ދެހާސް އެގާރަ ވަނަ އަހަރުގެ އެޕްރީލް މަހު މަޖިދީމަގާއި އަލިކިލެގެފާނު މަގު ގުޅުނު ހިސާބުގައި ސ. ހިތަދޫ ވަރުދީގޭ، އަހުސަން ބަޝީރުގެ ކަރަށް ހަމަލާދީ މަރާލި މައްސަލައިގައި ދައުވާ ލިބޭ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާއި. މއ. ވީނަސްތަރި، ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްޗަށް ގަސްދުގައި މީހަކު މަރާލި މައްސަލައިގެ ދައުވާ ސާބިތުވާކަމަށް ހައި ކޯޓުން ކަނޑައަޅައިފިއެވެ.
ކުރިމިނަލް ކޯޓުން 2014 ވަނަ އަހަރު އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރީ އަހުސަނަށް ހަމަލާދިން މަންޒަރު ފެނުނު ދެ މީހުންގެ ހެކިބަސް ލިބިފައިނުވާތީއެވެ.
ކުރިމިނަލް ކޯޓުގައި އޭރު ޝިމާޒާއި ޝަހުމް ތަމްސީލު ކުރެއްވި ގާނޫނީ ވަކީލު އިބްރާހީމް ޝިޔާމު ވިދާޅުވެފައި ވަނީ، ޑައިން ޑިކްލެރޭޝަނަށް ބިނާކޮށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އެއީ އެ ހާދިސާ ހިނގިއިރު އެކަމާ ބެހޭ ގާނޫނެއް ރާއްޖޭގައި ނެތުމުން ކަމަށެވެ.
އޭގެފަހުން ޑައިން ޑިކްލަރޭޝަން ބަލައިގަނެވޭ ގޮތަށް ދެ ގާނޫނެއް އިސްލާހު ކުރިޔަސް، ކުރިން ހިނގާފައިވާ ކަންކަމަށް ފަހުން ހެދޭ ގާނޫނުގެ އުސޫލުތައް ނުހިނގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޑައިން ޑިކްލަރޭޝަންގެ ސަބަބުން ހެކިވެރިންނާ ސުވާލު ކުރުމުގެ ހައްގު ދައުވާ ލިބޭ މީހުންނަށް ގެއްލޭ ކަމަށާއި ގާނޫނަކުން ބާރު ލިބިގެން ނޫނީ އެ ހައްގު ހަނި ނުކުރެވޭނެ ޝިޔާމް ވިދާޅުވެފައިވެއެވެ.
ގާނޫނޫއަސީގައި ބުނާ ޝައްކެއްނެތް މިންވަރަށް ދައުލަތަށް ކުށް ސާބިތު ނުކޮށްދެވުނު ކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން ހުކުމްކުރީ ޝިމާޒާއި ޝަހުމުގެ މައްޗަށް ކުރާ ދައުވާ ސާބިތުނުވާ ކަމަށެވެ. ކުރިމިނަލް ކޯޓުގެ އެ ހުކުމް ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ހައި ކޯޓުން މިއަދު ކަނޑައެޅީ ޝަހުމްގެ މައްޗަށް ގަސްދުގައި މީހަކު މަރާލިކަމުގެ ކުށް ސާބިތުވާ ކަމަށެވެ. އަދި ޝިމާޒުގެ މައްޗަށް މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވާ ކަމަށެވެ. ހައި ކޯޓުން އެގޮތަށް ކަނޑައެޅީ ޑައިން ޑިކްލެރޭޝަން ގަބޫލުކުރެވޭނެ ކަމަށް ހައި ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާތީ އާއި ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމުން ޝައްކެއްނެތް މިންވަރަށް ކުށް ސާބިތުވާތީއެވެ.
