ރާއްޖެއާއި ޕާކިސްތާންއާ ދެމެދު ސީދާ ޝިޕިންގެ ހިދުމަތް ފެށުމަށް ބޭނުންވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފު ހާމަކުރައްވައިފިއެވެ.

ރައީސް މުއިއްޒު އަދި ޝެހްބާޒް އެކަން ހާމަކުރެއްވީ ރައީސް މުއިއްޒު، ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިސްލާމްއާބާދުގައި މިއަދު ބޭއްވި މޯލްޑިވްސް- ބިޒްނަސް ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.

އެ ފޯރަމުގައި ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޕާކިސްތާނާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް 200 މިލިއަން ޑޮލަރަށް ފުޅާކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް އިތުރުކުރުމަށް ދަތުރުފަތުރު ކުރަން ފަސޭހަ ގޮތްތަކެއް ހަޖަޖެހިފައިވުމަކީ މުހިންމުކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

"ވިޔަފާރި ކުރިއެރުވުމަށްޓަކައި ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަވާން ޖެހޭ. ޖަޒީރާ ގައުމަކަށް ކަނޑުމަގުން ގުޅާލެވިފައި އޮތުމަކީ އިގްތިސޯދީ މައިނާރު. ވިޔަފާރީގެ މުއާމަލާތްތައް ފަސޭހަކުރުމަށް ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރަންޖެހޭ. އެހެންކަމުން ދެ ގައުމުގެ ޝިޕިން، ޕޯޓް އަދި ލޮޖިސްޓިކްސް ކުންފުނިތަކުން ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ސީދާ އަދި ވިޔަފާރީގެ ގޮތުން ފައިދާހުރި ދަތުރުފަތުރުގެ ގުޅުންތައް ގާއިމުކުރުމަށް އަޅުގަނޑު ހިތްވަރުދެން." ރައީސް ވިދާޅުވިއެވެ.

އެ ފޯރަމުގައި ވާހަކަދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ ވިޔަފާރީގެ ގުޅުންތައް ފުޅާކުރުމަށް، 200 މިލިއަން ޑޮލަރުގެ އަމާޒަށް ވާސިލުވުމަށް ދެ ގައުމުގެ ދެމެދުގައި ކަނޑާއި ވައިގެ މަގުން ސީދާ ދަތުރުކުރެވޭނެ ގޮތްތަކެއް ކޮންމެހެންވެސް ބޭނުންތެރި ކަމަށެވެ.

ޝެހްބާޒް ވިދާޅުވީ ދެ ގައުމުގެ ކަމާބެހޭ މިނިސްޓަރުން އެކަމާ މަޝްވަރާކޮށް ކުރު މުއްދަތެއްގެ ތެރޭގައި އަމަލީ ގޮތުން ތަންފީޒު ކުރެވޭނެ ޝިޕިން ޕްލޭނެއް އެކުލަވާލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް މުއިއްޒު ރާއްޖެއަށް ވަޑައިގަންނަވާތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕާކިސްތާނުގެ އިސް ވިޔަފާރިވެރިންނާއި ސަރުކާރުގެ އިސް ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރައްވާނެކަމަށް ޝެހްބާޒް ވިދާޅުވިއެވެ.

ޝެހްބާޒް ވިދާޅުވީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު މިހާރު ސީދާ ފުލައިޓު ދަތުރުތައް ނުބާއްވާ ކަމަށާއި، އެހެންކަމުން އެކަމަށްވެސް މަގުފަހިކުރަމުންދާ ކަމަށެވެ.

"އަޅުގަނޑު ވާނީ މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަންއަށް އިރުޝާދު ދެއްވާފައި އަވަސް ގޮތަކަށް، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން، ޕީއޭ ނުވަތަ ޕާކިސްތާނުގެ އެހެން އެއާލައިނެއް މެދުވެރިކޮށް، ފަތުރުވެރިންނާއި ވިޔަފާރިވެރިންނާއެކު ފުރަތަމަ ފްލައިޓް ރާއްޖެއަށް ކޮށް، ވިޔަފާރިއާ ގުޅުންހުރި ކަންކަން ކުރުމާއި، އުފާވެރިކަން ހޯދުމަށް". ޝެހްބާޒް ވިދާޅުވިއެވެ.

ޝެހްބާޒް ވިދާޅުވީ، ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން ޕާކިސްތާންއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް މަސައްކަތް ކުރާނެކަމުގެ މައުލޫމާތު ރައީސް މުއިއްޒު ދެއްވާފައިވާ ކަމަށެވެ.