ރިޕޯޓް

މުޖުތަމަށް ހިދުމަތް ކުރުމުގެ ތާރީހީ ހުކުމް! ތަންފީޒު އުސޫލު ނުނިމޭތީ ހުކުމް ތަންފީޒު ކުރެވޭނެ ގޮތެއް ނެތް!

އިބްރާހިމް ޒަކީ

ނަވާރަސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުން ފެށިގެން އަމަލުކުރަމުން އައި މުސްކުޅި ގާނޫނުލް އުގޫބާތު ނިމުމަކަށް ގެނެސް، 2014 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި އާ ގާނޫނުލް އުގޫބާތުގެ ސަބަބުން ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އައެވެ.

ދެހާސް ސާދައިގައި ތަސްދީގު ކުރި ނަމަވެސް ކަމާބެހޭ މުއައްސަސާތަކުން އެއަށް ހިޖުރަ ކުރުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ގާނޫނުލް އުގޫބާތަށް އަމަލު ކުރަން ފެށީ 2015 ވަނަ އަަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އާ ގާނޫނުލް އުގޫބާތު އެކުލެވިގެން ވަނީ 1205 މާއްދާގެ މައްޗަށެވެ. އެއީ ބޮޑެތި ދިރާސާތަކަކަށްފަހު އިސްލާމީ ޝަރީއަތުގެ އުސޫލުތަކާއި ރާއްޖޭގެ އާދަކާދަތަކުގެ އިތުރުން ބައިނަލްއަގުވާމީ ހަމަތަކާއި މިންގަނޑުތަކަށް ފެތޭ ގޮތަށް، ޒަމާނާ އެއްގޮތަށް އެކުލަވައިލި ގާނޫނުލް އުގޫބާތެކެވެ.

ކުށްތަކާއި، ކުށުގެ ދަރަޖަތަކާއި ކުށްވެރިޔާއަށް ދައުވާކުރަން ޖެހޭ މުއްދަތުތަކާއި، އަދަބު ކަނޑައެޅޭނެ މިންގަޑުތަކާއި، އުސޫލުތައް އާ ގާނޫނުލް އުގޫބާތުގައި ވަރަށް ފުރިހަމައަށް ވަނީ ކަނޑައަޅައިފައެވެ. ކުށުގެ ޒިންމާ އުފުލުމުގެ މިންގަނޑުތަކާއި އެކި ބާވަތުގެ ދިފާއުތައް ވަރަށް ފުރިހަމައަށް ގާނޫނުލް އުގޫބާތުގައި ވަނީ ހިމަނައިފައެވެ. އަދަބު ކަނޑައަޅާ ކޯޓުގެ ބާރުތައްވެސް ކަނޑައަޅާފައި ވެއެވެ.

އަދަބުގެ ގޮތުގައި ދިވެހި މުޖުމަތައަށް އާ ކަންތައްތަކެއް ވެސް ގާނޫނުލް އުގޫބާތުގައި ހިމަނާފައި ވެއެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ މުޖުތަމައަށް ހިދުމަތް ކުރުމަށް ހިމަނާފައި ވުމެވެ. އެގޮތުން ޖަލަށް ލުމާއި ގޭބަންދު ކުރުމާއި ޖޫރިމަނާ ކުރުމުގެ، ބަދަލުގައި މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ދެވިދާނެ ކަމަށް ފުރަތަމަ ފަހަރަށް ގާނޫނުލް އުގޫބާތުގައި ވަނީ ކަނޑައަޅައިފައެވެ.

ގާނޫނުލްއުގޫބާތުގެ، 1005 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ މި މާއްދާގައިވާ "ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު" ގައިވާ ގޮތުގެމަތިން އެ ކުށަކަށް ކަނޑައެޅޭނެ އަދަބުގެ ޖުމުލަ މުއްދަތަށްވުރެ އިތުރު ނުވާ ގޮތުގެމަތިން ތަފާތު އެކިއެކި ބާވަތްތަކުން އަދަބު ކަނޑައެޅުމުގެ އިހުތިޔާރު ކޯޓަށް ލިބިގެން ވާ ކަމަށެވެ.

"ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު"

އެ މާއްދާގެ (ރ)ގައި ބުނެފައި ވަނީ، ކުށުގެ އަދަބުގެ ގޮތުން ކުށްވެރިޔާ މުޖުތަމައަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ހިދުމަތެއް ކުރުމަށް ކޯޓުން ހުކުމް ކުރެވިދާނެ ކަމަށެވެ. މިގޮތުން ކުރާ ހުކުމަކީ އެ ކުށްވެރިޔަކު ލަދުވެތި ކުރުވުން ކަމުގައި ނުވިނަމަވެސް، އެކަންކަން ނުވަތަ މަސައްކަތް ނުވަތަ ހިދުމަތް ވާންވާނީ ކުށްވެރިޔާ އާއި މުޖުތަމައުގެ ކުރިމަތީގައި އަދަބެއްގެ ގޮތުގައި ބަލައިގަނެވޭ ކަންކަމަށް ކަމުގައިވެސް ބުނެފައިވެއެވެ.

ކުށްވެރިޔާގެ މައްޗަށް މުޖުތަމައަށް ހިދުމަތް ކުރުމަށް ކަނޑައެޅޭ އަދަބަކީ އެންމެ އެކަށީގެން ވާ އަދަބު ކަމަށް ބެލޭނެ ހާލަތްތައްވެސް ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައި ވެއެވެ.

ގާނޫނުލްއުގޫބާތުގެ 1202 ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ އެ ހާލަތްތަކުގެ ތެރޭގައި، މުޖުތަމައަށް ފައިދާކުރާނެ ވަކި ހާއްސަ ބާވަތެއްގެ ހިދުމަތެއް ފޯރުކޮށްދެވޭނެ ހުނަރު ނުވަތަ ގާބިލުކަން ކުށްވެރިޔާއަށް ލިބިފައިވުން، ނުވަތަ، އަދަބެއްގެ ގޮތުން ކުށްވެރިޔާ މުޖުތަމައަށް ކޮށްދޭން ޖެހޭ ހިދުމަތަކީ، އޭނާ ކުރި ކުށުގެ އަމަލުގެ ސަބަބުން ލިބުނު ގެއްލުން ރަނގަޅު ކުރުމަށް، ނުވަތަ އެ ގެއްލުމުން ސަލާމަތް ވުމަށް ބާރުއަޅާ ހިދުމަތަކަށް ވާން ޖެހޭނެ ކަމަށް ވަނީ ހިމަނައިފައެވެ. އެއީ އާންމު ގޮތެއްގައި ގިނަ ކުށްތަކަށް ކަނޑައެޅޭ އަދަބުގެ ބައެއްގެ ގޮތުގައި ހިމެނުމަށް އެކަށީގެންވާ އަދަބެއް ނަމަވެސް މުޖުތަމައަށް ހިދުމަތްކުރުމުގެ އަދަބަކީ އާންމުގޮތެއްގައި އެންމެ ކުޑަ ކުށްތަކަށް މެނުވީ ކަނޑައެޅޭ ހަމައެކަނި އަދަބު ކަމަށް ވެގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަަމަވެސް މުޖުތަމައަށް ހިދުމަތް ކުރުމަށް ކޯޓުން ކުރާ ހުކުމަކާ ގުޅިގެން، ކުށްވެރިޔާ ލައްވައި، ކުރެވޭނީ ކޮން ކަންތަކެއް ކަން ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައެއް ނުވެއެވެ. އެހެންކަމުން މިއަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު، އަދަބު ކަނޑައެޅުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުގައި އެކަންތައްތައް ވަނީ ކަނޑައަޅައިފައެވެ. އަދި އެހެން އަދަބަކާއެކު މަސްހުނިކޮށްވެސް އެ އަދަބު ދެވިދާނެކަން ސުޕްރީމް ކޯޓުގެ އުސޫލުގައި ވަނީ ބަޔާން ކޮށްފައެވެ.

އެ އުސޫލުގެ 23 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ މީހެއްގެ މައްޗަށް ކަނޑައެޅޭ ހަމަ އެކަނި އަދަބަކީ މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ނަމަ، ކުށްވެރިޔާގެ މައްޗަށް ސާބިތު ވެފައިވާ ކުށަކީ ޖުނަހްގެ ކުށަކަށް ވާން ވާނެ ކަމަށެވެ. އެ މާއްދާގެ (ނ) ގައި މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބަކީ، އެހެން އަދަބަކާއެކީ ތަންފީޒު ކުރެވިދާނެ އަދަބެއް ކަމަށާއި، މި ގޮތުން ޖަލު އަދަބާއި، ގޭބަންދު ކުރުމުގެ އަދަބު ތަންފީޒު ކުރަމުން އަންނައިރު، މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު އެ މުއްދަތުގެ ތެރޭގައި ތަންފީޒު ކުރެވިދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބުގެ ގޮތުގައި 23 ވަނަ މާއްދާގެ (ބ) ގައި ކަނޑައަޅާފައިވާ އަދަބު ތަކުގެ ތެރޭގައި ހިމެނެނީ، މަގުތަކާއި، ޕޭ ޓޮއިލެޓްތަކާއި، ޕާކު ތަކާއި، ސްކޫލްތަކާއި، މިސްކިތްތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެހެނިހެން އާއްމު ތަންތަން ސާފު ކުރުމާއި އާބާތުރަ ފިލުވުމެވެ. މީގެ އިތުރުން ކުނި އުކުމާއި، ގޭގެއިން ކުނި ނެގުމުގެ މަސައްކަތް ކުރުމާއި، މަގު ހެދުމާއި، ކޮންސްޓްރަކްޝަން އާއި އެނޫންވެސް ދައުލަތުގެ ނުވަތަ ދައުލަތުގެ އިދާރާތަކުން ހިންގާ އުމުރާނީ މަސައްކަތް ކުރުންވެސް ހިނެއެވެ. އަދި ކުށްވެރިޔާއަށް ލިބިފައިވާ އިލްމެއް ނުވަތަ ހުނަރެއް އެހެން ބަޔަކަށް ކިޔަވައިދިނުން ނުވަތަ ދައުލަތުގެ އޮފީހެއްގައި ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏެއްގައި މަސައްކަތް ކުރުންވެސް ހިމަނާފައިވެއެވެ.

މުޖުތަމައަށް ހިދުމަތް ކުުރުމުގެ އަދަބަކީ އެ އަދަބު ތަންފީޒު ކުރާ އިދާރާއިން ގާތުން ބަލައި، މޮނިޓާ ކުރަން ޖެހޭ މަސައްކަތްތަކެއް ކަމުގައި ވީހިނދު، އެކަން ކުރުމަށް ޓަކައި، ދިވެހި ފުލުހުންގެ ހިދުމަތުގެ ކިބައިންނާއި، ރަށު ކައުންސިލްތަކުންނާއި، ސަރުކާރުގެ އޮފީސްތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކިބައިން އެހީތެރިކަން ހޯދުމުގެ އިހުތިޔާރު އަދަބު ތަންފީޒު ކުރާ އިދާރާއަށް ލިބިގެން ވާ ކަމަށް އެ މާއްދާގެ (ޅ) ގައި ވަނީ ބަޔާން ކޮށްފައެވެ.

މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރުމުގައި އަމަލު ކުރާނެ ތަފްސީލީ އުސޫލުތަކެއް، އަދަބު ތަންފީޒު ކުރާ އިދާރާއިން އެކުލަވާލައި ޝާއިއު ކުރަންވާނެ ކަމަށްވެސް އެ މާއްދާގެ (ކ) ގައި ސުޕްރީމް ކޯޓުން ވަނީ ބަޔާންކޮށްފައެވެ. އެކަމަށް ޓަކައި ހަ މަސްދުވަހުގެ މުއްދަތެއްވެސް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

މުޖުތަމައަށް ހިދުމަތް ކުރުމަށް ކުރި ފުރަތަމަ ހުކުމް

ގާނޫނުލް އުގޫބާތުގައި ކަނޑައަޅައި، ސުޕްރީމް ކޯޓުން އެކުލަވައިލި އުސޫލުގެމަތިން ޖަލު ހުކުމުގެ ބަދަލުގައި މުޖުތަމައަށް ހިދުމަތް ކުރުމަށް ކްރިމިނަލް ކޯޓުން މިމަހު ތިންވަނަ ދުވަހު ވަނީ ފުރަތަމަ ފަހަރަށް ހުކުމް ކޮށްފައެވެ. އެގޮތަށް ފުރަތަމަ ހުކުމް ކުރީ، ދެ ބިދޭސީއެއްގެ މައްޗަށެވެ.

އެ މައްސަލައިގައި ހިމެނޭ ދެ ބިދޭސީންނަކީ ކޮވިޑް 19އިގެ ސަބަބުން، ކައިބޮއި ހަދާނެ ގޮތެއް ނެތިގެން މއ.އެލީޒިއަމް ގެއަށް ވަދެ އެގޭގެ ތިރީބުރީގައި ހުންނަ ލިޓަސް ގްރޫޕުގެ ސާވިސް ސެންޓަރަށް ވަދެ ވައްކަން ކުރި ދެ ބިދޭސީންވެ. އެތަނުން އެކެއްގެ މައްޗަށް އެއްމަހަށް ޖަލަށް ލުމާއެކު 137 ގަޑިއިރު މުޖުތަމައަށް ހިދުމަތްކުރަން ހުކުމް ކުރީ އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގައެވެ. އަނެއް މީހާގެ މައްޗަށް ހަމަ އެގޮތަށް ހުކުމް ކޮށްފައިވަނީ ވައްކަން ކުރުމުގައި ބައިވެރިވުމުގެ ކުށަށެވެ.

