ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ. މިދުވަސް ދުނިޔޭގައި ފާހަގަކުރަން ފެށުނީ 5 ޖޫން 1973ގައެވެ. ގިނަބަޔަކަށް ނޭނގުނު ކަމުގައިވިޔަސް ދުނިޔޭގެ ތިމާވެށީގެ ދުވަސް ދުނިޔޭގައި ފުރަތަމަ ފާހަގަކުރެވުނު ދުވަހު، ދިވެހިރާއްޖޭގައިވެސް މިދުވަސް ފާހަގަކުރެވުނެވެ.

މިގޮތުން 5 ޖޫން 1973ގައި، ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާގެ އދ އާއިބެހޭ ބައިން ކަމާބެހޭ ބަޔާނެއް ނެރުއްވިއެވެ.

"ޒަމާނާއެކުގައި، ޖީލަކަށްފަހު ޖީލެއް ވާރުތަވަމުން އަންނަ ދެ ބީއަތެއް އިންސާނާގެ ވަށައިގެން ވެއެވެ. އެއް ބީއަތަކީ، ގަސްގަހާގެއްސާއި ޖަނަވާރުތަކާއި ފަސްގަނޑާއި، ކަނޑާއި ވައިގެމައްޗަށް އެކުލެވިގެންވާ ތަބީއީ ބީއަތެވެ. އަނެއް ބީއަތަކީ، އެމީހަކު ދިރިއުޅޭ ޖަމާއަތާއި، އާދަކާދަތަކާއި، ދިރިއުޅުމުގެ ގޮތްތަކުގެ މައްޗަށް އެކުލެވިގެންވާ އިޖުތިމާއީ ބީއަތެވެ. ފިތުރަތުން އިންސާނާއަށް ލިބިގެންވާ ވިސްނުމުގެ ބޭނުންކޮށް އުފައްދާފައިވާ އިލްމުތަކާއި، ސާމާނާއި، ބިނާތައްވެސް ހިމެނެނީ، ފަހުން މިދެންނެވި ބައިގެ ތެެރޭގައެވެ. މިދުނިޔޭގައި އިންސާނުން އަދާކުރަންވީ ދައުރު ވަކިގޮތަކަށް ކަނޑައަޅައި، މާޒީއާއި، މިހާރާއި، މުސްތަގުބަލް އެގޮތެއްގެ މަތިން ގުޅުވައި ދެމެހެއްޓުމުގެ ޒަރީއަތަކީ، އިޖުތިމާއީ ބީއަތެވެ. ތަބީއީ ބީއަތަކީ، ބާރު ފޯރަން އޮތް ވަރަކަށް އޭގެ ބޭނުންކޮށްގެން އިންސާނީ ހަޔާތް ކުރިއެރުވުމަށްޓަކައި ލައްވާފައިވާ ބީއަތެވެ. އިންސާނުން އުފެދުނީއްސުރެ އެމީހުންގެ މައިގަނޑު މަސައްކަތެއް ކަމުގައި ވެފައި އޮތީ ދިރިއުޅުން ތަރައްގީ ކުރުމެވެ. އިތުރު ތަނަވަސްކަމާއި، އަރާމާއި، އަމާންކަމާއި، ހިތްފަސޭ ހަމަޖެހުމުގެ ހަމަހިމޭންކަމާއި، އީޖާދީ ސިކުނޑިއެއްގެ މިނިވަންކަން ލިބޭނެ މަގުތައް ހޯދުމެވެ. އެނގިތިބެގެން ނުވަތަ ތަގުދީރުގެ ހެޔޮކަމާއެކު ނޭނގި ތިބެ ނަމަވެސް، އިސްވެދިޔަ މަގުސަދަށްޓަކައި، ވޭތުވެދިޔަ ޖީލުތަައް ކުރި މަސައްކަތްތަކުގެ ނަތީޖާ، އަޅުގަނޑުމެންނަށް އަދު މިއޮތީ ފެންނާށެވެ. "5 ޖޫން 1973ގައި، ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާގެ އދ އާއިބެހޭ ބައިން ނެރުއްވި ބަޔާނުގައިއި ވެއެވެ!

ދުނިޔޭގެ ތިމާވެށީގެ ދުވަސް 5 ޖޫން 1988 އިން ފެށިގެން މެދުނުކެނޑި ދިވެހިރާއްޖޭގައި ފާހަގަކުރާތާ 38 އަހަރު ވީއެވެ! އަދި 1988ގައި ތިމާވެށީގެ މިނިސްޓްރީއެއް އުފެދުނު ފަހުން މެދުނުކެނޑި ތިމާވެށީގެ މިނިސްޓްރީއެއް ހިނގަމުންދާތާ މިއީ 38 ވަނަ އަހަރެވެ! ދިވެހިރާއްޖެއަކީ، ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން، ތިމާވެށީގެ ދާއިރާއިން، ބައިނަލްއަގުވާމީ ގޮތުން އެންމެ ފާހަގަކުރެވޭ ގައުމު ނުވަތަ ގައުމެއް ކަމަށް ވުމީ، ދިވެހިރާއްޖެއަށް ލިބިގެންވާ ބޮޑު ފަޚުރަކާއި ޝަރަފެކެވެ.

ދިވެހި ލަފުޒެއްގެ ގޮތުގައި "ތިމާވެށި" ކިޔަން ފެށުނީ 1980 ގައެވެ.

އެޑިޓަރުގެ ނޯޓު:

މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.