ރަސްމާލެ މަޝްރޫއުގެ ތެރެއިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުން ގާނޫނުއަސާސީއާ ހިލާފުކަމަށް ބުނެ، އެ އެއްބަސްވުން ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދސުްތޫރީ މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫގެ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން އެވެ. މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން އީގަލްސް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކާ ގުޅޭގޮތުން ކަމަށް ބުނެއެވެ.

އަލީ ހުސައިން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އެއްބަސްވުމުގެ ފުރިހަމަ ތަފުސީލު ސަރުކާރުން ހާމަނުކުރި ނަމަވެސް، ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ރަސްމާލެއިން ހިއްކާ 500 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް އެއްވެސް އަގަކާ ނުލައި އަދި ކުއްޔެއްވެސް ނުނަގާ ގޮތަށް 99 އަހަރަށް ވަނީ އީގަލް ހިލްސްއަށް ދޫކޮށްފައި ކަމަށެވެ.

އެ ބިމުގައި ތަރައްގީ ކުރާ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދިނުމުގެ ބާރު (ރޯލިން ލީސް)ވެސް އެ ކުންފުންޏަށްވަނީ ދީފައި ކަމަށް އަލީ ހުސެއިން ވިދާޅުވެއެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވަނީ، ގާނޫނުއަސާސީގެ 250 ވަނަ މާއްދާގައި ދައުލަތުގެ މުދަލާއި މިލްކިއްޔާތު ދޫކުރަން ވާނީ ގާނޫނުގައިވާ ގޮތުގެ މަތީންކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބޭރުގެ ފަރާތަކަށް އެއްފަހަރާ 99 އަހަރަށް ބިން ދެވޭނެ ގާނޫނީ އޮނިގަނޑެއް ރާއްޖޭގައި ނެތް ކަމަށެވެ. އެހެންކަމުން މިއީ ސީދާ ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ކަމެއްކަމަށެވެ.

ހަމައެއާއެކު، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރުކަމަށް ގާނޫނުއަސާސީގެ 251 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތް ނަމަވެސް، މި އެއްބަސްވުމުގެ ދަށުން ތިންވަނަ ފަރާތްތަކަށް ބިން ދޫކުރުމުގެ ހައްގު ދީފައި އޮތުމަކީ، ދާއިމީކޮށް ބޭރުގެ ފަރާތްތަކަށް ބިމުގެ މިލްކުވެރިކަން ލިބިގެންދާނެ ކަމެއްކަމަށްވެސް މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

އެހެންވެ، މި އެއްބަސްވުމަކީ ފެށުނީއްސުރެ ބާތިލު އެއްޗެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް ވަނީ އެދިފައެވެ.

މީގެއިތުރުން، މި މައްސަލައިގައި ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން އެއްބަސްވުމަށް އަމަލުކުރުން މަޑުޖައްސައިލުމުގެ ވަގުތީ އަމުރަކަށްވެސް ވަނީ އެދިފައެވެ. އެއީ ތިންވަނަ ފަރާތްތަކުގެ ހައްގުތަކެއް އުފެދި، އޭގެ ސަބަބުން ދައުލަތަށް އިއާދަ ނުކުރެވޭ ފަދަ ބޮޑެތި މާލީ އަދި ގާނޫނީ ގެއްލުންތަކެއް ލިބިދާނެތީ އެކަން ހުއްޓުވުމަށް ކަމަށް ބުނެފައިވެއެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެން، އެއްބަސްވުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ވެސް ވަނީ އެދިފައެވެ.

ވަގުތީ އަމުރަށް އެދިފައިވަނީ މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ތިންވަނަ ފަރާތްތަކަކަށް އެ ބިމާ ގުޅޭ އެއްވެސް ހައްގެއް ނުވަތަ މަސްލަހަތެއް އުފެދިގެން ދިޔަ ނުދިނުމަށެވެ.

މި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުމުގައިވަނީ އެ މައްސަލައަކީ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓަށް ހުށަހެޅޭނެ މައްސަލައެއް ނޫން ކަމަށެވެ.