އެ މައްސަލައިގައި ޝިމާޒާއި ޝަހުމްގެ މައްޗަށް ދައުލަތުން އޭރު ދައުވާ އުފުލީ، އަހުސަނުގެ މަރު މަތީގައި ބުނި ބަސް ނޫނީ ޑައިން ޑިކްލެރޭޝަނަށް ބިނާކޮށެވެ. ހަމަލާއަށް ފަހު އަހުސަން ހޮސްޕިޓަލަށް ގެންދިޔުމުން، އެތަނަށް ހާޒިރުވި ފުލުސް މީހާ ކައިރީގައި "ވަޅީ ޖެހީ ޝަހުމް އެންސީ، ޖަރުމަނު" ކަމަށް ބުނި ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އެހެން ވަނީ ބުނެފައެވެ.
އެ މައްސަލައާ ގުޅިގެން މީގެ ކުރިން ހައި ކޯޓުގައި ބޭއްވި އަޑުއެހުންތަކުގައި ދައުލަތުން ވިދާޅުވެފައި ވަނީ، އަހުސަނުގެ ޑައިން ޑިކްލަރޭޝަނަށް ބުރަދަން ދެވޭނެ ކަމަށާއި އަހުސަނަށް ހަމަލާދިން ތަން ފެނުނު ކަމަށް އިތުރު ހެއްކަކު ބުނެފައިވާ ކަމަށެވެ. ދައުލަތުން ވިދާޅުވެފައި ވަނީ، ދެ ފިރިހެނުންގެ ހެކިބަސް ނެތަސް، އެހެން ހެކިތަކާއި ގަރީނާތަކުން ގަސްދު މަރެއް ސާބިތު ކުރެވިދާނެއެވެ. އަދި އެގޮތަށް ހައި ކޯޓުން ކުރިން މައްސަލަތައް ނިންމާފައި ހުރިކަން ދައުލަތުން ފާހަގަކުރިއެވެ. ދައުލަތުން އެދުނީ ޝަހުމާއި ޝިމާޒުގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ހުކުމްކޮށް ދިނުމަށެވެ.
ހައި ކޯޓުގައި ވެސް ޝިމާޒާއި އަހުސަންގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ޝިޔާމުއެވެ. އޭނާ ވިދާޅުވީ ކުރިމިނަލް ކޯޓުގައި ހެކިވެރިން ހެކިބަސް ދިންއިރު ފުށުއެރުންތަކެއް ހުރި ކަމަށެވެ. އަދި ފުލުހުންގެ ބަޔާންތައް ދިމާނުވާ ކަމަށެވެ. ދައުލަތުން ހުށަހެޅި ރިޕޯޓްތަކުގެ ސައްހަކަން ކަށަވަރު ކުރަން އެކްސްޕާޓަކު ކުރިމިނަލް ކޯޓަށް ގެނެސްފައި ނެތް ކަމަށް ޝިޔާމު ވިދާޅުވިއެވެ. އޭނާ އެދިވަޑައިގަތީ ޝިމާޒާއި ޝަހުމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމައި ދިނުމަށެވެ.
އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ބޭއްވި ޝަރީއަތުގައި ދައުލުން ވިދާޅުވެފައި ވަނީ، އެއީ ގަސްދު މަރަކަށް ވާތީ ޝަހުމްގެ މައްޗަށް އަދަބު ކަނޑައެޅޭނީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ގިސާސްގެ އަދަބު ކަމަށެވެ. ޝިމާޒުގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ކަމަށްވާއިރު، އިސްލާމީ ޝަރީއަތުގެ އުސޫލުތައް އޮންނަ ގޮތުން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވާ މީހުންގެ އަދަބަކީވެސް ގިސާސް ކަމަށެވެ. އަދި އެކަމާ މެދު ގޮތެއް ނިންމޭނީ ވާރިސުންގެ ބަސް ހޯދައިގެން ކަން ދައުލަތުން ފާހަގަކުރިއެވެ.
ޝިމާޒާއި ޝަހުމްގެ ފަރާތުން އެދިފައި ވަނީ، މަރުގެ އަދަބަކީ ރާއްޖޭގައި ތަންފީޒުނުކުރާ އަދަބެއް ކަމުގައި ވުމުން ވީހާވެސް ލުއި އަދަބެއް ދިނުމަށެވެ. އެ ވާހަކައާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވީ އަދަބު ތަންފީޒު ކުރުމަކީ އެ ކޯޓުގެ ދައުރެއް ނޫން ކަމަށެވެ.
ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވީ ޝަހުމާއި ޝިމާޒު ތަހުގީގުގައި ހަނު ހުރުމުގެ ހައްގުގެ ބޭނުން ކޮށްފައިވާ ކަމަށާއި ތަހުގީގުގައި ހަނު ހުންނަ މީހަކަށް ޝަރީއަތުގައި ދިފާއު ނެގުމުގެ ފުރުސަތު އެހެން ގައުމުތަކުގައި ނުލިބޭ ކަމަށެވެ. އެކަމަކު ރާއްޖޭގައި ތަހުގީގުގައި ހަނު ހުއްޓަސް، ބޮޑެތި ދިފާއުތައް ޝަރީއަތުގައި ނަގައި، ދިފާއީ ހެކި ހުށަހެޅުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އަދި ޝަހުމާއި ޝިމާޒު އިތުރަށް ބުނާނެ އެއްޗެއް އެބައޮތްތޯ ފަނޑިޔާރު ނިޔާޒު ސުވާލު ކުރެއްވިއެވެ.
ޝަހުމު ބުނެފައި ވަނީ ތަހުގީގުގައި ހަނު ހުރީ އޭނާއަށް މަޖުބޫރު ކޮށްގެން ބަޔާނެއް ނަގަން ފުލުހުން އުޅުމުން ކަމަށެވެ. ޝިމާޒު ބުނެފައި ވަނީ އިތުރަށް ބުނާނެ އެއްޗެއް ނެތް ކަމަށެވެ.
މިއަދު ހައި ކޯޓުގައި އޮތީ އެ މައްސަލައިގައި ހުކުމް އިއްވުމާއި ވާރިސުންގެ ބަސް ނެގުމެވެ. އަހުސަނުގެ ވާރިސުން ހައި ކޯޓަށް ހާޒިރު ނުކުރަނީ އެ މީހުން ދައުވާ ލިބޭ މީހުންނާ އެއް ތަނަކަށް ނުގެންނަން ދައުލަތުން އެދިިފައި އޮތުމުން ކަމަށް ފަނޑިޔާޒު ނިޔާޒު ވިދާޅުވިއެވެ.
ފަނޑިޔާރު ނިޔާޒު ވިދާޅުވީ ކުރިމިނަލް ކޯޓުން އެ މައްސަލަ ނިންމީ މަރަށް މަރު ހިފުމާ މެދު އަހުސަނުގެ ވާރިސުން ބުނާ ބަހެއް ހޯދުމެއް ނެތި ކަމަށްވާތީ ހައި ކޯޓުން މައްސަލަ ނިންމުމުގެ ކުރިން އެ މީހުންގެ ބަސް ހޯދަންޖެހޭނެ ކަމަށެވެ. ރާއްޖެއިން ބޭރުގައިި ތިބިި އަހުސަނުގެ ހަތަރު ވާރިސެއްގެ ބަޔާން ލިބިފައިވާ ކަމަށާއި އެކަމަކު މާލޭގައި އުޅޭ ވާރިސުންގެ ބަސް ވެސް ހޯދަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް އަހުސަނުގެ ވާރިސުންގެ ބަސް މިއަދު ނުނެގުމުގެ ސަބަބުން ޝަރީއަތް ވަނީ މެދުކަނޑާލައިފައެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ވާރިސުންގެ ބަސް ހޯދުމަށްފަހު ހުކުމް އިއްވުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު