ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް، ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދައުވަތު ދެއްވައިފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒު ޝަރީފްގެ ދައުވަތަކަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ބޮޑުވަޒީރުގެ ގެކޮޅުގައި އޮތް ރަސްމިއްޔާތެއްގައި ދެ ބޭފުޅުން ގުޅިގެން ދެއްވި ބަޔާނުގައި ރައީސް ވިދާޅުވީ ޕާކިސްތާނާ ގުޅިގެން ދެ ގައުމުގެ ރައްޔިތުންނަށް ފައިދާވާނެ ކަންކަން ހާސިލް ކުރުމަށް ކުރިއަށް އޮތް ތަނުގައި އިތުރަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަށް ޔަގީންވި ކަމަކީ ދެ ގައުމު ގުޅިގެން އިތުރަށް މަސައްކަތް ކުރުމުގެ އިތުރު ފުރުސަތައް ހުޅުވިގެން ދިޔަކަން. ދެ ގައުމުގެ ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް ލިބުނު،"

ދެގައުމުގެ ދުވަސްވީ ގާތްގުޅުމުގެ ސަބަބުން ވަރަށް ގިނަ ކަންކަމާ ވަރަށް ވެސް ފުޅާ ދާއިރާއެއްގައި ވަރަށް ދިގުކޮށް މަޝްވަރާ ކުރެވުނު ކަމަށެވެ. އެކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން ބަދަހިވެ އިތުރަށް ކުރިއަރާނެކަމުގެ ޔަގީންކަން ލިބިވަޑައިގެންނެވި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މަޝްވަރާތައް ނިންވައިލެއްވުމުން އަޅުގަނޑަށް އިހުސާސްކުރެވުނު އެއް ކަމަކީ ދެ ބޭފުޅުންގެ ވިޝަން އެއްގޮތްކަމާއި ދެގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެ ބޭފުޅުންގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކާއި ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން ކުރިއަށްވުރެވެސް ބަދަހިވެ، އާ ގުޅުންތަކާއި ދެގައުމުގެ ގާތް ރަހުމަތްތެރިކަން އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމަށެވެ.

ރައީސް ވަނީ ޕާކިސްތާނަށް ވަޑައިގެންނެވުމުން، އެގައުމުން ކިޔުއްވި ހޫނު މަރުހަބާ އާއި މެހެމާންދާރާއަށް ޝުކުރުއަދާ ކުރައްވައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތުދެއްވައިފައެވެ.