ކޮލަމް

ރައީސް ނަޝީދު ދިއްކޮށްލެއްވި "ޒައިތޫނި ފަތްކޯޅި" ރައީސް ޔާމީން ގަބޫލުފުޅު ކުރައްވައިފާނެތަ؟

2

ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަން ހިނގަނީ ދިމާ އިދިކޮޅަށެވެ. ވެރިކަމުގެ ޖާހަށް ޓަކައި އަމިއްލަ ފިކުރު "ވިއްކާލައި"، ބައެއް ފަހަރު އެ ފިކުރު "ނީލަމަށް" ވެސް ލައެވެ. މީގެ ކުރީން ވެސް އެކަން އެހެން ހިނގާފައި އެބަހުއްޓެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމް، 2008 ގައި އިއުލާން ކުރެއްވި ޑީއާރުޕީގެ ފިކުރު މަޑުމަޑުން ބަދަލުވެ، މިހާރު އެމަނިކުފާނު ހުންނެވީ އެމްޑީޕީއާ އެކު ކޯލިޝަން ހައްދަވައިފަ އެވެ. އޭރު ޑީއާރުޕީގެ ފިކުރަކީ އެމްޑީޕީގެ އަސާސްތަކާ ސީދާ ދެކޮޅު ފިކުރެކެވެ. އެއްވެސް ވާހަކައެއް ލިޔަންޏާ ލިޔަން ޖެހޭނީ ދެ ފޮތެއްގައި، ދެ ގަނޑެއްގަ އެވެ. ރައީސް މައުމޫން އެމްޑީޕީއަށް ވަޑައިގެންފާނެތޯ ސުވާލު އުފައްދައި ނޫސްވެރީން އޭރު ލިޔުނު ވާހަކަތައްވެސް ދިވެހީންނަށް ވީ ޖޯކަކަށެވެ. އެކަމަކު އެކަންވެސް ވެ ނިމުނީ އެވެ.

އަދާލަތު ޕާޓީ އަށް ވެސް ވީ ހަމަ މިހެންނެވެ. އެ ޕާޓީއަކީ އިސްލާމީ އުސޫލުތަކުގެ ތެރެއިން ވިއްކަމުން، މީހުން ގިނަކުރަމުން އައި ފިކުރެކެވެ. އެހެން ނަމަވެސް ކޮންމެ ފަހަރަކު ރިޔާސީ އިންތިހާބާ ދިމާކޮށް ފިކުރު އޮތްތާކު ބާއްވާފައި ދެމިގަންނަނީ ވެރިކަމުގެ ތެރެއިން ޕަސެންޓެއް ހޯދުމަށެވެ. ބައެއް މީހުން ބުނަނީ އަދާލަތު ވެރިކަން ކުރާ ބަޔަކާ އެކު އޮންނަން މަޖުބޫރުވަނީ ގައުމު އިސްލާމްދީނުގެ މަގުން ކައްސާލައިފާނެތީ ކަމަށެވެ. ރާއްޖޭގެ ސިޔާސީ މަސްރަހަކީ މިކަހަލަ އެއްޗެކެވެ.

މިހާރު ސިޔާސީ މައިދާނުން އަނެއްކާ ވެސް މި ފެންނަނީ ހަމަ ތަފާތު ކުލަވަރެކެވެ. ރައީސް މުހަންމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގުޅިވަޑައިގަންނަވާ ވާހަކަތަކެކެވެ. ނުވަތަ، ރައީސް ނަޝީދު، ރައީސް ޔާމީނާ ބައިއަތު ހިއްޕަވަން ބޭނުންފުޅުވެ ވަޑައިގެން ދެއްކެވި ވާހަކަތަކެކެވެ. އާންމު ބަހުން ބުނާ ނަމަ މިއީ ލައްކަ ވާހަކަ އެވެ.

ދެ ފިކުރެއް، ހާސްބައި ތަފާތު

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވަރަށް ގިނަ ކަންކަން ހިނގައިފި އެވެ. ވޭތުވެދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި ސިޔާސީ ވަށްބުރުގެ ތެރޭގައި ތަފާތު ސަކަރާތްތައް ވެސް ޖަހައިފި އެވެ. އެހެންވެ 15 އަހަރުގެ ތެރޭގައި ލިބިފައިވާ ސިޔާސީ ތަޖުރިބާ އެއީ ސިޔާސީ ލީޑަރުންނަށް ވަރަށް މުހިންމު އެއްޗަކަށް މިހާރު ވާނެކަން ގައިމެވެ.

އެމްޑީޕީގެ ވެރިކަން ފެށިގެން އައި އިރު "ގައުމީ" ފެންވަރުގެ މަރުހަބާއަކުން ރައީސް ނަޝީދު ރާއްޖޭގެ ފަސްމައްޗަށް ބާލައި، ސިޔާސީ ހުރިހާ ވެރީން އެމަނިކުފާނުގެ އިސްތިގުބާލަށް ނުކުތެވެ. ދެން އައީ ރައީސް ނަޝީދު ރާއްޖޭގެ ސިޔާސީ މައިދާނުގެ މެދުއުޑުގައި ފިޔަޖެހި ދުވަސްތަކެކެވެ. ނުފޫޒާއި ބާރު އެހަައިމެ ގަދަ އެވެ. ރައީސް ނަޝީދުގެ ބަސް މަގާއި އަމަލުފުޅުތައް ހުރި ގޮތުން، މި އާރާއި ބާރުގެ ކުޑަވާން ފަށައި އެމަނިކުފާނު "ކޯނަރ" ވާން ގިނަ ދުވަހެއް ނުނެގި އެވެ. މިއަދު އެ ހުންނެވީ ވަރަށް ގިނަ ގޮތްގޮތުން "މަގުމަތި" ވެފަ އެވެ. އެންމެ ގާތް އެކުވެރިޔާއަކީ ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ނަމަވެސް، އެ އެކުވެރިޔާގެ ހިތްވެސް ރައީސް ނަޝީދު ވަނީ ކަތިލައިފަ އެވެ. ބުނެވޭ ގޮތުގައި ރައީސް ނަޝީދު މެދުނުކެނޑި ދެއްވަމުން ގެންދެވާ ބަހުގެ ހޫނު ހަމަލާތަކަށް ރައީސް ސޯލިހު ދެން ކެތެއް ނުކުރައްވާނެ އެވެ. ރައީސް ސޯލިހާއެކު ސިޔާސީ މަސައްކަތް ދެން ނުކުރެއްވޭނެ ކަމަށް ނަޝީދު ވިދާޅުވީ ސަބަބުތަކެއް ހުރެގެންނެވެ. އެއީ ބޭނުންފުޅުވިޔަސް ދެން އެކަން ނުކުރެއްވޭނެ ވަރަށް ދެބޭފުޅުންގެ ގުޅުން ގޯސް ވުމުންނެވެ. ރައީސް ނަޝީދު ކުރުދޮށީން ދޭ އިރުވެސް ރައީސް ސޯލިހު އިހުތިޔާރު ކުރައްވައިގެން އެ ހުންނަވާ ހިމޭން ކަމަކީ ގުޅުން ކެނޑިއްޖެ ކަމުގެ މެސެޖެކެވެ. ޖަވާބަކީ ފުދިއްޖެ ކަމެވެ. ދެން ކެތް ނުކުރައްވާނެ ކަމެވެ.

އެހެން ކަމުން ރައީސް ނަޝީދު މިހާރު އެ ގެންދަވަނީ ވެރިކަމަށް ވަޑައިގެންނެވެން އޮތް ހުރިހާ ދޮރެއްގައި ޓަކި ޖައްސަވަމުންނެވެ. އެނޫން ގޮތެއް މިހާރު އެމަނިކުފާނަކަށް ނެތެވެ. ބޭނުންފުޅުވަނީ ވެރިކަން ކަމަށް އެމަނިކުފާނު އެ ގެންދަވަނީ ސާފުކޮށް ވިދާޅުވަމުންނެވެ. އެވެސް ބަރުލަމާނީ ނިޒާމެއްގެ ބޮޑުވަޒީރު ކަމުގެ ބޮޑު ވެރިކަމެކެވެ.

އެހެން ކަމުން ވެރިކަމުގެ ދެން އޮތް އެއް ފޯމިއުލާގެ ބޭނުން ނަޝީދު ކުރައްވަން އެ ގަސްތު ކުރައްވަނީ ރައީސް ޔާމީންގެ އަތްޕުޅުގައި ހިއްޕަވައިގެންނެވެ. ސުވާލަކީ ރައީސް ޔާމީން މިކަން ކުރައްވައިފާނެ ހެއްޔެވެ؟ މިއީ ބޮޑު ސުވާލެކެވެ. ވަރަށް ބޮޑު ސުވާލެކެވެ. ރައީސް ނަޝީދަކީ ކުރައްވާން ގަސްދުކުރައްވާ ކޮންމެ ކަމެއްގެ ރަނގަބީލު ކުރީން ޖައްސަވައިގެން އިއުލާނު ކުރައްވައިގެން ފިކުރާއި "ރިއެކްޝަން" ޓެސްޓުކުރައްވައިގެން ކަން ކުރައްވާ ބޭފުޅެއް ނަމަވެސް ރައީސް ޔާމީނަކީ ބޭނުންފުޅުވާ ގޮތް ބޭރަށް ނެރެ އިޝްތިހާރު ކުރައްވާ ލީޑަރެއް ނޫނެވެ. ކަމެއް ކުރުމުން ޕަބްލިކް ރިއެކްޓް ކޮށްފާނެ ގޮތް ކުރިޔާލައި ޓެސްޓު ކުރައްވާ ލީޑަރެއް ވެސް ނޫނެވެ. އެހެން ކަމުން އެމަނިކުފާނު ކަންތައް ކުރައްވައިފާނެ ގޮތަކީ އެންމެ އަރިހުގައި އުޅުއްވާ ބޭފުޅުންނަށް ޖަހާން އެނގިވަޑައި ނުގަންނަވާނެ ހިސާބެކެވެ.

ސުވާލު އުފެދޭ މައިގަނޑު ދެ ތިން ކަމެއް އެބަ އޮތެވެ. އޭގެ ތެރެއިން އެއް ކަމަކީ ޔާމީންގެ ސިޔާސަތުގެ ތެރޭގައި އެހެން ލީޑަރަކު އުފަންކުރުވުން ނުހިމެނުމެވެ. އަދި ޕީޕީއެމްގެ މައި ސިޔާސަތަކީ ވެސް، ޔާމީން ދުނިޔޭގައި ހުންނެވިހާ ދުވަހަކު ޔާމީން އެއީ ލީޑަރުކަން ގަބޫލުކުރުމެވެ. ދެވަނަ ކަމަކީ، ނަޝީދު އެ ވިދާޅުވާ ފަދަ ދީނީ ސިޔާސަތަކަށް ޕީޕީއެމްގެ ހަމައެކަކު ވެސް ގަބޫލުވާނެ ކަމަށް ބެލެވެން ނެތުމެވެ. ތިން ވަނަ ސަބަބަކީ، ޕާޓީ އެންމެ ދަތިހާލުގައި އޮތްއިރު އެ ޕާޓީއަށް ގުރުބާނީތަކެއް ވެފައިވާ އެތައް ބަޔަކު ތިއްބައި، މާ ދުރުން އައިސް ޖަންޕު ޖަހާ މީހަކަށް ޕާޓީގެ އެއްވެސް ބާރެއް ދޭން ބޭނުން ނުވުމެވެ.

ރައީސް ޔާމީންގެ އަތްޕުޅުގައި ހިއްޕަވައިގެން ރައީސް ނަޝީދަށް ކުރިއަށް ވަޑައިގެންނެވެން އޮތް ހަމައެކަނި މަގަކީ ޕީޕީއެމްގެ ތެރެއިން ރުހުން ހޯދައި، ޕީޕީއެމް ގޮވައިގެން ކުރިއަށް ވަޑައިގެންނެވުމެވެ. ޕާޓީގެ އޮފީހުގެ ދޮރު ހުރަސްކުރައްވައި ރައީސް ނަޝީދު އެތެރެއަށް ވަޑައިގެންނެވުމުގެ ފުރުސަތު ނެތީ ކުރީން މި ދެންނެވި ސަބަބުތައް ހުރުމުންނެވެ. އެންމެ ސީރިއަސް މައްސަލައަކީ ފިކުރުގެ ތަފާތުކަމެވެ. މާޒީގައި ކަން ހިންގާފައިވާ ގޮތަށް ބަލާއިރު ރައީސް ނަޝީދު އަމިއްލަފުޅު ގޮތުން ވަޑައިގަތަސް އެމަނިކުފާނާ އެކުވެސް އެމްޑީޕީގެ ބަޔަކު އަންނާނެ އެވެ. އެ އެންމެން ވެސް ޖެހޭނީ ރައީސް ޔާމީންގެ ފިކުރުގެ މީހުންގެ ތެރެއަށް ވައްދައި މަސްހުނި ކުރާށެވެ. މިއީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެ ޖާގަ ޕީޕީއެމްގެ ސަޕޯޓަރުންނާއި އެ ޕާޓީގެ ބާރުގަދަ ފަރާތްތަކުން ދޭކަށް ބޭނުމެއް ވެސް ނުވާނެ އެވެ. ހަމައެކަނި ވެރިކަމަށް ވަޑައިގަތުމަށް ޓަކައި ނުވަތަ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ޓަކައި އޭގެ ޓޫލް އަކަށް ޕީޕީއެމް ބޭނުން ކުރުމުގެ ފުރުސަތު ދޭން އެ ޕާޓީގެ މަތި ފަޑީންނާއި ގްރާސްރޫޓު ބޭނުމެއް ނުވާނެ އެވެ.

ޔާމީން ބައިއަތު ހިއްޕަވައިފާނެތަ؟

އެންމެ މުހިންމު ސުވާލަކީ މި އެވެ. މިހާރު ޖަލު ހުކުމެއްގައި ތާށިވެފައި ހުންނެވި ރައީސް ޔާމީން 2023 އަށް ފައްކާވާނީ ކިހިނެއް ހެއްޔެވެ؟ ރައީސް ނަޝީދު ދިއްކޮށްލެއްވި "ޒައިތޫނި ފަތްކޮޅި" ގަބޫލުކުރައްވައިފާނެ ހެއްޔެވެ؟

މިއީ އަދި ޖަވާބު ދޭން ފަސޭހަ ސުވާލެއް ނޫނެވެ. ސަބަބަކީ ރައީސް ޔާމީނަކީ އެއްވެސް އިރެއްގައި އެކަހަލަ ވާހަކަތަކަށް ޖަވާބު ދެއްވާ ބޭފުޅެއް ނޫން ކަމެވެ. އެހެން ނަމަވެސް ނަޝީދުގެ އެ ވާހަކަފުޅާ އެކު، ޕީޕީއެމްގެ އިސް ލީޑަޝިޕުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ނަޝީދާ ނުގުޅޭނެ ކަމަށް ބުނުމަކީ، ބެލެވޭ ގޮތުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އައި ޖަވާބެކެވެ. އެހެންވެ، ފެންނާން އޮތް މަންޒަރަކީ މިހާރު އޮތް ހާލަތުގައި ނަޝީދަށް ޕީޕީއެމުން ފުރުސަތެއް ނެތް ކަމެވެ.

