ހދ. ނޮޅިވަރަމް އިން ނޮޅިވަރަންފަރަށް ދިޔަ މީހަކު ޕޮޒިޓިވްވެ، އުފެދުނު ކްލަސްޓާއާ ގުޅިގެން އެރަށް މޮނީޓަރިން އަށް ލާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. ނަމަވެސް އޭގެ ދެ ހަފުތާ ފަހުން އެރަށް މޮނިޓަރިން އިން ނަގާފައިވަނީ އެޗްޕީއޭގެ މިންގަނޑުތަކަށް ބަލައި މޮނިޓަރިންގެ ހާލަތުގައި އެރަށް ބާއްވަން ޖެހޭ ހާލަތެއް އޮތް ކަމަށް ނުދެކޭތީ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
އެކަމަކު އެޗްޕީއޭގެ ނިންމުމާ ނޮޅިވަރަންފަރު ރައްޔިތުންނާއި ކައުންސިލުން ދެކޮޅެވެ. ކައުންސިލުން ބޭނުންވަނީ އެ ރަށް މޮނިޓަރިން ހާލަތަށް ގެނައުމަށެވެ. ސްކޫލް ބަންދު ކޮށް ދަރިވަރުންނަށް އޮންލައިން ކޮށް ކިޔަވައިދެވޭނެ މާހައުލެއް ގާއިމު ކުރުމަށެވެ.
ނޮޅިވަރަންފަރު ކައުންސިލް ރައީސް އަބްދުުﷲ ނަދީމް "ވަން" އަށް މިއަދު ވިދާޅުވީ އެރަށުން މިހާރު ވެސް ރެންޑަމްކޮށް ނަގާ ސާމްޕަލްތައް ޕޮޒިޓިވް ވަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެއީ ވަރަށް މަދުން ކަމަށެވެ.
ނަދީމް ވިދާޅުވީ އެރަށް މޮނިޓަރިންގެ ހާލަތުން އުވާލީ ކައުންސިލަށް ވެސް އެންގުމެއް ނެތި ކަމަށެވެ. އެކަމަކު މޮނިޓަރިން އުވާލިކަމުގެ ލިޔުން ކައުންސިލަށް ފޮނުވާފައިވާ ކަމަށެވެ. އެހެން ނަމަވެސް މޮނިޓަރިން ހާލަތު އުވާލަން ޖެހޭ އެއްވެސް ހާލަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރުވެސް ރަށުތެރެއިން މިނަގާ ސާމްޕަލްތައް ޕޮޒިޓިވް ވަމުންދަނީ. ވަރަށް މަދުން ނަމަވެސް ރަށުތެރެއިން މިހާރުވެސް މި ޕޮޒިޓިވް ވަނީ. އާންމުންގެ ތެރެއިން. އެހެންވީމަ މުޅި ރަށަށް ފެތުރުމުގެ ޗާންސް ވަރަށް ބޮޑު. އަޅުގަނޑުމެން ކައުންސިލަށްވެސް، ޓާސްކު ފޯހަށްވެސް، ހެލްތު ޕޯސްޓާ އެއްވެސް މަޝްވަރާއެއް އެންގުމެއް ނެތި މޮނިޓަރިން މި އުވާލީ. ހަމަ އެކަނި އުވާލިކަން އަންގާ ލިޔުން މި ފޮނުވީ. އަޅުގަނޑުމެން ބޭނުންވަނީ ބަލި އެއްކޮށް މިރަށުން ފިލަންދެން ރަށް މޮނިޓަރިންގަ ބާއްވަން." އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާނު "ވަން" އަށް މިއަދު ވިދާޅުވީ މޮނިޓަރިން އިން އުވާލާފައިވާ ކަން ކައުންސިލަށް އަންގާފައި ވާނެ ކަމަށެވެ. އަދި ރަށުގެ އާބާދީ އަށް ބަލައި ޕޮޒިޓިވް ވާ ރޭޓު ވަރަށް ބޮޑަށް ދަށް ވެފައިވާތީ އެ ރަށް މޮނިޓަރިންގައި އިތުރަށް ބާއްވާނެ ހާލަތެއް ނެތް ކަމަށެވެ.
ތަސްލީމާ ވިދާޅުވީ އިއްޔެ އެރަށުން ޕޮޒިޓިވް ވެފައިވަނީ ފުރަބަންދު ސާމްޕަލެއް ކަމަށެވެ. އަދި މޮނިޓަރިން އުވާލި ދުވަހުވެސް ޕޮޒިޓިވް ވެފައިވަނީ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހުންނާއި ފުރަބަންދު ސާމްޕަލްތައް ކަމަށެވެ.
ތަސްލީމާ މިހެން ވިދާޅުވި ނަމަވެސް ކައުންސިލްގެ ރައީސް ވަނީ މިކަން ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އިއްޔެ ޕޮޒިޓިވް ވެފައިވަނީ ރަށުތެރެއިން ރެންޑަމްކޮށް ނެގި ސާމްޕަލެއް ކަމަށެވެ. އެހެންކަމުން ރަށުތެރޭގައި ބަލި އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި މިކަމާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ.
