ޖިންސީ ގޯނަތަކެއްގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހެއްޓުމަށް، އެދި ހުށަހެޅި ދެވަނަ މައްސަލައިގައިވެސް އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ހައިކޯޓުން އަމުރެއް ނުނެރެދިނެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދި ޕްރޮސިކިއުޓާޖެނެރަލްގެ އޮފީހުން މީގެ ކުރިން ކުރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ އަމުރު ނެރެ ނުދިން މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.
އެ މައްސަލައާ ގުޅިގެން ހުސްވި ސެޕްޓެމްބަރު މަހުގެ 12 ގައި ހައިކޯޓުން ހުކުމް ކުރީވެސް އެފަދަ އެމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެ ފަހަރު ޕީޖީން އެދިފައި ވަނީ، އަލީ ވަހީދުގެ ކެންސަލް ކޮށްފައި އޮތް ޕާސްޕޯޓެއް ހިފެހެއްޓުމުގެ އަމުރަކަށެވެ. އެއީ އޭނާ މިނިސްޓަރު ކަމުގެ މަގާމުގައި އުންނެވިއިރު ގެންގުޅުއްވި، ޑިޕްލޮމެޓިކް ޕާސްޕޯޓެކެވެ. ނަމަވެސް އޭނާގެ ފަރާތުން މިނިސްޓަރުކަން ނެގުމާ ގުޅިގެން 11 އޯގަސްޓް 2020 ގައި އެ ޕާސްޕޯޓު ވަނީ ކެންސަލް ކޮށްފައެވެ.
އެފަހަރު ހައިކޯޓުން ކުރި ހުކުމްގައި ވަނީ ޕާސްޕޯޓު ކެންސަލްކުރުމުގެ މާނައަކީ ބާތިލު ކުރުން ކަމަށެވެ.
އެކަމާ ގުޅިގެން އަލީ ވަހީދުގެ އޯޑިނަރީ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދި ޕީޖީގެ ފަރާތުން ދެވަނަ ފަހަރަށް 15 ސެޕްޓެމްބަރުގައި ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. އެއީ ނުވައެއް ފެބްރުއަރީ 2026 ގައި މުއްދަތު ހަމަ ވާ ގޮތަށް ނުވައެއް ފެބްރުއަރީ 2021 ގައި ދޫކޮށްފައިވާ ޕާސްޕޯޓެކެވެ.
އެމައްސަލައިގައި، އެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދެވޭނެ ތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ 19 ގައެވެ.
މައިގަނޑު ސަބަބުތައް ކަމަށް ކުރިމިނަލް ކޯޓުން ބަޔާންކޮށްފައި ވަނީ ކޯޓު އަމުރަށް އެދި ހުށަހެޅި ފޯމުގައި އަލީ ވަހީދު ރާއްޖެއިން ފުރައިގެންދާން އުޅޭ ކަމުގެ ހެކި ބަޔާން ކޮށްފައި ނުވާތީ އާއި އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައި ވާތީ މިފަދަ އަމުރެއް ނެރުމުގެ ބޭނުންތެރިކަން ނެތުމާއި، ރާއްޖޭގައި ނެތް މީހެއްގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާ ތަސްބީގު ނުކުރެވޭނެތީއެވެ.
ކުރިމިނަލް ކޯޓުގެ އެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި، އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް އެދި ޕީޖީގެ ފަރާތުން އަނެއްކާވެސް އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.
އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދި ހުށަހޅާފައިވާ ފޯމުގައި ބަޔާން ކޮށްފައިވާ މައުލޫމާތުތަކަށް ބިނާކޮށް، އެ ފޯމުގައި ބަޔާން ކޮށްފައިވާ، އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ގާނޫނާ ހިލާފު ކަމަށް ބެލެވެން ނެތް ކަމަށް ކަނޑައަޅައި، ޕީޖީ އޮފީހުން އެދިފައިވާ ގޮތަށް އެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް މި މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިންތިފާގުން ހުކުމް ކުރާ ކަމަށެވެ.
ސަބަބެއް ކަމަށް ހުކުމްގައި ބުނެފައި ވަނީ، ކުރިމިނަލް ކޯޓުގެ ނިންމުން ގާނޫނާ ހިލާފުކަމަށް ކަނޑައެޅިދާނެ ގާނޫނީ ހަމައެއް ޕްރޮސިކިއުޝަނަށް ދެއްކިފައި ނުވާތީ އާއި ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅޭ މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ގަބޫލުކުރެވެން ނެތުމާއި، އަމުރަށް އެދުނު އިރުވެސް އަދި މިހާރުވެސް އޭނާއަކީ ރާއްޖޭގައި ނެތް މީހެއް ކަމަށް ވުމެވެ.
މީހަކު ރާއްޖޭން ގޮސް ފިލައިފާނެ ކަމަށް ޓަކައި، އެކަން ހުއްޓުވުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން އަމުރެއް ހޯދުމަށް އެދޭ ނަމަ، އެ މީހަކު ރާއްޖޭގެ އިހުތިސާސުން ބޭރު ވުމުގެ ކުރިން އެކަމަށް އެދެން ޖެހޭ ކަމަށާއި އަދި އެފަދަ އަމުރެއް ނެރޭނަމަ އެ މީހަކު ރާއްޖެ ދޫކޮށް ދިއުމުގެ ކުރިން އަމުރު ނެރެގެން ނޫނީ އެ އަމުރު ނެރުމުގެ މަގުސަދު ހާސިލު ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އިރު އެ މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ އަނިޔާކޮށް، ޖިންސީ ގޯނާކޮށް، ޖިންސީ އަމަލު ހިންގާފައިވާ ކަމަށް ބުނާ މައްސަލައިގައި، އަލީ ވަހީދު ފުރުން މީގެކުރިިން ކުރިމިނަލް ކޯޓުން މަނާ ކުރިއެވެ.
ނަމަވެސް އަލީ ވަހީދަށް ދިމާވި ސިއްހީ ކަންތައްތަކަކާ ގުޅިގެން، އެ އަމުރު ނިމުމަކަށް ގެނެސް ހަތަރު މަހުގެ މުއްދަތަކަށް ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދައެއް ދިނެވެ. އެ ހުއްދައިގެން ދަށުން މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް، އެ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް އޭނާ ރާއްޖެ އައިސްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު