މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގައި މެދުނުކެނޑި 450 އަހަރުވެފައިވާ ދެމިގެންއައި އިލްމީ ސިލްސިލާގެ ތެރެއިން އަލިވެ އުޖާލާވި އިލްމީ ދަންމަރެވެ. ރާއްޖޭގެ އެންމެ ފަޚުރުވެރި ޝަރަފުވެރި މަދުރަސާއެވެ. މަޖީދިއްޔާ ނުވަތަ ސަނިއްޔާގެ ފެށުމަކީ 17 ޝައްވާލު 1345 ބުދަދުވަހު ހެނދުނު 7 ޖެހިއިރު ފަނޑިޔާރުގޭ ފެންޑާގައި އަލްޢައްލާމާ ޙުސައިން ޞަލާޙުއްދީން އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ ނާޒިރުކަމުގައި ރަސްމީގޮތުން ކިޔަވައިދެއްވަން ފެށްޓެވި ފެށްޓެވުމެވެ. އެއީ މަދުރަސަތުއް ޞަލާޙިއްޔާއެވެ. (ފަހުން މަދުރަސަތުއް ސަނިއްޔާއެވެ. މަދުރަސަތުއް މަޖީދިއްޔާއެވެ. އަދި މަޖީދިއްޔާ ސްކޫލެވެ.) މިދުވަހަކީ މީލާދީ ތާރީޚުން 20 އޭޕުރީލު 1927އެވެ. އެހެންނަމަވެސް ހިޖުރީ ތާރީޚު މީލާދީ ތާރީޚަށް ބަދަލުކުރުމުގެ ތެރޭގަައި 1958ގައި އޮޅުމުގެ ތެރެއިން މަޖީދިއްޔާގެ އަހަރީ ދުވަސް 19 އޭޕުރީލުގައި ފާހަގަކުރާތާ 65 އަހަރު ވަނީއެވެ.

މީލާދީގޮތުން މަޖީދިއްޔާއަށް 99 އަހަރުފުރުނީ މިއޭޕުރީލްމަހުއެވެ. 100 އަހަރު ފާހަގަކުރުމުގެ އިހުތިފާލުތައް ފޯރިއާއި ޖޯޝާއިއެކު ހިނގަމުންދަނީއެވެ. ހިޖުރީގޮތުން މިދިޔަ ޝައްވާލުމަހު މަޖީދިއްޔާއަށް މިވަނީ 102 ފުރިފައެވެ.

މަޖީދިއްޔާއަށް 100 އަހަރުފުރުމުގެ އިހުތިފާލުތައް ހިނގަމުންދާއިރު "އިހުމާލު ކުރެވިފަައިވާ ކަމަށް މިކަންކަން އެނގިވަޑައިގަންނަވާ ފަރާތްތަކުން ފާހަގަކުރައްވާ ކަންކަމަށް މިމުނާސަބަތުގައި ބަލާލުމަކީ އެކަށޭނަ ކަމެކެވެ. 1960ގެ އަހަރުތަކުގައި ރާއްޖޭގައި ރަސްމީގޮތުން އިނގިރޭސި ތަޢުލީމު ފެށުން ހިމެނުނީ ރާއްޖޭގެ ތަޢުލީމީ ތަރައްޤީގެ އެންމެ ބޮޑު އިންޤިލާބީ ކުރިއެރުން ކަމުގައެވެ. އެއިގެ ފަހުން ރާއްޖެއަށް ލިބުނު ހުރިހާ ކުރިއެރުމެއް އަދި މެދުފަންތީގެ މީހުންނަށް ނުވަތަ އާންމު ރައްޔިތުންނަށް ސިޔާސީ އިޖުތިމާއީ އިގުތިސާދީ މައިދާނުގައި ކުރިއަށް ދިއުމުގެ މަގުފަހިވީ މިކަމުގެ ސަބަބުން ކަމުގައެވެ. ބޮޑުވަޒީރު އަދި ވަޒީރުލްމަޢާރިފް ޞާޙިބުއްދައުލަތު ދައުލަތުގެ މަތިވެރި ސާހިބު) ޞ.ދ. ނާޞިރުގެ އެންމެ އަގުހުރި ގައުމީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ރަސްމީގޮތުން ޖީ.ސީ.އޯ ލެވެލް ހެދުމުގެ ރެކޯޑު ވަނީ އަމީނިއްޔާއަށެވެ. އަންހެން ދަރިވަރުންނަށެވެ. އެއީ ޖަނަވަރީ 1967ގައެވެ.

އެ ފަޚުރުވެރި ދަރިވަރުންނަކީ؛

1- ލަޠީފާ އަޙްމަދު ގ. ގުލްދަސްތާގެ

2- އަނީސާ އަޙްމަދު މ. އުނިމާގެ

3- ޙައްވާ ޤާސިމް ހ. ސަންރޭ

4- ފާޠިމަތް ދީދީ ހ. ހަރުމަލުގެމިއެވެ

ހުރިހާ މާއްދާއަކުން ލަޠީފާ އަޙްމަދު ފާސްވިއެވެ. މަޖީދިއްޔާ ދަރިވަރުން ފިރިހެން ކުދިން ޖީ.ސީ.އީ. އޯލެވެލް ހެދީ އެއަހަރުގެ ޖޫންގައެވެ. ޖޫން 1967ގައެވެ.

އެންމެ ފުރަތަމަ ޖީ.ސީ.އީ. އޯލެވެލް ހެދީ މަޖީދިއްޔާ ދަރިވަރުންނަކީ؛

1- އިބްރާހީމް މޫސާ ފުޅު ހ. ރޭލައިޓް

2- މައިޒާން އާދަމް މަނިކު ހ. މައިޒާންދޮށުގެ

3- ޢަބްދުއްރަޝީދު ޙުސައިން ހ. ގިރިތެރޭގެ

4- އާދަމް އިބްރާހީމް މ. އަސްރަފީގެ

5- އަޙްމަދު އިސްމާޢީލް ހ. ރޯނުގެ

6- ޝަހީމް ރާޟީ މއ. ސަތަރުގެ

7- ޢަލީ އާދަމް މަނިކު ހ. ކީރަންމާގެމިއެވެ

ވީމާ، މަޖީދިއްޔާއާއި އަމީނިއްޔާގެ ތައުލީމަށް އެންމެ ބޮޑު އިންގިލާބީ ބަދަލުތަކާއި ޒަމާނީ ކުރިއެރުން ގެނެސްދެއްވީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާގެ ބޮޑުވަޒީރު ކަމުގައެވެ. ސީދާ އެމަނިކުފާނުގެ މޭސްތިރިކަމާއި ބެއްލެވުމުގެ ދަށުންނެވެ. މިހަގީގަތްތައް އެނގިފާޅުވެގެންވެއެވެ. މިކަންކަން ފެނިވަޑައިގެންނެވި ދެކެވަޑަައިގެންނެވި ގިނަ ބޭފުޅުން އެބަތިއްބެވިވެސްމެއެވެ.

އެޑިޓަރުގެ ނޯޓު:

މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެބޮޑު ނޫސް "ހަވީރު" ނޫހުގައި 15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރުގެ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައިވެއެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.