ގާނޫނުލް އުގޫބާތުގައިވާ ގޮތުން މި ކުށަށް އެއް މަހާ 24 ދުވަހުގެ ޖަލު ހުކުމެއް ކުރެވިދާނެ އެވެ. ނަމަވެސް އެ މައްސަލައިގައި ދައުލަތުން ކުރި ދައުވާއަށް އެމީހުން އިއުތިރާފު ވެފައި ވާތީ، އެއްމަހުގެ ޖަލު ހުކުމާއެކު 137 ގަޑިއިރު މުޖުތަމައަށް ހިދުމަތްކުރަން ހުކުމް ކުރީ ދައުވާއަށް އިއުތިރާފު ވެފައި ވާތީ ލިބުނު ލުޔާ އެކުއެވެ. އެހުކުމްގައިވާ އަދަބު ތަންފީޒު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ވެސް ކޯޓުން ވަނީ އަންގައިފައެވެ.

މުޖުތަމައަށް ހިދުމަތް ކުރުމަށް ކުރި ހުކުމް ތަންފީޒު ކުރެވޭނެ ގޮތެއް ނެތް

ނަމަވެސް އެ ހުކުމާއެކު މުޖުތަމައަށް ހިދުމަތްކުރުން ތަންފީޒު ކުރެވޭނެ ގޮތެއް ނެތުމުގެ މައްސަލަ މިހާރު ވަނީ ކުރިމަތިވެފައެވެ. މުޖުތަމައަށް ހިދުމަތްކުރަން ކުރިމިނަލް ކޯޓުން ހުކުމް ކުރިއިރުވެސް، އެ ހުކުމް ތަންފީޒު ކުރެވޭނެ ގޮތެއް ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓުގައި ވަކާލާތު ކުރިއެވެ.

އެގޮތުން އެ ހުމުން ތަންފީޒު ކުރުމަށް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ތައްޔާރު ކުރަން ޖެހޭ އުސޫލު އެކުލަވާލާފައި ނުވާތީ އަދަބު ތަންފީޒު ކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ޕްރޮސިކިއުޓާޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

ނަމަވެސް އެކަމަށް ރިއާޔަތް ކުރައްވައި، ކުރިމިނަލް ކޯޓުމުގެ ހުކުމްގައި ބުނެފައި ވަނީ، ޖަލު އަދަބުތަކުގެ ބަދަލުގައި އިތުރު އަދަބުތަކެއް ކަނޑައެޅިދާނެ ކަމަށް ގާނޫނުލް އުގޫމާތުގެ 1004 ވަނަ މާއްދާ އާއި 1005 ވަނަ މާއްދާއަށް ބެލުމުން އެނގޭއިރު އަދި ސުޕްރީމްކޯޓުގެ އުސޫލުގައި ކަރެކްޝަނުން އެކަމަށް އެކުލަވައިލަން ޖެހޭ އުސޫލުތައް ޝާއިއު ކުރަން މުހުލަތެއް، ކަނޑައަޅާފައިވާއިރު އެފަދަ އުސޫލެއް އެކުލަވައިލައިފައި ނެތުމަކީ، ގާނޫނުން ދައުވާ ލިބޭ ފަރާތަށް ލިބެން އޮތް ލުޔެއް ލިބުމަށް ހުރަހަކަށް ވެގެން ނުވާނެ ކަމަށެވެ.

ދައުލަތުގެ އިދާރާއަކުން ކުރަން ޖެހޭ ކަމެއް ނުކޮށް އޮތުމުގެ ސަބަބުން އަދި ވަކި މުއްދަތެއްގައި ތައްޔާރު ކުރަން ޖެހޭ ގަވާއިދެއް ތައްޔާރު ނުކޮށް އޮތުމުގެ ސަބަބުން ވަކި ކަމެއް ކުރުމަށް ދަތިތަކެއް ހުރިކަމަށް ފާހަގަ ކުރާ ނަމަ، ކުރަން ޖެހޭނެ ކަމަކީ ވީ އެންމެ އަވަހަކަށް އެ ގަވާއިދެއް ތައްޔާރު ކޮށް ޝާއިއު ކުރުން ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އެއީ ގާނޫނަކުން މީހަކަށް ލިބިފައިވާ ލުޔެއް ދިނުމަށް އޮތް ގާނޫނީ ހުރަހަކަށް ވެދާނެ ކަމަށް ޝަރީއަތުން ނުދެކޭ ކަމަށްވެސް ހުކުމްގައި ބުނެފައިވެއެވެ.

މިދިޔަ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހޯމް މިިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވީ، މުޖުތަމައަށް ހިދުމަތްކުރުމުގެ ހުކުމް ތަންފީޒު ކުރުމަށް އެކަންތައްތައް މޮނިޓާ ކޮށް ބެލެހެއްޓުމާބެހޭ ނިޒާމް ގާއިމު ކުރުމަށް އެކުލަވައިލަން ޖެހޭ އުސޫލުގެ، ފުރަތަމަ ޑްރާފްޓް ކަމާބެހޭ ހުރިހާ މުއައްސަސާތަކާއެކު ފައިނަލް ކޮށް، ދެވަނަ ފަހަރަށް އެ މުއައްސަސާތަކަށް ކޮމެންޓަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެކަމުގައި މަސައްކަތް ކުރަން ޖެހޭ ހުރިހާ ކުންފުނިތަކާ ވާހަކަ ދެކެވި، އެ ފަރާތްތަކަށް ދެވޭނެ ހިދުމަތްތައް ކަނޑައަޅައި ދެވޭނެ އުޖޫރައަކާ މެދު ވާހަކަ ދައްކަވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

"އެ ބޭފުޅުންނަށް އެކޮމެޑޭޓް ކުރެވޭނެ އަދަދާއި، ދެވޭނެ އިނާޔަތްތަކާއި އެ ހުރިހާ އެއްޗަކަށް މަޝްވަރާ ކުރެވި، އޭގެ ތެރެއިން އެ އުސޫލު ފައިނަލްވެގެންދަނީ،" ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

މުޖުތަމައަށް ހިދުމަތް ކުރުމުގެ ހުކުމް ތަންފީޒު ކުރުމާބެހޭ އުސޫލާ ބެހޭ ގޮތުން ކަރެކްޝަނަލް ސާވިސްގެ މީޑީއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު "ވަން އޮންލައިން" އަށް ވިދާޅުވީ، އެ ހުކުމް ތަންފީޒު ކުރެވޭނީ އުސޫލު ނިމިގެން ކަމަށެވެ.

"އެއީ ހަމަ އެކަނި އަޅުގަނޑުމެންގެ އަތުގައި އޮތް ކަމެއް ނޫން، އެ އުސޫލުގެ ފުރަތަމަ ޑްރާފްޓް ކަމާބެހޭ ފަރާތްތަކަށް ފޮނުވުމުން ކޮމެންޓްތަކެއް ލައިފަ އިތުރަށް ފުރިހަމަ ކުރުމަށް އެންގުމުން އެ ކޮމެންޓްތައް ހިމެނުމަށްފަހު އަނެއްކާ އެފަރާތްތަކަށް ވަނީ ފޮނުވާފަ،" ޔުސްރީން ވިދާޅުވިއެވެ.

މިހާރު މުޖުތަމައުގެ ހިދުމަތަށް ހުކުމް ކޮށްފައި ތިބި މީހުން، ހުކުމްގެ އެއްމަސް ދުވަސް ޖަލުގައި ތަންފީޒު ކުރުމަށްފަހު މުޖުތަމައުގެ ހިދުމަތުގެ ބައި ތަންފީޒު ކުރަންވާއިރަށް އެކަމާބެހޭ އުސޫލު ނުނިމިއްޖެނަމަ، ފަހުން އެ ހުކުމް ތަންފީޒު ކުރަން ޖެހޭނެތޯ ސުވާލު ކުރުމުން ނިސްރީން ވިދާޅުވީ، އެކަމަށް ދޭނެ ޖަވާބެއް އެނގިވަޑައިގަންނަވާނީ އެ އުސޫލު ނިމުމުން ކަމަށެވެ.

އެހެންކަމުން މުޖުތަމައަށް ހިދުމަތް ކުރުމުގެ ހުކުމް، ކިތަންމެ ތާރީހީ ނަމަވެސް، ތަންފީޒު ކުރެވޭނެ ގޮތެއް އަދިވެސް ނެތެވެ.