ކަން މިހެން އޮތަސް، ރައީސް ޔާމީނަށް ކުރިމަތިވެފައިވާ ހާލަތަކީ ވެސް ފަސޭހަ ހާލަތެއް ނޫނެވެ. ޕީޕީއެމާއި އެމްޑީޕީ ނުވަތަ ރައީސް ނަޝީދު ގުޅިވަޑައިގެންފި ނަމަ ސިޔާސީ މަސްރަހު އެ ބޭފުޅުން ބޭނުންފުޅުވާ ގޮތަކަށް ބަދަލު ކޮށްލުމަކީ އުނދަގޫ ކަމަށް ނުވެދާނެ އެވެ.

ޖަލު ހުކުމެއްގައި ޔާމީން އެ ހުންނެވީ ސިޔާސީ ގޮތުން ހިންދެމި ނުލެވޭ ހާލަތެއްގަ އެވެ. އެކަމުން ސަލާމަތްވެވަޑައިގަންނަވާން ބޭނުންފުޅު ނަމަ، މި ގޭމްގެ ތެރޭގައި އުޅުއްވަން އެމަނިކުފާނަށް ވެސް މަޖުބޫރު ވާނެ އެވެ. މިއީ ސުވާލެއް އޮތް ކަމެއް ނޫނެވެ. އެކަމަކު ދެން ވެސް އުފެދޭ ސުވާލަކީ ހިންދެމިލުމުގެ ޔަގީން ފުރުސަތު ރައީސް ޔާމީނަށް ހޯއްދަވައިދެއްވުމަށް ޖުޑީޝަރީ ތެރެއިން ރައީސް ނަޝީދަށް އޮތީ ކިހާ ވަރެއްގެ ކޮންޓްރޯލެއްތޯ އެވެ.

މީގައި ވިސްނަންވީ އަނެއް ކަމަކީ މި ދެބޭފުޅުން ގުޅިވަޑައިގެން ކޮންމެ ގޮތަކަށް ރާޒުވާ ގޮނޑި ރޭއްވެވިޔަސް، އެ ރޫޅައިލަން މަސައްކަތްތަކެއް ކުރެވޭނެ ކަމެވެ. ޕީޕީއެމްގެ ތެރެއިން ވެސް ބަޔަކު ނުކުމެގެން އަންނާނެ އެވެ. އެމްޑީޕީގެ ތެރެއިން ވެސް ބަޔަކު ނުކުމެގެން އަންނާނެ އެވެ. ހަމައެހެންމެ، ސިޔާސީ ގޮތުން ބާރުގަދަ އެހެން ޕާޓީތަކެއް ވެސް ކުރިއަށް އޮތްތާނގައި އުފެދޭނެ އެވެ. އަދި ހަމަ އެހެންމެ ރައީސް ސޯލިހަކީ ވެސް އާދައިގެ ސިޔާސީ ލީޑަރެއް ނޫނެވެ. ކުޑައިރުގެ އެކުވެރިޔާގެ ކޮންމެ "މޫވް" އަކަށް އެމަނިކުފާނު ފިސާރި ފަރިތަ ވާނެ އެވެ. އެހެން ކަމުން އެމަނިކުފާނުވެސް އެ ގެންދަވަނީ 2023 ގެ ކުޅިބައި އަތުރުއްވަމުންނެވެ. އެކަމަކު ގިނަ ދުވަސްތަކެއް ނުވާނެ އެވެ. އިތުރު ލައްކަ ކަންކަން ސިޔާސީ މައިދާނުން ގާތްގާތުގައި ދެން ފެންނަމުން ދާނެއެވެ.

ކެތްތެރިކަމާ އެކު ބަލަން ތިބެމާ ހިނގާށެވެ.!