ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅިއެއްގައި ތޫނު އެއްޗެހިން ހަމަލާދީ އަބްދުލް މުހީތު (ބޮބީ) މަރާލި މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ދަށު ކޯޓުން ކުރި ހުކުމުގައި ހިމެނޭ މަރުގެ ބައި އުނިކުރަން ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު މެންދަމު 01:50 އެހައިކަންހާއިރު މި މައްސަލައިގައި ހިމެނޭ ކުއްޖާ އާއި އިތުރު ކުދީންތަކަކާއި އިތުރު ބަޔަކާއެކު، ފިނޭންސް މިނިސްޓްރީ ކުރިމައްޗަށްވާ ގޮތަށް އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑު ތެރޭގައި ހުރި ސައިކަލެއްގެ މަތީގައި އިން ގ. ވޭރު އަބްދުލް މުހީތުގެ ބޮލަށާއި ގައިގެ އެތަން މިތަނަށް ތޫނު ހަތިޔާރުން ހަމަލާދިނުމުގެ ސަބަބުން ލިބުނު ބޮޑެތި ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އެރޭ ފަތިހު 4:40 އެހާކަންހާއިރު މަރުވި މައްސަލައެކެވެ.
މިހާދިސާއާ ގުޅިގެން، މި މައްސަލައިގައި ހިމެނޭ ކުއްޖާ އާއި އިތުރު ކުދީންތަކެއްގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ދައުލަތުން ޖުވެނައިލް ކޯޓުގައި ކުރިއެވެ.
އެގޮތުން މި މައްސަލައިގައި ހިމެނޭ ކުއްޖާގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައ،ި މި ހާދިސާގައި މަރުވި މީހާގެ ވާރިސުންގެ ގޮތުގައި ހިމެނޭ 26 ވާރިސުން ވެސް ގާތިލުންގެ ކިބައިން މަރަށްމަރު ހިފަން ބޭނުންވާ ކަމަށް ޝަރީއަތުގައި ބުނެފައިވާތީ އެ ކުއްޖާއަށް ދޭން ޖެހޭ އަބަދަކީ މަރުގެ އަދަބުކަމަށްވުމުން، އެ ކުއްޖާ މެރުމަށް 2 މެއި 2013 ވަނަ ދުވަހު ޖުވެނައިލް ކޯޓުން ހުކުމް ކުރިއެވެ.
ޖުވެނައިލް ކޯޓުގެ އެ ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން އެ ކުއްޖާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ނަމަވެސް މި މައްސަލައިގައި 29 ނޮވެމްބަރު 2016 ގައި ހައިކޯޓުން ތާއީދު ކުރީ ޖުވެނައިލް ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދު ކުރާ ކަމަށެވެ.
ނަމަވެސް ހައިކޯޓުގެ ނިންމުން ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފު ކަމަށް ބުނެ އެ ނިންމުން 19 ފެބްރުއަރީ 2017 ގައި ކުއްޖާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް، މައްސަލައިގެ ދައުވާ ފޯމް ބާތިލުކޮށް ދިނުމަށް އެދި ކުއްޖާގެ ފަރާތުން ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވިއެވެ.
އެ ސިޓީއާ ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތްތައް 8 ފެބްރުއަރީ 2021 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ހާޒިރުކޮށް ޝަރީއަތުގެ އަޑުއެހުމެއް ބޭއްވިއެވެ.
އެ އަޑުއެހުމުގައި އެކުއްޖާގެ ވަކީލާއި ބެލެނިވެރިޔާ އާއި ޖުވެނައިލް ޖަސްޓިސް ތަމްސީލު ކުރި ފަރާތުން ބުނީ ކުއްޖާ އެދޭ ގޮތަށް މައްސަލަ ބާތިލު ކުރަން އެދޭ ކަމަށެވެ.
އެހާހިސާބަށް އައި އިރު ކުޑަކުދީންގެ އަދުލުގެ ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެން، ހުކުމް ތަންފީޒު ކުރަމުންދާ ކުދީންގެ މައުލޫމާތު ކަރެކްޝަނުން ޕީޖީ އޮފީހަށް ލިބޭ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަން ޖެހޭތީ، މި މައްސަލައިގައި ހިމެނޭ ކުއްޖާގެ ބައިވެސް ކޯޓަށް ހުށަހެޅިއެވެ.
އެހެންކަމުން ޕީޖީ އޮފީހުން ވެސް އެދިގެން މި މައްސަލައިގެ އިސްތިއުނާފް ފޯމް 11 ފެބްރުއަރީ 2021 ގައި ބާތިލް ކުރިއެވެ.
ނަމަވެސް ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިންގެ ޖިނާއީ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ހަތަރު އަހަރު ދުވަހުގެ މުއްދަތަަށް އެ ކުއްޖާ ރިހެބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިކުރުމަށް އަށެއް މާޗް 2022 ގައި ޖުވެނައިލް ކޯޓުން އަމުރު ކުރިއެވެ. އަދި އެ އަމުރުގެ މުއްދަތު ހަމަވުމުން އިތުރު ދެ އަހަރު ދުވަހުގެ މުއްދަތަށް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަ ކުރަން އަންގައި މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ޖުވެނައިލް ކޯޓުން އަމުރު ކުރިއެވެ.
ނަމަވެސް އެ މައްސަލައިގައި ޖުވެނައިލް ކޯޓުގެ ހުކުމަށް، ހައިކޯޓުން ތާއީދުކޮށް ކުރި ހުކުމް އިސްތިއުނާފް ކުރުމުގެ ހުއްދައަށް އެދި މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ދެވަނަ ފަހަރަށް އެ ކުއްޖާގެ ފަރާތުން އޮތީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.
އެއީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ކުޑަކުއްޖަކަށް މަރުގެ އަދަބު ދިނުން މަނާ ވުމާއި ކުށް ކުރި މީހާއަށް ހުކުމް ކުރުމާ މެދު، ކުރި ކުށުގެ އަދަބަށް ގާނޫނުން ގެންނަ ބަދަލަކުން ލުއެއް ދީފައިވާ ނަމަ އެ މީހަކަށް ދޭން ވަނީ ފަހުން އަމަލު ކުރަން ފެށި ގާނޫނުގައިވާ އަދަބު ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާތީއެވެ.
އެއީ މި މައްސަލަަތައް ކޯޓުގައި ހިނގަމުން ދަނިކޮށް، 18 އަހަރު ވުމަށްފަހު ވެސް އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާ ކަަމަށް ޝަރީއަތަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެން ނުވާނެ ކަމަށް ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އިސްލާހު ވެސް ގެނަސްފައިވުމާ އެކުއެވެ.
ގާނޫނަށް ގެނައި މި ބަދަލާ ގުޅިގެން، ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާއަށް ޖަވާބުދާރީވަމުން ޕީޖީ އޮފީހުން ވެސް ބުނީ ޖުވެނައިލް ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފައިވީ ނަމަވެސް، އެ އަދަބަކީ މި މައްސަލަ އިސްތިއުނާފު ކުރި ކުއްޖާގެ މައްޗަށް ތަންފީޒު ކުރެވޭނެ އަދަބެއް ނޫން ކަމަށެވެ.
އެހެންކަމުން ޖުވެނައިލް ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް، އެ ކުއްޖާ މެރުމަށް ކައިކޯޓުން ކޮށްފައިވާ ހުކުމުގެ އަދަބުގެ ބައި ބަތިލްކޮށް އަލުން އަދަބު ކަނޑައެޅުމަށް ޖުވެނައިލް ކޯޓަށް މި މައްސަލަ ތަހުވީލު ކުރަން އެދުނެވެ. އަދި ޖުވެނައިލް ކޯޓުން ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅުމާ ހަމައަށް، ކުޑަކުދިންގެ އަދުލުގެ ގާނޫނުުގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ މަރުކަޒުތަކުގެ ތެރެއިން އެކަށޭނަ މަރުކަޒެއްގައި ކުއްޖާ ބަންދުކޮށްފައި ބެހެއްްޓުމުގެ އަމުރެއް ނެރެދިނުމަށް އެދުނެވެ.
މިމައްސަ ބެލުމަށްފަހު އާދިއްތަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރީ، އެ ކުއްޖާ މެރުމަށް ޖުވެނައިލް ކޯޓުުން ކޮށްފައިވާ ހުކުމާއި އެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކޮށްފައިވާ ހުކުމްގެ ބައި ބާތިލް ކުރުމަށެވެ. އަދި މި މައްސަލައިގައި އަދަބު ކަނޑައެޅުމަށްޓަކައި، މި މައްސަލަ ޖުވެނައިލް ކޯޓަށް ތަހުވީލު ކުރުމަށެވެ. އަދި އެ ކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓުން އަލުން އަދަބު ކަނޑައެޅުމާ ހަމައަށް، ކުޑަކުދިންގެ އަދުލުގެ ގާނޫނުުގައި ބަޔާންކޮށްފައިވާ ބާވަތުގެ މަރުކަޒުތަކުގެ ތެރެއިން އެކަށޭނަ މަރުކަޒެއްގައި ކުއްޖާ ބަންދު ކުރުމަށް ވެސް ސުޕްރީމް ކޯޓުން ކަރެކްޝަނަލް ސާވިސް އަށް ވަނީ އަންގައިފައެވެ.
މި މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުން އިއްވި މަރުގެ ހުކުމާއި އެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމެއް މީގެ ކުރިންވެސް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.
އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓް
ކޮމެންޓް