މިނިސްޓަރު އިމްރާން އަބްދުﷲ

އަދަބު ލުއިކޮށްދިން މީހުން، އިތުރަށް ހުކުމް ތަންފީޒުކުރަން ނުޖެހޭނެ ގާނޫނީ ހައްލެއް އެބަ ހޯދަން: އިމްރާން

އިބްރާހިމް ޒަކީ

މާފު ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ގާނޫނުގެ ދަށުން އަދަބު ލުއިކޮށްދިނުމުގެ ގޮތުން ރަށު ބަންދަށާއި ގޭބަންދަށް ދޫކޮށްލާފައި ތިބި މީހުންގެ ތެރެއިން އިތުރަށް ކުށް ނުކުރާ މީހުންގެ ހުކުމް ތަންފީޒު ކުރަން ނުޖެހޭ ގޮތަށް ހެދުމަށް އެމީހުންނަށް އިންސާފުވެރި ގާނޫނީ ހައްލެއްް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ މިނިސްޓަރާ ލިޔުމުން ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.

މެންބަރު އީވާ މިނިސްޓަރާ ކުރެއްވި ސުވާލުގައި ވިދާޅުވެފައި ވަނީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ގޭބަންދަށް ދޫކޮށް، ވަކި މުއްދަތެއްގައި ގޭބަންދުގައި ތިބުމަށްފަހު ރަށު ބަންދަށް ނުވަތަ ޖަލުން ރަށު ބަންދަށް ދޫކޮށްފައިވާ ފަރާތްތައް މުޖުތަމައުގައި ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ޕާސްޕޯޓް ހިފަހައްޓާފައިވާ، ނުވަތަ ރަށު ބަންދަށް ދޫކުރުމަށްފަހު އިތުރު މުއާމަލާތެއް ނުހިންގާ 10 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ފަރާތްތައް ހިމެނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެގޮތަށް ޕާސްޕޯޓް ހިފަހައްޓައި، ވަކި ގޮތެއް ނާންގައި ރަށު ބަންދެއްގައި ބޭތިއްބުމަކީ ބައެއްގެ ހައްގުތަކެއް ގެއްލިގެންދާ ކަމަކަށްވާއިރު، މިކަމަށް ހައްލެއް ނުލިބި ލަސްވަނީ ކީއްވެގެންތޯ އީވާ ސުވާލު ކުރެއްވިއެވެ.

މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވީ، ގާނޫނުގެ ދަށުން އަދަބު ލުއިކޮށްދިނުމުގެ ސަބަބުން ގޭ ބަންދަށް، ނުވަތަ ރަށު ބަންދަށް ދޫކޮށްލާފައިވާ ފަރާތްތަކުގެ ތެރެއިން އެފަރާތްތަކުގެ މައްޗަށް ކުރެވިފައިވާ ޝަރުތުތައް ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ޕާސްޕޯޓް ހިފަހައްޓާފައި ނުވާނެ ކަމަށެވެ.

ނަމަވެސް އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު ތަކުގެ ދަށުން ދޫކޮށްލާފައިވާ ފަރާތްތަކުގެ ތެރެއިން، އެ ފަރާތްތަކާ ކުރެވުނު ޝަރުތުތަކާ ހިލާފު ވުމުގެ ސަބަބުން ހުކުމަށް އަލުން ރުޖޫއަ ކުރަން ޖެހޭ ފަރާތްތައް ވެސް ހިމެނޭ ގޮތަށް ހުކުމް ތަންފީޒު ކުރަން ޖެހޭ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާ ހުރެ މުޖުތަމައަށް ދޫވެފައިވާ އެކި ފަރާތްތަކުގެ ޕާސްޕޯޓްތައް ހިފެހެއްޓިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތަށް ޕާސްޕޯޓް ހިފަހައްޓާފައިވާ ފަރާތްތަކުގެ ތެރޭގައި ޑްރަގް ފަރުވާ ފުރިހަމަ ނުކުރުން، ނުވަތަ ދަރަނި އަަދާ ނުރުން ފަދަ މައްސަލަ ތަކުގައި ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ ފަރާތްތައް ހިމެނޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެ ހުރިހާ ފަރާތްތަކެއްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ތަންފީޒު ކުރަން ޖެހޭ ހުކުމްތައް ހުރުމުން ކަމަށާއި، އޭގެ ތެރޭގައި ވަަރަށް ގިނަ އަދަދެއްގެ މީހުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

"އެފަދަ ފަރާތްތަކުގެ ތެރެއިން ކުށަކަށް އަރައިނުގަނެ ގިނަ ދުވަސްތައް ވެފައިވާ ފަރާތްތައް ހިމެނޭއިރު އެ ފަރާތްތަކުގެ މައްޗަށް އިއްވާފައިވާ ހުކުމްތައް މިހާރު ތަންފީޒު ކުރަން ފެށުމަކީ އެންމެ މަސްލަހަތު ހުރި ގޮތްކަމަށް ނުފެންނާތީ މިފަދަ ހާލަތެއް މެދުވެރިވެފައިވާ ހުރިހާ ފަރާތްތަކަށް ވެސް އަދުލުވެރި ހައްލެއް ހޯއްދައި ދިނުމަށް މިގެންދަނީ މަސައްކަތް ކުރަމުން،"

އެގޮތުން އިތުރު ކުށަކަށް އަރައި ނުގަނެ ވަޒީފާ އަށްގޮސް އާއިލާއާއެކު ހަރުދަނާ ދިރިއުޅުމެއް އުޅެމުން އަންނަ ފަރާތްތަކުގެ މައްޗަށް މީގެ އަހަރު ތަކެއް ކުރިން ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރުމަށް ޖަލަށް ގެންދިއުމަކީ މީހުން ރިހެބިލިޓޭޓް ކޮށް މުުޖުތަމައަށް ނެރުމަށް ހޯމް މިނިސްޓްރީން ގެންގުޅޭ ރުޖޫއީ އިންސާފުގެ ފަލްސަފާއާ ހިލާފު އަދި އެކަމުގެ ސަބަބުން ދައުލަތުންނާއި އެފަދ ފަރާތްތަކުގެ އާއިލާ ތަކުންވެސް ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެހެންކަމުން އެފަދަ ފަރާތްތަކުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަކާމެދު ގާނޫނީ ގޮތުން އަމަލު ކުރެވިދާނެ ގޮތްތަކެއް ދެނެގަތުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކާއެކު މަޝްވަރާ ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އެ މަޝްވަރާތަކުގެ ތެރެއިން ގާނޫނީ ހައްލެއް އަދި ހޯދިފައި ނުވި ނަމަވެސް މައާފު ކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެކަށަ އަޅާފައިވާ ގާނޫނީ އޮނިގަނޑުގެ ތެރެއިން މިހާރުވެސް ހައްލެއް ހޯދިދާނެ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް މިދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.