ރަސްމާލެ މަޝްރޫއުގައި އިންވެސްޓް ކުރުމުގެ ފުރުސަތު ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ހުޅުވާލައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިސްމާލްއާބާދޫގައި މިއަދު ބޭއްވި މޯލްޑިވްސް- ޕާކިސްތާން ބިޒްނަސް ފޯރަމްގައި އެކަން އިއުލާންކުރީ ދިވެހި ސަރުކާރުގެ އޮފިޝަލުންނެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފާއި، ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެ ފޯރަމްގައި، އެ ގައުމުގެ އެންމެ ބޮޑެތި 300 އަށްވުރެ ގިނަ ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

އެ ފޯރަމްގައި ވާހަކަދައްކަވަމުން ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ އާއިޝަތު ސަމާހާ ވިދާޅުވީ، ރަސްމާލެ ޕްރޮޖެކްޓަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދީ، ޒަމާނީ އާ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ހާއްސަ ސިޓީއެއް ކަމަށެވެ.

އަދި އެ މަޝްރޫއުގެ ސަބަބުން ވިޔަފާރިއަށާއި އިގްތިސޯދަށް އާ އިންގިލާބީ ބަދަލުތަކެއް އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

މަޝްރޫއުގެ މައިގަނޑު އަދަދުތައް:

  • ޖުމްލަ އިންވެސްޓްމަންޓް: މަޝްރޫއާ ގުޅުންހުރި އެހެނިހެން ކަންކަމާއެކު ޖުމްލަ 30 ބިލިއަން ޑޮލަރަށް އަރާނެ.
  • އުފެދޭ ވަޒީފާތައް: މަޝްރޫއު ކުރިއަށްދާ މަރުހަލާގައި 54،000 ވަޒީފާގެ ފުރުސަތު ހުޅުވިގެންދާއިރު، މަޝްރޫއު ނިމިގެންދާއިރު 14،000 އަށްވުރެ ގިނަ ދާއިމީ ވަޒީފާ އުފެދޭނެ.

ބިޒްނަސް ފޯރަމްގެ ތެރެއިން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ދިވެހި ސަގާފަތާއި އިގްތިސޯދީ ގޮތުން ރާއްޖެއަށް އަންނަމުންދާ ކުރިއެރުންތައް ވަނީ ވިޔަފާރިވެރިންނަށް ދައްކާލައިފައެވެ.

އަދި ރައީސް މުއިއްޒުގެ 2040 ގެ ތަސައްވުރުގެ ދަށުން ރާއްޖެއިން ހޯދަން ބޭނުންވާ ކުރިއެރުންތަކާއި ލަނޑުދަނޑިތައް ހާސިލްކުރުމުގައި ޕާކިސްތާނުގެ ތަޖުރިބާ އާއި ބައިވެރިވުން މުހިންމުކަންވެސް ފޯރަމްގައިވަނީ ފާހަގަކޮށްފައިވެއެވެ.