މިހާތަނަށް ސާފު ވެފައިވާ ހިސާބުތަކުން 281000 ބިދޭސީން ރާއްޖޭގައި އެބަ އުޅޭ ކަމަށާއި، ނަމަވެސް ކުރީގައި ބޭނުން ކުރި ޕްރޮގްރާމަކުން އަދި ސާފު ނުވާ ބައެއް ހިމެނޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، އޭގެ ތެރެއިން މިހާތަނަށް އެނގޭ ގޮތުގައި 63754 މީހުންނަކީ ބަންގްލަދޭޝް މީހުން ކަމަށެވެ.

ނަމަވެސް ގަވައިދާ ހިލާފަށް އުޅޭ މީހުންނާއި، މައުލޫމާތު ރަނގަޅަށް ސާފު ނުވާ މީހުންގެ ތެރޭގައި ހިމެނޭ މީހުންނާއެކު ބަންގްލަދޭޝްގެ 100،000 އަށް ވުރެ ގިނަ މީހުން ރާއްޖޭގައި އެބަތިބި ކަމަށް ބެއްލެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ބިދޭސީން ގެނައުމަށް މިހާރު ބޭނުންކުރާ އެކްސްޕެޓް ސިސްޓަމްގެ ތެރެއިން މައުލޫމާތު ސާފު ކުރެވުނު ނަމަވެސް އޭގެ ކުރިން ބޭނުންކުރަމުން އައި މައިގްރޭޝަން ޑޭޓާ ބޭސްްގައި ހިމެނޭ މައުލޫމާތު އަދި ރަނގަޅަށް ސާފު ނުވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސީދާ އަދަދު އަދި ނޭނގޭ ކަމަށާއި، އެ ޑޭޓާބޭސް އިން 70،000 މީހުން ތިބިކަން ފާހަގަވާ ކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް "އެ ހަތްދިހަހާސް މީހުންގެ ތެެރެއިން އަޅުގަނޑުމެންގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ތެރޭގައި ފާހަގަވެގެން ގޮސްފި އެއްހާހަކަށް މީހުން، ދެން މިހާރު އަޅުގަނޑުމެނަށް އެނގޭ އެނގުމުގެ ތެރޭގައި އެ ހަތްދިހަހާސް މީހުންގެ ލިސްޓުގައި އެބަތިބި މިތަނުން ފުރައިގެންގޮސް ތިބި ބައިވަރުމީހުން ނަމަވެސް ރިކޯޑްތަކުން އެނގޭކަށް ނެތް،" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރީ ރެގިއުލޭޓް ކުރުމަށް ސަރުކާރުން މީގެ ކުރިން ހުޅުވައިލި ފުރުސަތުގައި 43000 ބިދޭސީން ރަޖިސްޓަރީ ކުރި ކަމަށެވެ. އޭގެ ތެރެއިން 8938 މީހުން އަމިއްލަ އަށް އެދިގެން ފުރުވައިލި ކަމަށާއި 15000 މީހުން އަމިއްލަ އަށް ފުރައިގެން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިދިޔަ އަހަރާއި މި އަހަރުގެ މހާތަނަށް 3000 މީހުން ފުރާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.