ތ. ވިލުފުށީގެ ނަލަހިޔާ އިސްލާމީ މަރުކަޒުގެ ތެރޭގައި ދެ ޖިންސު މަސްހުނިވެގެން ކުޅިވަރު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކާ ވާހަކައަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ވިލުފުށި ކައުންސިލުން މިރޭ ބުނެފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެކަމުގެ ވީޑިއޯއަކުން ފެންނަނީ ދެ ޖިންސުން މަސްހުނިވެ އަޑުގަދަކޮށް މިސްކިތުގެ ތެރޭގައި ކުޅިވަރު ކުޅެމުންދާ މަންޒަރެވެ. އެ ވީޑިއޯ އާންމުވުމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ގަދަރާއި އިހުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަ އެ މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

އަދި މިސްކިތްތަކުގެ ހުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވިލުފުށި ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދައުރުވަމުންދާ ވީޑިއޯއަކީ 2024 ވަނަ އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ގެންދިޔަ ހަފުލާގެ ތެރެއިން ކުރިއަށް ގެންދިޔަ ޓީމް ބިލްޑިން އެކްޓިވިޓީގެ ވީޑިއޯއަކަށް މިއުޒިކް އަޅައިގެން އެޑިޓް ކޮށްގެން ދައުރުކުރަމުންދާ ވީޑިއޯއެއް ކަމަށެވެ.

ޓީޗަރުންކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކައުންސިލުން ބޭއްވި ހަފުލާއެއްގެ ތަންކޮޅެއް ނަގައިގެން ހަގީގަތް އޮޅޭ ގޮތަށް އެއަށް މިއުޒިކް އަޅައިގެން ރައްޔިތުންގެ މެދުގައި ސަރުކާރާއި ކައުންސިލާއި އަދި ސްކޫލުގެ ޓީޗަރުންގެ އަގުވައްޓާލައި ނަފުރަތު އުފެއްދުމަށް އެފަދަ ނާތާހުޒީބީ ދަށުދަރަޖައިގެ އަމަލެއް ހިންގުމުން ހިތާމަކުރާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

ވިލުފުށި ކައުންސިލުން ބުނީ، ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ހަރަކާތް ކުރިއަށްގެންދިޔަ ނަލަހިޔާ އިސްލާމީ މަރުކަޒަކީ ދީނީ އަދި އިޖުތިމާއީ އެކިއެކި ކަންކަމަށް ބޭނުން ކުރަމުންދާ ތަނެއް ކަމަށެވެ. އެތަނުގައި ރަށު ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި އެކިއެކި މުބާރަތްތަކާއި ހަރަކާތްތައް މީގެ ކުރިންވެސް ބާއްވާފައިވާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

"އެތަން ސެމިނާ ހޯލަކަށް ބަދަލުކުރުމުގެ ކުރިން ބޭނުންކުރަމުން ގޮސްފައިވަނީ އަންހެނުން ނަމާދުކުރާ ބައިގެ ގޮތުގައެވެ. ނަމަވެސް މިހާރު އަންހެނުން ނަމާދުކުރަނީ މިސްކިތުގެ މަތީބައިގައި އަންހެނުންނަށް ހާއްސަ ޕާޓިޝަނެއް ޖަހައިގެން ހަދާފައިވާ ބައެއްގައެވެ. ނަލަމާލަމުގައި މި ވަގުތު އަޅާފައިވާ ކާޕެޓަކީ މިސްކިތުގެ ނަމާދުކުރާ ބައިގައި ކުރިން އަޅާފައިވާ ކާޕެޓެވެ" ވިލުފުށި ކައުންސިލުން ބުންޏެވެ.

މިސްކިތުގެ ހުރުމަތް ކެނޑޭފަދަ އަމަލެއް ނުކުރާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ކައުންސިލުން ބުންޏެވެ.