑޫ އާއި ފޯކައިދޫ އަދި މަރޮށީގެ 3،309 މީހަކަށް ލިބިގެންވެއެވެ. އެއީ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ނިޔަލަށް އުމުރުން 18 އަހަރު ފުރޭ އެ ދާއިރާއަށް ނިސްބަތްވާ މީހުންގެ އަދަދެވެ.
މި އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ ކޮންމެ ރަށެއްގައި ދެ ވޯޓު ފޮށީގެ އިތުރުން މާލޭ އިސްކަންދަރު ސްކޫލުގައި ދެ ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ. އެއީ ކޮމަންޑޫއަށް އެއް ފޮށި، މަރޮށި، ފޯކައިދޫއަށް އެއް ފޮއްޓެވެ.
މި އިންތިހާބުގައި ކޮމަންޑޫ ދާއިރާއަށް ތިން ކެންޑިޑޭޓަކު ވާދަ ކުރައްވައެވެ.
އެއީ ވެރިކަންކުރާ މައިޕާޓީގެ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) އާއި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، މޫސާ ފަތުހީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް ހަންނާނު އިދުރީސް އެވެ.