މާދަމާ (29 މާރިޗު 2025، ވާ ހޮނިހިރު ދުވަސް) އަކީ މިއަހަރުގެ (ހިޖުރީ ގޮތުން 1446 ވަނަ އަހަރުގެ) ރަމަޟާން މަހުގެ 29 ވަނަ ދުވަހެވެ. ފަލަކީ އަދި ނިޔަމިކަމުގެ ހިސާބުތަކުން ދައްކާ ގޮތުގައި މާދަމާ، ރާއްޖޭގެ ބައެއް ރަށްރަށަށް އިރު އޮއްސެނީ ހަނދާ ދާދި އެކުއެކީގައި ކަމަށް ވެފައި، އަދި އަނެއް ބައި ރަށްރަށަށް އިރު އޮއްސެނީ ހަނދަށް ވުރެ ފަހުން ކަމަށް ވާތީ، ދިވެހިރާއްޖެއަށް އިރުއޮއްސުމަށް ފަހު ހަނދު ފެންމަތީގައި ނުހުންނާނެއެވެ. އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ނެތުމުގެ މާނައަކީ ހަނދު ފެނުމުގެ ފުރުސަތު ނެތުން ކަމަށް ވާތީ، މި އުސޫލުން ބަލާއިރު، މާދަމާ ރާއްޖޭގެ އެއްވެސް ރަށެއްގައި ޝައްވާލު މަހުގެ ހަނދު ފެނުމުގެ ފުރުސަތެއް ނެތެވެ.
ދިވެހިރާއްޖެއާއި އަދިވެސް އިސްލާމީ ވަރަށް ގިނަ ގައުމުތަކުގައި ހަނދުމަސް ފެށިއްޖެ ކަމުގައި ބަލަނީ، ހިނގަމުންދާ ހަނދުމަހެއްގެ 29 ވަނަ ދުވަހު އިރުއޮއްސުމަށް ފަހު، ހަނދު ފެންމަތީގައި ހުރެ، ލޮލަށް ހަނދު ފެނިއްޖެކަން ސާބިތުވުމުންނެވެ. ނުވަތަ ހިނގަމުންދާ މަހެއްގެ 30 ދުވަސް ހަމަކޮށް އެދުވަހުގެ އިރު އޮއްސުމުންނެވެ. އަދި ހަމަ އެހެންމެ އިތުބާރު ހުރި ފަލަކީ ހިސާބަށް ބަލާއިރު، ހަނދު ނުފެންނާނެ ކަމަށް ދައްކާ ނަމަ، ދެންވެސް އޮތީ ހިނގަމުންދާ މަހުގެ 30 ދުވަސް ހަމަކުރުމެވެ.
ހަމަލޮލަށް ހަނދު ފެނުން ބިނާވެފައިވަނީ އިރު އޮއްސޭ ވަގުތު ހަނދު ފެންމަތީގައި ހުރުމާ އެކު، ހަނދު ހުންނަ އުސްމިނަށާއި އިރާއި ހަނދާ ދެމެދުގައިވާ ދުރުމިނަށާއި އުޑުމަތި ސާފުވުން ފަދަ ބައެއް ސަބަބު ތަކުގެ މައްޗަށެވެ. އެހެންކަމުން ހަގީގަތުގައި ހަނދު ފެންނާން ހުންނާނެ ދުވަހެއްގައި ވެސް އުޑުމަތި ބަނަވުމުގެ ސަބަބުން ހަނދު ނުފެނިދާނެއެވެ. މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ނުފެނުމުގައި ވެސް ރާއްޖެއަށް ދިމާވީ އެ ގޮތެވެ.