އެގޮތުން މޮނިޓަރިން އުވާލުމުން ސްކޫލު ހުޅުވައި ކިޔެވުން ކުރިއަށް ގެންދާތީ ބެލެނިވެރިން ވަރަށް ބޮޑަށް ޝަކުވާ ހުށަހަޅާ ކަމަށް ނަދީމް ވިދާޅުވި އެވެ. އަދި ސްކޫލް ބަންދުކޮށް ކިޔެވުން އޮންލައިން ކޮށް ކުރިއަށް ގެންދަން ގިނަ ބަޔަކު އެޑިއުކޭޝަނާ ވެސް މަޝްވަރާ ކުރި ކަމަށް ވިދާޅުވި އެވެ. އެކަމަކު އެޗްޕީއޭ އިން ގޮތެއް ނިންމުމުން ނޫނީ އެޑިއުކޭޝަނަށް ވަކި ގޮތެއް ކަނޑަ ނޭޅޭނެ ކަމަށް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޮޅިވަރަންފަރުން "ވަން" އާ ވާހަކަ ދެއްކި ބެލެނިވެރިޔަކު ބުނީ 300 އަށްވުރެ ގިނަ ކުދިން އުޅޭ އެ ސްކޫލަށް އިއްޔެ ވެސް ކިޔަވަން ގޮސްފައިވަނީ 50 ވަރަކަށް ކުދީން ކަމަށެވެ. އަދި ކޮމިއުނިޓި ސްޕްރެޑެއް އޮތް ކަމަށް ގަބޫލު ކުރެވޭތީ އެއްވެސް ބެލެނިވެރިޔަކު އެ މީހެއްގެ ދަރީން ސްކޫލަށް ފޮނުވަން ބޭނުން ނުވާ ކަމަށްވެސް ބުންޏެވެ.
"އަޅުގަނޑުމެން ސްކޫލާ މަޝްވަރާ ކޮށްފަ އެޑިއުކޭޝަނާ ވާހަކަ ދެއްކިން ރަށުގެ ހާލަތަށް ބަލާފަ އޮންލައިންކޮށް ކިޔަވައިދޭން. ސަބަބަކީ އެއް ކުލާހެއްގަ ބައިވަރު ކުދިން ތިބޭއިރު އެ ކުދިންނަށް ގައިދުރުކޮށް ކިޔަވައިދޭނެ މާހައުލެއް ސްކޫލަކު ނެތް. ދެން އެޑިއުކޭޝަނުން ބުނީ ކޮންމެ އަތޮޅަކަށް ހާއްސަ ކޮށްފަ ހުންނާނެއޭ އެ މިނިސްޓްރީގެ އޮފިޝަލެއް. އެ ބޭފުޅާއާ ވާހަކަ ދައްކާށޭ. ދެން އެ ބޭފުޅާ އާ ވާހަކަ ދެއްކީމަ ބުނީ ސްކޫލު ބަންދެއް ނުކުރެވޭނެއޭ." އޭނާ ބުންޏެވެ.
ނޮޅިވަރަންފަރު ސްކޫލުގައި މަސައްކަތް ކުރާ ޓީޗަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް ވިދާޅުވީ އެ ސްކޫލުގައި ގައިދުރުކޮށް ކިޔަވައިދެވޭނެ މާހައުލެއް ނެތް ކަމަށެވެ. އެ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން ދަރިވަރުން ސްކޫލަށް ފޮނުވަން ބެލެނިވެރިން ދެކޮޅު ހަދާ ކަމަށާއި ގިނަ ޓީޗަރުންވެސް ބޭނުންވަނީ އޮންލައިން ކޮށް ކިޔަވައިދިނުން ކަމަށެވެ. އަދި މިއީ ހުރިހާ އެންމެނަށްވެސް ރައްކާތެރި ގޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
އާބާދީގައި 1900 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ނޮޅިވަރަންފަރުގެ އާބާދީގެ 95 ޕަސެންޓު މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު ދެވަނަ ޑޯޒް ޖަހާފައިވަނީ 90 ޕަސެންޓު މީހުންނެވެ. މިރަށަކީ ލޯކަލް ޓުއަރިޒަމް ރަށަކަށް ވުމުން ޕީސީއާރް ޓެސްޓާ ނުލައި މިރަށަށް އަދި ދަތުރެއް ނުކުރެވެ އެވެ.
ރާއްޖޭގެ 18 ރަށެއް މިހާރުވެސް މޮނިޓަރިން އަށް ލާފައިވާއިރު ކޮވިޑުގައި ރާއްޖެއިން މިހާތަނަށް 227 މީހުން ވަނީ މަރުވެފަ އެވެ.