އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތު ކުރާ، ޏ. ފުވައްމުލައް/ މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން"އަށް މިއަދު ވިދާޅުވީ އަމީން ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު މީޑިއާ އޮފިޝަލު ނުދެއްވަ އެވެ.

މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އަމީން 30 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުން އަމުރުކޮށްފަ އެވެ. އެ އަމުރުކުރި އިރު އަމީން ހުރީ ގޭ ބަންދުގަ އެވެ. އަދި މޮނިކޮމް ޓެގެއް ވެސް އަޅުވައިފަ އެވެ.

ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި އަމީން ހައްޔަރުކުރީ 23 އޮކްޓޯބަރު 2019 ވަނަ ދުވަހު އެވެ. އެއަށްފަހު ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވިކަމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލި އެވެ. ނަމަވެސް އަމީންގެ މައްޗަށް ކުރި ދައުވާތައް ބާތިލުކޮށް އޭނާ މިނިވަން ކުރަން ހުސްވި ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ހައިކޯޓުން ހުކުމްކުރި އެވެ.

ހައިކޯޓުގެ އެ ހުކުމް ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެެވެ. އޭގެ އިތުރުން އަމީންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދެ ދައުވާގެ ޝަރީއަތް ހައިކޯޓުން ބާތިލު ކުރި އިރު އޮތް ހިސާބުން އަލުން ކުރިމިނަލް ކޯޓުގައި ފެށުމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.

ސްޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް އަމީންގެ މައްސަލަ ބެލުމަށް ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ނިންމީ، އަމީން 30 ދުވަހަށް ބަންދުކުރުމަށެވެ. އެގޮތަށް ހުކުމް ކުރީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، ޝައްކެއް ނެތް މިންވަރަށް އަމީނަށް ކުރާ ތުހުމަތު ސާފުވާތީ އާއި ތުހުމަތުކުރަނީ ޖިނާއީ ބޮޑު ކުށެއް ކުރި ކަމަށް ވާތީ އެވެ. އަދި އެ ކުށަކީ މުޖުތަމައުގެ ސަލާމަތާ ގުޅުން ހުރި ކުށަކަށް ވުމުން އަމީން ބަންދުން ދޫކޮށްލާފައި ބަހައްޓައިފި ނަމަ މުޅި މުޖުތަމައަށް ނުރައްކާވެދާނެތީ އެވެ.

ފުލުހުން އަމީން ހައްޔަރުކުރުމަށް ފަހު މޯލްޑިވްސް ކަރެކްޝަން ސާވިސްއާ ހަވާލުކުރިތޯ ސާފުކުރަން ގުޅާލުމުން ކަރެކްޝަނުން ބުނީ، އެކަމުގެ އަޕްޑޭޓެއް ބެލުމަށްފަހު ދޭނެ ކަމަށެވެ. ނަމަވެސް ފަހުން ގުޅާލުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. އެހެންކަމުން އަމީން މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމެއް ނޫނީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި ކަމެއް ސާފުވާ ގޮތް ވަނީ ނުވެފަ އެވެ.

އަމީން އަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވާލި މައްސަަލައިގަ ވެސް ތުހުމަތު ކުރެވުނު މީހެކެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން ވަނީ އަމީނަކީ ޓެރަރިސްޓެއް ގޮތުގައި ކަނޑައަޅައި ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅައިފަ އެވެ.