މިފަދަ ސަބަބުތަކާ ހުރެ، ހަމަލޮލުން ހަނދު ބެލުމަށްވުރެ މި ޒަމާނުގައި ފަލަކީ ހިސާބުތަކަށް ބުރަވުން ރަނގަޅު ކަމަށް ބައެއް ޢިލްމުވެރީން ވިދާޅުވެއެވެ. ކޭތަނަމާދު ފަދަ އަޅުކަންތަކުގެ ވަގުތު ވެސް ކަނޑައަޅައި، ކޭތަހިފުމުގެ އެތައް ދުވަހެއް ކުރީން ބަލައި ކަށަވަރުކޮށް ކަލަންޑަރުގައި ހިމަނަނީ ފަލަކީ ހިސާބުން ކަށަވަރުކޮށްގެން ކަމަށްވާތީ، ރޯދަމަހާއި ޝައްވާލު މަސް އަދި ޙައްޖުމަސް ފެށުމުގައި ވެސް ފަލަކީ ހިސާބަށް ބުރަވުމަށް މިހާރުގެ ވަރަށް ގިނަ ޢިލްމުވެރީން އިރުޝާދުދެއްވައެވެ. މިހާރު ވެސް ރޯދަމަހާއި ޝައްވާލު މަސް ނޫން މަސްމަސް ފެށުމުގައި އިސްލާމީ ގިނަ ގައުމުތަކުން ޢަމަލު ކުރަނީ މި އުޞޫލުންނެވެ.
އެހެންނަމަވެސް މުސްލިމުންގެ ގިބުލަ އެބިމެއްގައި ހުރި ސަޢުދީޢަރަބިއްޔާގައި ހުރިހާ މަހެއްގައި ވެސް ހަމަ ލޮލުން ހަނދު ބެލުން އޮވެއެވެ. ހަމަލޮލަށް ހަނދު ނުފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާނަމަ ހަނދު ބަލާން ދިއުމެއް ސަޢުދީޢަރަބިއްޔާގައި ވެސް ނޯވެއެވެ.
ހަމަލޮލުން ހަނދު ބެލުމުގެ އިތުރުން ފަލަކީ ހިސާބުތަކުން ހަނދު ސާބިތުކުރުމުގެ އުސޫލެއް ވެސް ސަޢުދީޢަރަބިއްޔާއިން ކަނޑައަޅައިފައިވެއެވެ. މިގޮތުން އެޤައުމުގައި އަމަލުކުރާ ގޮތަކީ، އިރުއޮއްސުމުގެ ކުރީން އެއްއުއިވެފައި ނުވަތަ މާރަހަވެފައި (އިޤްތިރާންވެފައި)، އިރުއޮއްސުމުގެ ފަހުން ހަނދު އޮއްސޭނަމަ، އައުމަސް ފެށުނީ ކަމަށް ބެލުމެވެ. ދުނިޔެއާއި ހަނދާއި އިރު އެއްރޮނގަކަށް އައިސް އެއްއުއިވަނީ ނުވަތަ މާރަހަ ވާނީ (ނުވަތަ އިޤްތިރާން ވާނީ)، މާރިޗު 29 ވާ ހޮނިހިރު ދުވަހު (މާދަމާ) ރާއްޖޭ ގަޑިން (ހަވީރު) 15:57 ގައެވެ. މައްކާ ގަޑިން މާދަމާ (މެންދުރު) 13:57 ގައެވެ.
މާދަމާ މައްކާއަށް އިރުއޮއްސޭނީ މައްކާ ގަޑިން 18:34 ގައެވެ. ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 7 މިނެޓާއި ސިކުންތުކޮޅެއް ފަހުން، 18:42 ގައެވެ.
