ރާއްޖޭގައި އަޑީ ދައުލަތެއް ނެތް ކަމަށް ބުނެ ބަހަނާ ދައްކައި، ކުރަން ޖެހޭ މަސައްކަތްތައް ނުކޮށް، ސަރުކާރު އޮވެގެން ނުވާނެ، ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

މެންބަރު ހަސަން ލަތީފު މިހެން ވިދާޅުވީ، މެއި މަހުގެ ހަ ވަނަދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ތަފުސީލީ މައުލޫމާތުތަކެއް ފުލުހުން ރޭ ހަމަކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކުރެއްވި ޓްވީޓެއްގައެވެ.

ހަސަން ލަތީފު ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ ކުރިއަށްގެންދިޔަ، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް، ރާއްޖޭގެ ނެޝަނަލް ކައުންޓަރު ޓެރަރިޒަމް ސެންޓަރު (އެންސީޓީސީގެ) ޑިރެކްޓަރު ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ދެއްވި ބަޔާނުގައި ހަރުކަށި ފިކުރާ ގުޅޭ ގޮތުން ރާއްޖޭގެ ހާލަތު ސާފުކޮށް ވިދާޅުވެ ދެއްވާފައިވާ ކަމަށެވެ.

ޓޫފޯވަން ކޮމިޓީއަށް ދިން ބަޔާނުގައި ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެފައި ވަނީ ހަރުކަށި ކަމާއި ހައްދުފަހަނައަޅައިދިއުން މިހާރު ރާއްޖޭގައި އޮތް މިންވަރަށް ބަލާއިރު "ރާއްޖެގައި މިހާރު ހިނގަނީ އެ ސްޓޭޓް ވިތިން ސްޓޭޓެއްް،" ކަމަށެވެ.

މިހާލަތުން ރާއްޖެ އަރައި ނުގެންފިނަމަ މުޅީ ގައުމު އަފްޣާނިސްތާނު އޮތް ހާލަތަށް ދާނެކަމަށް ވިދާޅުވެ އެކަމާބެހޭ ގިނަ ތަފްސީލަތަކެއް ޒަކަރިއްޔާ ވަނީ ކޮމިޓީއާ ހިއްސާ ކުރައްވައިފައެވެ.