މޯލްޑިވްސް ފައިނޭންސް ފޯރަމްގެ 13 ވަނަ އެޑިޝަންގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހުޅުވާލައިފިއެވެ.

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ މި ފޯރަމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު ދުސިތުޑީ2 ފޭދޫ މޯލްޑިވްސްގައެވެ.

ޕެންޝަން އޮފީހުން މިއަދު ބުނި ގޮތުގައި، މިއަހަރުގެ ފޯރަމްގެ ޝިއާރަކީ "ގްރީން ފައިނޭންސް: އަންލޮކިން ސަސްޓެއިނަބަލް އިންވެސްޓްމަންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" އެވެ. މި ބައްދަލުވުމުގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަގުވާމީ ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި މި ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ރާއްޖޭގެ އިގުތިސާދީ އަދި މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ދިގުމުއްދަތުގެ ދެމެހެއްޓެނިވި ރައުސުލްމާލު ހޯދިދާނެ ގޮތްތަކާ ގުޅޭގޮތުން ކަމަށްވެސް ބުންޏެވެ.

މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތަކަކީ މާލީ ނުރައްކަލެއްގެ ގޮތުގައި އިންވެސްޓަރުންނާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ދެކޭތީ، ގައުމުތަކާއި މުއައްސަސާތަކަށް ދިގުމުއްދަތުގެ ރައުސުލްމާލު ލިބުމުގައި އަމަލުކުރާ އުސޫލުތަކަށް ބަދަލުތަކެއް އަންނަމުންދާ ކަމަށް ޕެންޝަން އޮފީހުން ފާހަގަކުރިއެވެ. އެހެންކަމުން، ރާއްޖޭގައި އިތުބާރު ހުރި ގްރީން ފައިނޭންސް މާކެޓެއް ގާއިމުކުރުމަށް ކުރަންޖެހޭ ކަންކަމާއި، ރާއްޖޭގެ ތަރައްގީގެ ސިޔާސަތުތަކާ ގުޅޭ މާލީ ވަސީލަތްތަކާއި، މާކެޓުގެ ހާލަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރި އުމްރާނީ ވަސީލަތްތަކާއި، ނޫ އިގުތިސާދުގެ ދާއިރާއިން ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް މަގުފަހިކުރެވޭނެ ގޮތްތަކަށްވެސް މި ފޯރަމްގައި އަލިއަޅުވާލާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ޕެންޝަން އޮފީހުން ބުނީ، ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރު އަދި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ މައިގަނޑު އިދާރާގެ ހައިސިއްޔަތުން އެ އޮފީހުން މާލީ ދާއިރާގެ ކުރިއެރުމަށް ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން، ޕެންޝަން ފަންޑުގެ މެންބަރުންގެ މާލީ ރައްކާތެރިކަން ބިނާވެފައިވަނީ ގައުމުގެ ވިލުންތެރި އަދި ދެމެހެއްޓެނިވި އިގުތިސާދީ ސިޔާސަތުތަކާއި، ދިގުމުއްދަތުގައި އެކަށީގެންވާ ނަފާއެއް ލިބޭނެ އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައްޗަށް ކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ. އަދި މި ފޯރަމަކީ ގައުމީ އަދި ބައިނަލްއަގުވާމީ ތަޖުރިބާކާރުންނާއި މާލީ ދާއިރާގެ އިސް ފަރާތްތަކާ ހިޔާލު ބަދަލުކޮށް، ދެމެހެއްޓެނިވި މާލީ ނިޒާމެއްގެ ތެރެއިން ރާއްޖެއަށް ފަހިވެފައިވާ އާ ފުރުސަތުތައް ދެނެގަތުމަށް ބައިވެރިންނަށް ލިބޭނެ ފުރުސަތެއް ކަމަށްވެސް ބުންޏެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފޯރަމްގެ ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓަރީވުމުގެ އިންތިޒާމު ޕެންޝަން އޮފީހުން ވަނީ ހަމަޖައްސައިފައެވެ.