މއ. އައިޝާ، ހުސައިން ވަހީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި އޭރު ކުޑަކުއްޖެއްގެ ގޮތުގައި ހުރި ދެ މީހުންނަށް ކްރިމިނަލް ކޯޓުން ކުރި މަރުގެ ހުކުމްގެ ތެރެއިން އެކަމުގެ ހުކުމް މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

ހުސައިން ވަހީދު މަރާލީ، 24 ޑިސެމްބަރު 2013ގެ ރޭ، އޭނާ ދިރިއުޅޭ މއ. އާއިޝާ ކައިރީގައި ހުއްޓައި އަށް އިންޗީގެ ވަޅިއެއް އޭނާގެ މެއަށް ހަރައި ޒަހަމްކޮށްލުމުން އެކަމަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް، އެރޭގެ 11:10 ހާއިރުއެވެ.

އެކަމާ ގުޅިގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ 19 މެއި 2014 ގައި އެ ދެކުދީންގެ މައްޗަށް ދައުލަތުން ޖުވެނައިލް ކޯޓުގައި ކުރިއެވެ. އެއީ އެ ދެކުދީންނަށް އޭރު 18 އަހަރު ނުފުރޭތީއެވެ.

އެ ދައުވާ އެ ދެކުދީންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، މި ހާދިސާގައި މަރުވި ހުސައިން ވަހީދުގެ ވާރިސުންގެ ގޮތުގައި ހިމެނޭ ނުވަ ވާރިސުން ބޭނުންވަނީ ގާތިލުންގެ ކިބައިން މަރަށް މަރުހިފުން ކަމަށް އެމީހުން ޝަރީއަތުގައި ބުނެފައިވާތީ، އެ ދެކުދީންނަށް މަރުގެ އަދަބުދޭން 11 މެއި 2015 ގައި ޖުވެނައިލް ކޯޓުން ހުކުމް ކުރިއެވެ.

މި ހުކުމް އެ ކުދިންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ނަމަވެސް 22 ނޮވެމްބަރު 2017 ގައި ހައިކޯޓުން ހުކުމް ކުރީ ޖުވެނައިލް ކޯޓުގެ ހުކުމް ދެމެހެއްޓުމަށެވެ.

މި މައްސަލައިގައި މީގެ ތެރެއިން އެއް ކުއްޖަކަށް ކުރި މަރުގެ ހުކުމް މީގެ ކުރިން ވަނީ ބާތިލުކޮށްފައެވެ. އެއީ ޖުވެނައިލް ކޯޓުގެ ހުކުމަަށް ހައިކޯޓުން ތާއީދު ކުރި ފަހުން، 22 ސެޕްޓެމްބަރު 2022 ގައި، އެ ހާދިސާގައި މަރުވި ހުސެއިން ވަހީދުގެ މަންމަ އެ މައްސަލައާ ގުޅޭ ސިޓީއެއް އުއްތަމަ ފަނޑިޔާރަށް ފޮނުވުމާ ގުޅިގެންނެވެ.

އެ ސިޓީގައި ހުސެއިން ވަހީދުގެ މަންމަ ބުނެފައިވަނީ އޭނާގެ ދަރިފުޅު ހުސެއިން ވަހީދުގެ މަރުގެ ޖަޒާއެއްގެ ގޮތުން ކުށް ސާބިތުވި ދެ ކުދިން މެރުމަށް އޭނާ ހިމެނޭ ގޮތުން ހުރިހާ ވާރިސުން ކުރިން ބޭނުންވި ނަމަވެސް އޭގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމަށް އެއްވެސް ވަރަކަށް ބޭނުންނުވާ ކަމަށެވެ.

ސަބަބެއް ކަމަށް އެ ސިޓީގައި ބުނެފައިވަނީ، އޭނާގެ ފަރާތުން އެ ކުއްޖާ މައާފަށް އެދިފައިވާތީ، މައާފުކޮށްދީފައިވާތީ ކަމަށެވެ. އަދި ސިޓީއާ ގުޅޭގޮތުން ޝަރީއަތުގެ މަޖިލީހުގައި ސާފުކުރަންޖެހޭ ކަމެއް އޮތްނަމަ، ޝަރީއަތަށް ހާޒިރުކޮށް އޭނާގެ ބަސް ހޯދިޔަސް ރަނގަޅު ކަމަށްވެސް އެ ސިޓީގައި ހުސެއިން ވަހީދުގެ މަންމަ ބުންޏެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ މި މައްސަލައިގެ އިސްތިއުނާފުގައި، އެ ސިޓީއަށްފަހު، އެކުއްޖާ މެރުމަށް ޖުވެނައިލް ކޯޓުން ހުކުމްކޮށް ހައިކޯޓުން ތާއީދުކޮށްފައިވާ މަރުގެ ބައި، ބާތިލުކުރުމަށް 11 ޖުލައި 2024 ގައި ސުޕްރީމް ކޯޓުން ހުކުމްކުރިއެވެ.

މީގެ ތެެރެއިން ދެވަނަ ކުއްޖާގެ މައްޗަށް ކުރި މަރުގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރުކޮށްދިނުމަށް އެދި، 4 ސެޕްޓެމްބަރު 2018 ގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް، ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހުގެ ދަށުން 18 އަހަރުވުމަށްފަހުވެސް އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާ ކަަމަށް ޝަރީއަތަށް ސާބިތުވެފައިވާ ކުށަކާ ގުޅީގެން މަރުގެ އަދަބު ދީގެން ނުވާނެކަމަށް ބަޔާންކޮށްފައި ވާތީ، އެ މައްސަލައަކީ ނިހާއީ ހުކުމެއްކަން ކަށަވަރު ކުރަންޖެހޭ މައްސަލައެއް ނޫން ކަމަށް ބުނެ އެ މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށްދިނުމަށް އެދި ޕީޖީގެ ފަރާތުން 4 މާޗް 2021 ގައި ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވިއެވެ.

