ހުޅުމާލޭގައި ހުންނަ މަސްދިޖުއް ރަޝީދުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ދަރިފުޅު އިލްޔަސައު މުހައްމަދު ޝަހީމް، މި ރަމަޟާން މަހު އިމާމުވެ ތަރާވީހާއި ދަމު ނަމާދު ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
ޝަހީމްގެ ދަރިފުޅު، އިލްޔަސައުއަކީ މިގެ ކުރީން އެކި ޖަލްސާތަކުގައި ޤުރްއާން ކިޔަވާފައިވާ ކުއްޖެކެވެ. އޭގެ އިތުރުން ބައްޕަ ޝަހީމާއެކު ދީނީ އަދި އިލްމީ އެކި ކަންކަމުގައި އިލްޔަސައު އަންނަނީ ބައިވެރިވަމުންނެވެ.
މި ރޯދަމަހު ގިނަ އަދަދެއްގެ ދިވެހި ޒުވާން އިމާމުން އިމާމުވެ ތަރާވީހާއި ދަމުނަމާދު ކުރަން ވަނީ ހަމަޖެހިފައެވެ. މީގެތެރެއިން ރާއްޖޭގެ އެންމެ ބޮޑު ދެ މިސްކިތް، އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ވެސް އިމާމުވެ ތަރާވީސް ނަމާދުކުރުމަށް ހަމަޖެހިފައިވަނީ ޒުވާން ހަތަރު ހާފިޒުންނެވެ.
އޭގެތެރެއިން އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީސްކުރަން ހަމަޖެހިފައިވާ ޒުވާން ހާފިޒުންނަކީ އައްޝައިހު ހާފިޒު ސަލްމާން މުހައްމަދު ލަތީފް، ހާފިޒް އުވައިސް ބިން އިނާޒް، ހާފިޒް ގާދިރު ބިން އިމާދުގެ އިތުރުން ޝައިހު ހާފިޒް ސުލްތާން މުހައްމަދު ލަތީފު އެވެ.
ޝައިހު ހާފިޒު ސަލްމާނާއި ޝައިހު ހާފިޒު ސުލްތާނަކީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހު މުހައްމަދު ލަތީފުގެ ދެ ބޭފުޅުންނެވެ.
ރާއްޖޭގެ 11 ސަރަހައްދަކަށް ބަހާލައިގެން އިމާމުން ތަމްރީނުކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދިޔަ ޕްރޮގްރާމުގެ ދަށުން މިދިޔަ އަހަރުގެ ޑިސެމްބަރު 19 ވަނަ ދުވަހާ ހަމައަށް 818 އިމާމުން ވަނީ ތަމްރީނުކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރަމަޟާން މަހު ޒުވާން އިމާމުންނަށް ފުރުސަތު ދީފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމީ ލީޑަރުން އުފެއްދެވުމަށް ކަމަށެވެ. މިނިސްޓަރު ޝަހީމް ވިދާޅުވެފައިވާ ގޮތުގައި، އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ މުސްތަގުބަލަށް ރާއްޖެ ފަހުރުވެރިވާ ފަދަ އިމާމުން ތަމްރީނުކޮށް ނެރުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު