މަނީލޯންޑާ ކުރި މައްސަލައިގެ ޝަރީއަތުގައި ރައީސް ޔާމީނަށް ހަމަހަމަކަން ނުލިބޭ ކަމަށް ބުނާ މައްސަލައިގަ އިތުރަށް ނިންމަން ޖެހޭ ނިންމުމެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު މިހެން ވިދާޅުވީ މަނީލޯންޑާ ކުރުމުގެ ކުށުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މިިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކުރި ހުކުމުގެ އިސްތިއުނާފީ މައްސަލައިގެ ހުކުމް އިއްވަމުންނެވެ.
ފަނޑިޔާރު ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައިގައި ގާނޫނުއަސާސީގެ 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ ހައިކޯޓުން ނުބައިކޮށް މާނަކޮށް ތަޠުބީގު ކޮށް ހަމަހަމަކަން އެއްފަރާތް ކޮށްފައިވާ ކަމަށް ޔާމީންގެ ފަރާތުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކޮށްފައިވާ ގޮތެއް ބުނެދެވިފައި ނުވާކަމަށް ވިދާޅުވިއެވެ.
އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައަކީ އެތައް ބައެއްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކަށް ވެފައި އެ މައްސަލައިގައި އެކި ފަރާތްތަކުގެ މައްޗަށް އެކި ތުހުމަތު ކުރެވި އެތަކެއް ތަހުގީގު ތަކެއް އެއްފަހަރާ ހިނގަމުންދާ މައްސަލައަކަށް ވުމުން ތަހުގީގު ނިމޭ މިންވަރަކުން، ތަހުގީގު ނިމޭ މައްސަލަތަކުގައި ދައުވާ ކުރުމަކީ ހަމަހަމަކަން އެއް ފަރާތްކޮށް ތަފާތު ކުރުމެއް ގެންގުޅުން ކަމުގައި ނުބެލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުރި ޝަރީއަތުގައި ދިފާއުވުމަށް ލިބިދީފައިވާ ހައްގަށް އުނިކަމެއް އައިސްފައި ނުވާ ކަމަށެވެ.
ހަމަހަމަކަންވެސް ކަށަވަރު ވެފައިވާކަން ފާހަގަ ކުރައްވައި ފަނޑިޔާރު މަހާޒް ވިދާޅުވީ ދިފާއުވުމުގެ ހައްގަށް އުނިކަމެއް އައިސްފައިވާ ނަމަ އޭނާގެ ރައުޔު ތަފާތު ވާނެ ކަމަށެވެ.
ސުޕްރީމް ކޯޓް