ރަށް ރަށުގެ ރަށު ކައުންސިލަރުންނަށް އިތުރު 5000 ރުފިޔާގެ އެލަވަންސެއް ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސް ކޮށްފިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކައުންސިލަރުންނަށް ސާވިސް އެލަވަންސްގެ ގޮތުގައި 5000 ރުފިޔާގެ އެލަވަންސްއެއް ދޭން ހުށަހެޅުއްވީ، ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ.

ތާއީދު ކުރެއްވީ، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ.

މިހާރު ރަށު ކައުންސިލްގެ މުސާރަ ހަމަޖެހިފައިވާ ގޮތުން، ރަށު ކައުންސިލްގެ ރައީސުންނަށް ލިބެނީ، 25500 ރުފިޔާއެވެ. ނައިބު ރައީސުންނަށް ލިބެނީ 20000 ރުފިޔާއެވެ. އަދި ކައުންސިލް މެންބަރުންނަށް ލިބެނީ 18000 ރުފިޔާއެވެ.

މުސާރައަށް ގެނައި ބަދަލު ތަފްސީލް ހުށަހަޅަމުން މާލިއްޔަތު ކޮމިޓީގެ އިދާރީ މޭޒުން ބުނީ، ކައުންސިލަރުންނަަށް 5000 ރުފިޔާގެ އެލަވަންސެއް ހަމަޖެއްސުމުން މުސާރަތަކުގެ ފަރަގު ކުޑަވެގެންދާނެ ކަަމަށެވެ.

އެގޮތުން މި އެލަވަންސް ހިމެނުމުން، ރަށު ކައުންސިލްތަކުގެ ރައީސުންނަށް ލިބޭނީ 30،500 ރުފިޔާ، ނާއިބު ރައީސުންނަށް 25،000 ރުފިޔާ އަދި ކައުންސިލް މެންބަރުންނަށް 23،000 ރުފިޔާއެެވެ.

މުސާރަތަކަށް މި ބަދަލު ގެންނަން ދެކޮޅު ހެއްދެވީ، ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އިންނެވި، އެމްޑީޕީގެ ހަމަ އެކަނި މެންބަރު ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާއެވެ.

އޭނާ ވިދާޅުވި މި ދަނޑިވަޅުގައި މުސާރަތަަކަށް މިފަދަ ބަދަލެއް ގެނައުމަކީ، ދުނިޔޭގެ މަސްރަހު މިވަގުތު އޮތްގޮތުން ސަރުކާރަށް އަނެއްކާވެސް ބުރަ ބޮޑުވެގެންދާނެ ކަމެއް ކަމަށެވެ. ނަމަވެސް މިހާރު މިއޮތް ހާލަތު ބަދަލުވެގެން އެފަދަ ބަދަލެއް ގެނެވިދާނެ ކަމަށާއި މިހާރު ކުރިމަގު ދައްކާ ގޮތުން މީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށްވެސް ގަފޫރު ވިދާޅުވިއެވެ.

ބައެއް ރަށްރަށަކީ ގްރާންޓްގެ ގޮތުގައި ހަ މިލިޔަން، ހަތް މިލިޔަން ލިގޭ ރަށްރަށް ކަމަށާއި ކައުސިލަރުންގެ މުސާރައަށް ތިން ހަތަރު މިލިޔަން އެރުމުން ދެން އެތަނުގައި ތިބޭ މުވައްޒަފުންނަށް މުސާރަދީ އިތުރަށް ކަމެއް ކުރާނެ ފައިސާއެއް ނުހުންނަ ކަމަށްވެސް ގަފޫރު ވިދާޅުވިއެވެ. އެހެން ކަމުން މި ދަނޑިވަޅުގައި އެއްވެސް ތަނެއްގެ މުސާރައާ ކުޅެން ތާއީދު ނުކުރައްވާ ކަމަށް ގަފޫރު ވިދާޅުވިއެވެ.

ނަަމެވެސް މެންބަރު މަމްދޫހު ހުށަހަޅުއްވައި، ހަަމަދު ތާއީދު ކުރައްވައިގެން ޕީއެންސީ މެޖޯރިޓީން މި އެލަވަންސް ދިނުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.