އިޤްތިރާން ވަނީ މައްކާއަށް އިރުއޮއްސުމުގެ ކުރީން ކަމަށް ވެފައި، އިރު އޮއްސުމުގެ ފަހުން ހަނދުއޮއްސޭތީ، ސަޢުދީ ޢަރަބިއްޔާގައި ހަނދުމަސް ފެށުމުގައި ޢަމަލުކުރާ އުސޫލުން ބަލާއިރު، 30 މާރިޗު 2025 ވާ އާދީއްތަ ދުވަހަކީ އެ ގައުމަށް މިއަހަރުގެ ޝައްވާލު މަހުގެ ފުރަތަމަ ދުވަހެވެ. ސައޫދީއަރަބިއްޔާގެ ރަސްމީ ކަލަންޑަރު ކަމުގައިވާ އުއްމުލްޤުރާ ކަލަންޑަރުގައި ވެސް ޝައްވާލު މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ފާހަގަކޮށްފައިވަނީ މާރިޗު މަހުގެ 30 ވާ އާދީއްތަ ދުވަހެވެ. އެހެންނަމަވެސް އެ ގައުމުގައި ރަމަޟާން މަހާއި ޝައްވާލު މަހާއި ޙައްޖު މަސް ފެށުމުގައި ހަމަލޮލަށް ހަނދު ފެނުމަށް އިސްކަން ދޭތީ، ކަލަންޑަރުގައި އެހެން އޮތަސް، ހަނދު ސާބިތު ނުވާ ކަމަށް ނިންމުމުގެ ފުރުޞަތުވެސް އެބަ އޮތެވެ.
ދިވެހިރާއްޖޭގެ ކަލަންޑަރުގައި ޝައްވާލު މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި އޮތީ މާރިޗު 31 ވާ ހޯމަ ދުވަހެވެ. މާރިޗު 29 ވަނަ ދުވަހު އިރުއޮއްސޭއިރު، ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް ހަނދު ފެންމަތީގައި ނުހުންނާނެތީ، މާރިޗު 30 ވަނަ ދުވަހަކީ ހިނގަމުންދާ ހަނދު މަހުގެ އެންމެ ފަހު ދުވަސް ކަމަށް، ހަނދު މަސް ފެށުމާއި ނިންމުމުގައި ދިވެހިރާއްޖޭގައި ޢަމަލު ކުރާ އުޞޫލުގައި ކަނޑައަޅައިފައި އޮންނާތީއެވެ.
ދިވެހިރާއްޖޭގެ އިތުރުން، ދިވެހިރާއްޖެއަށް ވުރެ އިރުމަތީގައި ހުރި ގައުމުތަކަށް ވެސް އިރުއޮއްސޭއިރު ހަނދު ފެންމަތީގައި ނުހުންނާނެއެވެ. މީގެ ތެރޭގައި އިސްލާމީ ގައުމުތައް ކަމަށްވާ މެލޭޝިޔާއާއި ބުރުނާއީއާއި އިންޑޮނޭޝިޔާ ވެސް ހިމެނެއެވެ. އެހެންނަމަވެސް ރާއްޖެއަށް ވުރެ ހުޅަނގުގައި ހުރި ގައުމުތަކަށް އިރުއޮއްސުމަށް ފަހު، (އެކި ގައުމުތަކަށް އެކި ލަސްމިނަށް) ހަނދު ފެންމަތީގައި ހުންނާނެއެވެ. ހުޅަނގުވި ވަރަކަށް މި ލަސްވުން އިތުރުވަމުން ދާނެއެވެ. އަދި ހަމަލޮލަށް ހަނދު ފެނުމުގެ ފުރުޞަތު ބޮޑުވަމުން ދާނެއެވެ. މިގޮތުން ސަޢުދީޢަރަބިއްޔާއާއި މިސްރާއި ތުރުކީއާއި މޮރޮކޯ ފަދަ އިސްލާމީ ގައުމުތަކަށް މާދަމާ އިރުއޮއްސުމަށް ފަހުގައި އަށް މިނެޓާއި 10 މިނެޓާއި 19 މިނެޓާ ދެމެދުގެ މިންވަރަކަށް ހަނދު ނުއޮއްސި ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކައެވެ.
