ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ، ރިޝްވަތު ގަބޫލު ކުރުމުގެ މައްސަލަ ސާބިތު ކުރުމަށް ކުރީގެ ނާއިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލްޣަފޫރާއި، އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި، ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ހިމެނޭ ގޮތަށް 86 ހެއްކެއް ދައުލަތުން ކޯޓަށް ހުށަހަޅައިފިއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު އޮތީ، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ ކަމަށްވާ، މަނީ ލޯންޑަރިން ކުށުގެ ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ އަޑު އެހުމެކެވެ.
މި ދެ ދައުވާ ކުރިއަށް ގެންދަނީ އެކު އެކީގައެވެ.
މި ދެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނު ރިޝްވަތުގެ ފައިސާގެ ގޮތުގައި ހޯއްދެވި ކަމަށްބުނާ 1،117،000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) ޑޮލަރު ކްރިކް ރިޒާ މެދުވެރިކޮށް އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީލޯންޑާ ކުރުމުގެ ކުށުގައެވެ.
މިއަދުގެ އަޑު އެހުމުގައި، ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތު ކުރުމަށް ހެކި ހުށަހެޅުމުގެ ފުރުސަތު، ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ދައުލަތަށް ދިނުމުން، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ސީނިއާ ޕަބްލިކު ޕްރޮސިކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތު ކުރުމަށް، ޝަފައީ ހެއްކާއި ކިތާބީ ހެކި ހިމެނޭ ގޮތުން 86 ހެއްކެއް ދައުލަތުން ޝަރީއަތަށް ހުށަހަޅާ ކަމަށެވެ.
އެ ހެކިތައް ޝަރީއަތުގައި އިއްވުމުން، ރައީސް ޔާމީންގެ މައްޗަށް ކުރާ، މަނީ ލޯންޑާ ކުރުމުގެ ދައުވާއަށް ހުށަހަޅާހެކި ތަކަކީ ކޮބައިތޯ، އިސް ގާޒީ އަހުމަދު ޝަކީލް ސުވާލު ކުރެއްވުމުން، ސީނިއާ ޕަބްލިކު ޕްރޮސިކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވީ، އެ ދެ ދައުވާއަށްވެސް ދައުލަތުން ހުށަހަޅަނީ އެއް ހެކިތަކެއް ކަމަށެވެ.
- ހ. އާހަމަ އަބުދުﷲ ޒިޔަތު
- ހ. ސާމަރާ އަހުމަދު އަދީބު އަބުދުލް ޣަފޫރު
- ލ. ދަނބިދޫ އަފްޒާ އަހުމަދު އާމިރު
- މއ. ސާނީވިލާ މުހައްމަދު ޝީފާއު
- ރ. އިނގުރައިދޫ ބުލްބުލާގެ މުހައްމަދު ހުސެއިންފުޅު
- ހ. ވެހެލި އަހުމަދު ޝާއިގު
- މއ. ޕޮންޕިއާ އިބްރާހިމް ރަޝީދު
- ގ. ސަންސެޓް އަހުމަދު ސިޔާމް މުހައްމަދު
- ހ. ލެވެންލީ އަހުމަދު ޝާކިރު
- ދަފްތަރު ނަމްބަރު 4892 އަލީ މައުރޫފް
- ޕޮލިސް ސްޓޭޝަން އިންސްޕެކްޓާ އިބްރާޙިމް ޒުހެއިރު
- ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓާ މުހައްމަދު ސަމަން އިބްރާހިމް
- ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ސްރީތަކުމާރު ސީގަރާޖާ
- ޕޮލިސް އިންސްޕެކްޓާ ޝިޔާނާ ހަބީބު
- ޕޮލިސް ސްޓާފް ސާޖެންޓް އަހުމަދު އަބުދު ﷲ ޝީފާޒު
މީގެ އިތުރުން ކިތާބީ ހެކިންގެ ގޮތުގައި، ފުލުުންގެ ފޮރެންސިކް ރިޕޯޓުތަކާއި، ކަމާބެހޭ އެކި ފަރާތްތަކުގެ 71 ލިޔުން ދައުލަތުން ވަނީ ހުށަހަޅައިފައެވެ.
ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ހެކިން ހުށަހަޅައި ނިމުމުން، ދިފާއުގައި ހެކިން ހުށަހެޅުމަށް ރައީސް ޔާމީނަށް ދެއްވި ފުރުސަތުގައި، ކިތާބީ ހެކި ހިމެނޭ ގޮތަށް 30 ހެއްކެއް ވަނީ ރައީސް ޔާމީންގެ ފަރާތުން ހުށަހަޅައިފައެވެ.
ރައީސްޔާމީންގެ ފަރާތްޕުޅުން ޝަރީއަތުގެ މަޖިލީހަށް ހެކި ހުށަހެޅުއްވީ، އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ، ވަކީލު އަބްދުﷲ ޝިޔާޒް އެވެ.
ޝަފައީ ހެކިންގެ ގޮތުގައި ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރޭގައި ދައުލަތުންވެސް ހުށަހެޅި ހެކިންގެ ތެރެއިން، ސަން ސިޔާން އާއި އަބްދުﷲ ރަޝީދުގެ އިތުރުން މާލޭގެ މިހާރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި ގއ. ކޮލަމާފުށި ޝުއާއުﷲ ސައީދު ވަނީ ހުށަހަޅައިފައެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައިވެސް ދިފާއަށް ތައްޔާރުވާން ބޭނުންވާ ބައެއް ލިޔެކިޔުންތައް ލިބިފައި ނުވާކަމަށް ރައީސް ޔާމީންގެ ވަކީލުން ވަނީ ފާހަގަ ކުރައްވައިފައެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސް ގާނޫނީ ވަކީލު، އަދި އެމަނިކުފާނުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، ދައުލަތުގެ ހުށަހެޅުންތަކާ ގުޅޭ އެ ލިޔެކިޔުންތަކަކީ ދިފާއަށް ވަރަށް މުހިއްމު ލިޔުންތަކެއް ކަމަށެވެ. ހާއްސަކޮށް އެ މައްސަލައަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް ހުށަހަޅާފައިވާ މައްސަލައަކަށް ވާތީ އެކަމާބެހޭ އޭސީސީގެ ރިޕޯޓު ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ.
ޑރ. ޖަމީލު ވިދާޅުވީ، ރ. ފުއްގިރީގެ މައްސަލައަކީ ރައީސް ޔާމީނާ ގުޅުން ހުރި މައްސަލައެއް ނޫން ކަމަށެވެ.
އެ ޝަކުވާތަކާ ގުޅިގެން އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، އެ ލިޔުންތަކަކީ ކަނޑައެޅިފައި އޮންނަ އުސޫލުން އެތަކެތި ހޯދަން އެދުމުން ލިބޭނެ ތަކެތި ކަމަށެވެ. އެހެންކަމުން އެކަމަށް އެދި ކޯޓަށް ހުށަހެޅުމުން، އެއީ ދިފާއަށް ބޭނުންވާ ތަކެތި ކަމަށް ފެންނަ ހިނދެއްގައި އެ ތަކެތި ދިފާއަށް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު