Close
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ޔާމީން މިނިވަންވާނެ ކަމަށް ކައިރީގައި ތިބި މީހުން ގަބޫލު ނުކުރާ ކަމަށް ވިދާޅުވުމުން، ޑރ. ޝަހީމްގެ ރައްދެއް ޖަމީލަށް

އިބްރާހިމް ޒަކީ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ބޭނުންކޮށްގެން މަނީލޯންޑާ ކުރުމުގެ ކުށުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވި ފަސް އަހަރުދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށް، އެމަނިކުފާނު މިނިވަން ވެދާނެ ކަމަށް ރައީސް ޔާމީނާ އެންމެ ކައިރީގައި ތިބި މީހުންވެސް އުންމީދު ނުކުރި ކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވުމުން، ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ރައްދު ދެއްވައިފިއެވެ.

ރައީސް ޔާމީން މިނިވަން ވުމާ ގުޅިގެން އިއްޔެ ބޭއްވި ނިއުސްކޮންފަރެންސްގައި ޑރ. ޖަމީލު ވިދާޅުވީ، ސުޕްރީމް ކޯޓުން ރައީސް ޔާމީންގެ ހުކުމް ބާތިލު ކުރުމާ ހަމައަށް، އެމަނިކުފާނަށް އިންސާފު ލިބިގެން ދާނެ ކަމަށް އެންމެ ކައިރީގައި ތިބި މީހުންގެ މެދުގައި ސުވާލު އުފެއްދިފައިވާ ކަމަށެވެ.

ޖޭއެސްސީގައި ވެސް އޮތީ ސަރުކާރުގެ ބާރުކަމަށް ވާތީ، ޝަރުއީ ނިޒާމުން ރައީސް ޔާމީން މިނިވަން ވާނެ ކަމަށް އެމަނިކުފާނުގެ ގިނަ ސަޕޯޓަރުން ގަބޫލު ނުކުރާ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ގިނަ މަސައްކަތްތަކަކުން ކާމިޔާބު ކުރެވުނަސް އެކަން އެގޮތަށް ވާނެ ކަމަށް ގިނަ ބަޔަލު ގަބޫލު ނުކުރާ ކަމަށެވެ.

ރައީސް ޔާމީންގެ ފުރަތަމަ ނައީބު ރައީސްގެ ގޮތުގައި ހުންނެވި ނަމަވެސް ފަހުން، އެމަގާމުން ދުރު ކުރެއްވި ޑރ. ޖަމީލު ދެއްކެވި ވާހަކަތަކާ ގުޅިގެން، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ، ޑރ. ޖަމީލަށް ރައްދު ދެއްވައިފައެވެ.

ޖަމީލަށް ރައްދު ދެއްވައި ޝަހީމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން މިނިވަންވާނެ ކަމަށް، އެންމެ ކައިރީގައި ތިއްބެވި ބޭފުޅުން ފެށުނީއްސުރެ ވެސް ގަބޫލު ކުރަމުންދިޔަ ކަމަށެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެބޭފުޅުން ތިއްބެވީ އެ ގޮތުގައި ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި ދުޝްމަނުން ރައީސް ޔާމީނަށް ވަގަށް ގޮވިއިރުވެސް ރައީސް ޔާމީނަކީ ވަގެއް ނޫން ކަމަށް އެބޭފުޅުން ވިދާޅުވަމުން ގެންދެވި ކަމަށްވެސް ޝަހީމު ވިދާޅުވިއެވެ. ޝަހީމު މިހެން ވިދާޅުވެފައިވަނީ ޑރ. ޖަމީލަށް ރައްދުކޮށެވެ.

އެއީ ރައީސް ޔާމީންގެ ނައިބު ރައީސް ކަމުން ޑރ. ޖަމީލު ވަކި ކުރުމުން، އެއިރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ރާއްޖޭން ބޭރަށް އިނގިރޭސި ވިލާތަށް ވަޑައިގެން ހުންނަވައި ޖަމީލު ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އޭގެތެރޭގައި ރައީސް ޔާމީން ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެވަޑައިގެންފައިވާ ކަމަށްވެސް ޖަމީލު ތަކުރާރުކޮށް ވިދާޅުވެފައި ވެއެވެ.