ލީބިޔާ އާއި ތުރުކީ ފަދަ ބައެއް ގައުމުތަކުގައި ހަނދުމަސް ފެށުމުގައި އަމަލުކުރާ އުސޫލަށް ބަލާއިރު، އިރާއި ހަނދާއި ބިން އެއް ރޮނގަކަށް އައިސް އެއްއުއި ނުވަތަ މާރަހަ (އިގްތިރާން) ވުމަށްފަހު، ދެން އިރުއަރާނީ ހަނދުމަހުގެ ފުރަތަމަ ދުވަހަށެވެ. މިގޮތުން ބަލާއިރު ދުނިޔެ އާއި އިރާއި ހަނދު އެއްރޮނގަކަށް އައިސް އިޤްތިރާން (ކޮންޖަންކްޝަން) ވަނީ، މާރިޗު 29 ވާ ހޮނިހިރު ދުވަހު (މާދަމާ) ރާއްޖޭ ގަޑިން (ހަވީރު) 15:57 ގައެވެ. އެހެންވީމާ މާރަހަ ވުމަށް ފަހު ދެންއަންނަ ދުވަހަކީ 30 މާރިޗު ވާ އާދީއްތަ ދުވަހެވެ. އެހެންކަމުން މިއުސޫލަށް ޢަމަލު ކުރާ ގައުމުތަކާއި ޖަމާއަތްތަކުން، ޝައްވާލު މަހުގެ ފުރަތަމަ ދުވަހަކީ އާދީއްތަ ދުވަސްކަމުގައި ބަލާނެއެވެ.
އިރުކޭތައަކީ ހަނދުމަހުގެ ފަހު ދުވަސް ކަނޑައެޅުމަށް އިސްލާމީ ބައެއް ޖަމާޢަތްތަކުން ބަލާ ޢަލާމާތެކެވެ. އިރުކޭތައެއް ހިފާނީ އަބަދުވެސް ހަނދުމަހެއްގެ ފަހު ދުވަހުގައި ކަމަށް މިފަދަ ޖަމާޢަތްތަކުން ބަލައެވެ. މާދަމާއަކީ (ހޮނިހިރު ދުވަހަކީ) އިރުކޭތައެއް ހިފާ ދުވަހެކެވެ. ވީމާ އިރުކޭތަ ހިފާ ދުވަހަށް ބަލައިގެން ހަނދުމަހުގެ ނިމުން ކަށަވަރު ކުރާ ޖަމާޢަތްތަކަށް މާދަމާއަކީ ރަމަޟާން މަހުގެ ފަހު ދުވަހެވެ.
އިސްލާމީ ޤައުމުތަކަށް ބަލާއިރު އާދީއްތަ ދުވަހަކީ ފިޠުރު ޢީދު ދުވަސް ކަމަށް، ފަލަކީ ހިސާބަށް ބަލައިގެން ހަނދު މަސް ފަށާ ތުރުކީ ފަދަ ގައުމުތަކުން މިހާރު ވެސް ވަނީ އިއުލާން ކޮށްފައެވެ. މީގެ އިތުރުން އުތުރު އެމެރިކާގެ ފިޤުހު ކައުންސިލުން ވެސް ވަނީ މި އަހަރުގެ ޝައްވާލު މަހުގެ ފުރަތަމަ ދުވަހަކީ މާރިޗު މަހުގެ 30 ވާ އާދީއްތަ ދުވަސް ކަމަށް އިއުލާންކޮށްފައެވެ.
ރަމަޟާން މަހާއި ޝައްވާލު މަސް ފެށުމުގައި ދިވެހިރާއްޖެއިން ޢަމަލު ކުރަމުން އަންނަ އުޞޫލަކީ ހަނދުމަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސޭއިރު، ދިވެހިރާއްޖެއަށް ހަނދު ފެންމަތީގައި ނުހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ދައްކާ ނަމަ، އެހެން ގައުމަކަށް ހަނދު ފެނުނު ކަމުގައި ވިޔަސް، ދިވެހިރާއްޖެއިން، މަހުގެ 30 ދުވަސް ހަމަ ކުރުމެވެ. ދިވެހިރާއްޖޭގެ ކަލަންޑަރުގައި ވެސް އެ ގޮތަށް ފާހަގަ ކޮށްފައިވަނީ އެހެންވެގެންނެވެ.
އިޔާޒު ނަސީމް
ރޯދަ 2025
ރޯދަ 2025
ރޯދަ 2025