ޚަބަރު

ކޮވިޑުގައި ތިން މަހުގެ ތުއްތު ކުއްޖަކު މަރުވެއްޖެ

ރިފާ ހަލީލު

ކޮވިޑުގައި ތިން މަހުގެ ތުއްތު ކުއްޖަކު މަރުވެ ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު 239 އަށް އަރައިފި އެވެ.

ތުއްތު ކުއްޖާ މަރުވީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ހުންނަ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން އަންނަނިކޮށް ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

އަބްދުއްސަމަދު ހޮސްޕިޓަލްގެ މީޑިއާ އޮފިސަރު ސާލިމް އަލީ "ވަން" އަށް ދާދި ދެންމެ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވި ތިން މަހުގެ ކުޑަ ފިރިހެން ކުއްޖަކު ރޭ ކޮވިޑު ފެސިލިޓިއަށް ގެންދިޔަ ކަމަށާއި އެ ކުއްޖާ މަރުވީ ފަރުވާ ދެމުން އަންނަނިކޮށް ކަމަށެވެ.

ސާލިމް ވިދާޅުވީ އެ ކުއްޖާ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ކަމަށާއި މި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ބޭރަށް ހިންގާތީ ކަމަށެވެ.

މިއީ ރާއްޖޭގައި ކޮވިޑުގައި މަރުވި އެންމެ ހަގު ކުއްޖާ އެވެ. މީގެ ކުރިން މި ބަލީގައި އުމުރުން 10 އަހަރުގެ ކުއްޖަކުވެސް ވަނީ މަރުވެފަ އެވެ. މިއީ ކޮވިޑުގައި މިމަހުގެ އަށް ވަނަ މަރެވެ. ކޮވިޑު ޖެހިގެން ރާއްޖެއިން އެންމެ ފަހުން މަރުވީ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ އިއްޔެ އެވެ.

މިއަދުގެ މަރާއެކު ރާއްޖޭގައި ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު 239 އަށް އަރާފައިވާ އިރު، މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 222 ދިވެހީންނާއި 17 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.