ރާއްޖޭގެ ތިމާވެށި މުއްސަނދިކޮށް، ފެހިކަން އިތުރުކުރުމަށް ސަރުކާރުން ފެށި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާތަނަށް 2.4 މިލިއަނަށްވުރެ ގިނަ ގަސް އިންދާފައިވާކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ބުނެފިއެވެ.

އެންވަޔަރުމެންޓް މިނިސްޓްރީން މިއަދު ބުނީ މުޅި ޖުމުލަ މިހާތަނަށް 2،463،339 ގަސް އިންދާފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ކުރިއަށް އޮތް ތަނުގައި 6.3 މިލިއަނަށް ވުރެ ގިނަ ގަސް އިންދުމަށް އެކި މުއައްސަސާތަކާއި އިދާރާތަކުން ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން އެންމެ ގިނަ ގަސް އިންދާފައިވަނީ ރިސޯޓުތަކުންނެވެ. އެގޮތުން ރިސޯޓުތަކުން 1.2 މިލިއަނަށް ވުރެ ގިނަ ގަސް އިންދާފައިވާއިރު، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން 566،000 އަށްވުރެ ގިނަ ގަސް އަދި ސަރުކާރު ކުންފުނިތަކުން 414،000 އަށްވުރެ ގިނަ ގަސް އިންދާފައިވާކަމަށް މިނިސްޓްރީގެ ތަފާސްހިސާބުގައި ބުންޏެވެ.

ސްކޫލްތަކުން 189،000 އަށްވުރެ ގިނަ ގަސް، އަމިއްލަ ފަރާތްތަކާއި ޖަމިއްޔާތަކުން 42،000 އަށްވުރެ ގިނަ ގަސް، މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކުން 25،000 އަށްވުރެ ގިނަ ގަސް އަދި، ގެސްޓްހައުސްތަކުން 595 ގަސް ވަނީ އިންދާފައިކަމަށް ތަފާސްހިސާބުގައި ބުންޏެވެ.

ޕްރޮގްރާމުގެ އެންމެ ބޮޑު އަމާޒަށް މަސައްކަތްރާ ފަރާތްތަކުގެ ތެރޭގައި މާލެ އަތޮޅުގައި އޮންނަ ރޯޒްވުޑް ރިސޯޓު ފާހަގަކޮށްފައިވާއިރު، އެ ރިސޯޓުން 1.5 މިލިއަން ގަސް އިންދަން ވަނީ ނިންމައިފައެވެ. އޭގެ ތެރެއިން 881،000 އަށްވުރެ ގިނަ ގަސް މިހާރުވަނީ އިންދާފައެވެ.

އަދި ސަރުކާރު ކުންފުނިތަކުގެ ތެރެއިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ވަނީ އެއް މިލިއަން ގަސް އިންދުމަށް އަމާޒު ހިފައިފައެވެ. އެޗްޑީސީން މިހާތަނަށް 210،000 އަށްވުރެ ގިނަ ގަސް ވަނީ އިންދައިފައެވެ.

ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަހާ ގުޅުވައިގެން 2024 ވަނަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހު ފެށި މި ޕްރޮގްރާމަކީ ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި މުޅި ރާއްޖެ ފެހިކުރުމަށް އަމާޒުކޮށްގެން ހިންގަމުން އަންނަ ޕްރޮގްރާމެކެވެ. އެކަން ހާސިލުކުރުމަށްޓަކައި ރާއްޖޭގެ އެކި ރަށްރަށުގައި ނާސަރީތައްވެސް ވަނީ ގާއިމުކޮށްފައެވެ.