އެ ސިޓީގައި ބުނެފައިވަނީ، ގާނޫނަށް ގެނައި އިސްލާހުގެ އަލީގައި ހުކުމް ތަންފީޒު ކުރަމުންދާ ކުދިންގެ މައުލޫމާތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ލިބޭ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަންޖެހޭނީ، އެ މައްސަލައިގައި އިސްތިއުނާފު ރައްދުވާ ކުއްޖާގެ ބައިވެސް ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެއާއެކު އެ މައްސަލަ ބާތިލުކޮށްދޭން ޕީޖީ ހުށަހަޅާފައިވާތީ، އިސްތިއުނާފު ރައްދުވާ ކުއްޖާ އާއި އެ ފަރާތުގެ ވަކީލާއި އެ ކުއްޖާގެ ބެލެނިވެރިޔާ އާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ތަމްސީލުކުރި ފަރާތުން އިއުތިރާޒް ނުކުރާތީ އެ މައްސަލަ 29 މާޗް 2021 ގައި ސުޕްރީމް ކޯޓުން ބާތިލުކުރިއެވެ.

ނަމަވެސް ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިންގެ ޖިނާއީ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން އަމަލު ކުރާނެ ގޮތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ކުއްޖާ ހަތަރު އަހަރު ދުވަހުގެ މުއްދަތަަށް ރިހެބިލިޓޭޝަން ޕްރޮގްރާމުގައި ބައިވެރިކުރުމަށް 4 މާޗް 2022 ގައި ޖުވެނައިލް ކޯޓުން އަމުރުކޮށްފައި އޮތެވެ.

ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފެށިއިރު ހުކުމް ތަންފީޒުކުރުމަށް ބަންދުގައި ތބި ކުދިންގެ ހުކުމް ޖުވެނައިލް ކޯޓަށް މުރާޖައާ ކުރެވިދާނެ ކަމަށް އެ ގާނޫނުގައި ބުނެފައި އޮވެއެވެ. އެހެންކަމުން އެ ކުއްޖާގެ މައްޗަށް ކުރި ހުކުމް މުރާޖައާ ކޮށްދިނުމަށް ޕީޖީގެ ފަރާތުން ޖުވެނައިލް ކޯޓުގައި އެދުނެވެ. ނަމަވެސް އެ ކޯޓުން ހުކުމް މުރާޖައާއެއް ނުކުރިއެވެ. އެއީ ކުއްޖަކު މެރުމަށް ކޮށްފައިވާ ހުކުމެއް މަތީ މަރުހަލާގެ ކޯޓަކުން ދަމަހައްޓާފައި ވަނިކޮށް، އެ ހުކުމް ޖުވެނައިލް ކޯޓުން މުރާޖައާ ކުރެވޭނެ ގާނޫނީ ހަމައެއް ނެތުމުންނެވެ.

އެކަމާ ގުޅިގެން އެ ކުހުމް އަލުން އިސްތިއުނާފް ކުރުމުގެ ހުއްދައަކަށް އެދި ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ޕީޖީން އެ މައްސަލަ ސުޕްރީމް ކޯޓުގައި މިފަހަރު އިސްތިއުނާފު ކުރީ ގިސާސްގެ ހުކުމް ތަންފީޒު ކުރުމުގެ ކުރިއަށް ގިސާސް މަނާކުރާ ސަބަބެއް މެދުވެރިވެއްޖެ ނަމަ، އިސްތިއުނާފީ ކޯޓަކުން އެ ހުކުމް ބާތިލު ކުރުމަށްފަހު އެހެން އަދަބެއް ކަނޑައެޅުމަށްޓަކައި މައްސަލަ ބެލި ކޯޓަށް ތަހުވީލު ކުރަންވާނެ ކަމަށް ބުނެއެވެ.

މި މައްސަލަ ބެލުމަށްފަހު މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރީ، އެކުއްޖާ މެރުމަށް ޖުވެނައިލް ކޯޓުން ކޮށްފައިވާ ހުކުމާއި އެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކޮށްފައިވާ ހުކުމުގެ އަދަބުގެ އެ ބައި ބާތިލު ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ފުރަތަމަ މަރުހަލާގެ ކޯޓުތަކަށް މައްސަލަތައް ތަހުވީލު ކުރުމަށް ކަނޑައަޅާފައިވާ އުސޫލަށް ރިއާޔަތްކޮށް މި މައްސަލައިގެ އަދަބު ކަނޑައެޅުމަށްޓަކައި މި މައްސަލަ ޖުވެނައިލް ކޯޓަށް ތަހުވީލުކޮށް، އެކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓުން އަދަބު ކަނޑައެޅުމާ ހަމައަށް، ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ބާވަތުގެ މަރުކަޒުތަކުގެ ތެރެއިން އެކަށޭނަ މަރުކަޒެއްގައި އެ ކުއްޖާ ބަންދު ކުރުމަށް ކަރެކްޝަނަށް މި ހުކުމްގައި ވަނީ އަންގައިފައެވެ.