ރާއްޖެއަށް މުދާ ފޮނުވުމުގެ ތަޖުރިބާހުރި ޕާކިސްތާނުގެ ވިޔަފާރިވެރިންގެ ޓީމަކާއި އެ ގައުމުގެ ސަރުކާރުގެ އިސް ބޭފުޅުންތަކެއް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފު ވިދާޅުވެއްޖެއެވެ.

އިސްލާމްއާބާދުގައި މިއަދު ބޭއްވި މޯލްޑިވްސް- ބިޒްނަސް ފޯރަމްގެ ތެރެއިން ރާއްޖެއާއި ޕާކިސްތާންއާ ދެމެދު ސީދާ ޝިޕިންގެ ހިދުމަތް ފެށުމަށް ބޭނުންވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ޝެހްބާޒް ވަނީ ހާމަކުރައްވައިފިއެވެ.

އެ ފޯރަމުގައި ޝެހްބާޒް ވިދާޅުވީ ވިޔަފާރީގެ ގުޅުންތައް ފުޅާކުރުމަށް، 200 މިލިއަން ޑޮލަރުގެ އަމާޒަށް ވާސިލުވުމަށް ދެ ގައުމުގެ ދެމެދުގައި ކަނޑާއި ވައިގެ މަގުން ސީދާ ދަތުރުކުރެވޭނެ ގޮތްތަކެއް ކޮންމެހެންވެސް ބޭނުންތެރި ކަމަށެވެ.

ޝެހްބާޒް ވިދާޅުވީ ދެ ގައުމުގެ ކަމާބެހޭ މިނިސްޓަރުން އެކަމާ މަޝްވަރާކޮށް ކުރު މުއްދަތެއްގެ ތެރޭގައި އަމަލީ ގޮތުން ތަންފީޒު ކުރެވޭނެ ޝިޕިން ޕްލޭނެއް އެކުލަވާލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި ރައީސް މުއިއްޒު ރާއްޖެއަށް ވަޑައިގަންނަވާތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕާކިސްތާނުގެ އިސް ވިޔަފާރިވެރިންނާއި ސަރުކާރުގެ އިސް ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރައްވާނެކަމަށް ޝެހްބާޒް ވިދާޅުވިއެވެ.

މި ފޯރަމުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޕާކިސްތާނާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް 200 މިލިއަން ޑޮލަރަށް ފުޅާކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް އިތުރުކުރުމަށް ދަތުރުފަތުރު ކުރަން ފަސޭހަ ގޮތްތަކެއް ހަޖަޖެހިފައިވުމަކީ މުހިންމުކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

"ވިޔަފާރި ކުރިއެރުވުމަށްޓަކައި ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަވާން ޖެހޭ. ޖަޒީރާ ގައުމަކަށް ކަނޑުމަގުން ގުޅާލެވިފައި އޮތުމަކީ އިގްތިސޯދީ މައިނާރު. ވިޔަފާރީގެ މުއާމަލާތްތައް ފަސޭހަކުރުމަށް ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރަންޖެހޭ. އެހެންކަމުން ދެ ގައުމުގެ ޝިޕިން، ޕޯޓް އަދި ލޮޖިސްޓިކްސް ކުންފުނިތަކުން ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ސީދާ އަދި ވިޔަފާރީގެ ގޮތުން ފައިދާހުރި ދަތުރުފަތުރުގެ ގުޅުންތައް ގާއިމުކުރުމަށް އަޅުގަނޑު ހިތްވަރުދެން." ރައީސް ވިދާޅުވިއެވެ.