ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން އިސްމާއީލް ޔާސިފުގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ޔާސިފުގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން 15 ދުވަސް ގުނާ ގޮތަށް އޭނާގެ ބަންދަށް ދެވަނަ ފަހަރަށް ކޯޓުން ވަނީ މުއްދަތު ޖަހާފަ އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ޔާސިފު ހައްޔަރު ކުރީ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ "ބަދުރު ދުވަހު އަބޫ ޖަހުލަށް ހަދާލި ގޮތް ހަދާނެ" ކަމަށް ބުނެ އިންޒާރުކޮށް ފޭސްބުކްގައި ޕޯސްޓެއް ކުރުމުންނެވެ. އަދި "ހައެއް ފަހެއް" ގައި ރައީސް ނަޝީދަށް ދިން ހަމަލާއަށް ވުރެ ވަރުގަދަ ހަމަލާއެއް ދޭނެ ކަަމުގެ އިންޒާދު ދިނުމާ ގުޅިގެންނެވެ.

ޔާސިފު ހައްޔަރު ކުރުމަށްފަހު އެންމެ ފުރަތަމަ ބަންދުގެ މުއްދަތު ޖަހަން ގެންދިޔައީ އުނގޫފާރު ކޯޓަށެވެ. އުނގޫފާރު ކޯޓުގެ ހުރުމަތް ކަނޑާލައިގެން 15 ދުވަހަށް ޖަލަށް ލާން ހުކުމް ކުރި އެވެ.

އެފަހުން ކްރިމިނަލް ކޯޓަށް ޔާސިފު ހާޒިރު ކުރުމުން އޭނާ ވަނީ ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. ޔާސިފުގެ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ގާޒީ އަލީ އާދަމް ނިންމެވީ އެއް މަހަށް ޖަލަށް ލުމަށް ހުކުމް ކުރާށެވެ. އެއް މަސް ދުވަހަށް ޖަލަށް ލާން ހުކުމް ކުރުމުން ވެސް ޔާސިފު ބުނީ ނަޝީދު އަވަހާރަކޮށްލާނެ ކަމަށެވެ.

ޔާސިފަކީ ރ. މީދޫ މީހަކާ ކައިވެނިކޮށްގެން އެ ރަށުގައި އުޅޭ މާލޭ މީހެކެވެ. ފުލުހުން އޭނާ ހައްޔަރުކުރީ އޭނާގެ އަންހެނުންގެ ގޭގައި ހުއްޓަ އެވެ.