މަނީލޯންޑަރިންގެ ދައުވާއިން ދިފާއު ވުމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީނަށް އެކަށީގެންވާ ވަގުތު ދެވިފައިވާ ކަމަށް، ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ތާއީދު ކުރައްވައިފިއެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރު މިހެން ވިދާޅުވީ، މަނީލޯންޑާ ކުރުމުގެ ކުށުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މިިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކުރި ހުކުމުގެ އިސްތިއުނާފީ މައްސަލައިގެ ހުކުމް އިއްވަވަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާގައި ހަމަހަމަކަން ނެތުމާއި، ދިފާއުވުމަށް އެކަށީގެންވާ ވަގުތު ނުލިބޭކަމަށް ބުނެ ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ވަނީ ނުކުތާތަކެއް ހުށަހަޅައިފައެވެ.

އެގޮތުން އެ މައްސަލައިގައި ދިފާއަށް ބޭނުންވާ ބައެއް ލިޔުންތައް ނުލިބުމާއި، އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓް ގާނޫނުގައި ބުނާ ވަގުތުގައި ދޫކޮށްފައިނުވާކަން ފާހަގަކޮށްފައިވެއެވެ. އަދި ދަށު ކޯޓުގެ ޝަރީއަތްތައް ކައިރި ކައިރީގައި ކުރިއަށް ގެންދިއުމުގެ ސަބަބުން ދިމާވި މައްސަލަތައްވެސް ފާހަގަކޮށްފައިވެއެވެ.

ނަމަވެސް ފަހުން އެ ލިޔުންތައް ދޫކޮށް، އެ ލިޔުމާ މެދު ދެ ފަރާތުން ވާހަކަދައްކައި ޖަދަލުކޮށްފައިވާ ކަމަށާއި، އަދި އެންޓި ކޮރަޕްޝަނުގެ ރިޕޯޓު ދޫނުކުރެވި އޮތްކަން އެނގުމާއެކު، އެ ރިޕޯޓާ ގުޅިގެން އެކަށީގެންވާ ވަގުތު ދީ، ހުށަހެޅުމެއް ނުވަތަ ފާހަގަކުރަން ބޭނުންވާ އެންމެހައި ކަންކަން ފާހަގަކުރުމުގެ ފުރުސަތު ޝަރީއަތުން ޔާމީނަށް ދީފައިވާކަން އެނގެން އޮންނަ ކަމަށް ފަނޑީޔާރު މަހާޒް ވިދާޅުވިއެވެ.

އެހެންކަމުން އެ ލިޔުންތަކާ ގުޅޭގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތު، އުނިކަންކަމާއެކު ނަމަވެސް، ތަބީއީ އިންސާފުގެ ހަމަތަކާ އެއްގޮތަށް ފުރިހަމަވެފައިވާކަން އެނގޭ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

އެހެންކަމުން މި ނުކުތާގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ގާނޫނާ ހިލާފު ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށްވެސް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.