އިސްލާމްދީނުގެ ސައްހަ އަގީދާ ރައްޔިތުންނަށް ހާމަކޮށްދިނުމަށް ޓަކައި ދީނީ އިލްމުވެރީންގެ އެހީގައި މިއަހަރު "ނޭޝަނަލް މޮޑެރޭޝަން ކެމްޕޭން"ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލަށް ބުރުލެއް އަދި ގުޑުމެއް އައުމަށް ސަރުކާރުން ކުޑަވެސް ފުރުސަތެއް ނުދޭނެ ކަމަށާއި ދިވެހިންގެ އަމާން ސުލްހަވެރި ދިރިއުޅުމުގެ މައްޗަށް ނާމާންކަމާއި، ހަތުރުވެރިކަމާއި، އަދާވާތްތެރިކަމަކަށް ވެރިވެއެއްނުގަނެވޭނެ ކަމަށެވެ.

އިސްލާމީ ތަރިކައާއި ދީނުގެ ސައްހަ އަގީދާގެ ބިންގަލަކީ ފުރިހަމަ ދިވެހި ޖީލެއް ބިނާކުރުމުގެ އަސްލު ކަމަަށާއި މިދިޔަ އަހަރު ސަރުކާރުން އެންމެ އިސްކަންދިން ސިޔާސަތަކީވެސް މާތްވެގެންވާ އިސްލާމްދީނުގެ ސައްހަ މައުލޫމާތު، ދިވެހިންގެ ހިތްތަކުގައި އަށަގެންނެވުމާއި، އިސްލާމީ ރިވެތި އަދަބު އަހުލާގުގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މިދިޔަ އަހަރު ރާއްޖޭގެ 180 ރަށެއްގައި އިސްލާމްދީނުގެ ސައްހަ މައުލޫމާތު ދިނުމާއި، އިސްލާމްދީނުގެ ރިވެތި އުސޫލުތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު ކަމަށާއި ދީނުގެ ނަމުގައާއި، ދީނާ ދެކޮޅަށް ހަރުކަށި ފިކުރު ފަތުރާ، މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދޭ މީހުންނަށް، އިސްލާމްދީނުގެ ސައްހަ އަގީދާ ހާމަކޮށްދިނުމުގައި، ދީނީ އިލްމުވެރިންގެ އެހީގައި މި އަހަރު "ނޭޝަނަލް މޮޑެރޭޝަން ކެމްޕެއިން" އެއް ކުރިއަށް ގެންދެވޭނެ ކަމަށްވެސް ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އިމާމުންނާއި މުދިމުންނަށް އިސްލާމީ ތައުލީމުގެ ރޮނގުން ޑިގްރީ ހޯދައިދިނުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމުގެ ދަށުން 290 ފަރާތަކުން ތައުލީމީ މަރުހަލާ ފުރިހަމަކުރަމުން އަންނަ ކަމަށާއި ޤުރްއާން މުދައްރިސުން ބިނާކުރުމަށް މިދިޔަ އަހަރު 1,599 މީހުން ވަނީ ތަމްރީނުކޮށް ނިމިފައިވާ ކަމަށެވެ.

ހައްޖާއި އުމްރާއާއި، ވަޤްފުގެ ކަންކަމާއި އަދި ޒަކާތާބެހޭ ގާނޫނުތައް އެކުލަވައިލައި، މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަވާނެ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަމާނީ ފަރުމާގެ އާ މިސްކިތްތައް ބިނާކުރުން ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.