ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ ވޯޓުން މަޖިލިސް މެންބަރުން ވަކިކުރެވޭ ގޮތަށް ދަ ޑިމޮކްރެޓްސްގެ ރައީސް، ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފު ގާނޫނުއަސާސީއށް ހުށަހެޅުއްވި އިސްލާހު އަނބުރާ ގެންގޮސްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، އެ ބިލަކީ ހުސްވި އޭޕްރީލް މަހުގެ 23 ނުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 21 ވަނަ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވާފައިވާ ބިލެއް ކަމަށެވެ. ނަމަވެސް މި ބިލު އިއްޔެ އަނބުރާ ގެންދަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ހަސަން ހުށަހަޅުއްވި އިސްލާހުގައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގެ ފަހަތަށް (ބ) ގެ ގޮތުގައި އަކުރެއް އިތުރު ކުރުމަށެވެ. އެ އަކުރުގައި މަޖިލީހުގެ މެންބަރު ކަމުން ވަކިވާނެ ފަސް ހާލަތެއް ބަޔާން ކޮށްފައިވެއެވެ.

  • މެންބަރުގެ އަމިއްލަ އިސްނެގުމަށް އިންތިހާބުވި ޕާޓީއަކުން ވަކިވުން ނުވަތަ އެހެން ސިޔާސީ ޕާޓީ އަކަށް ބަދަލުވުން
  • އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު ޕާޓީއެއްގެ މެންބަރަކަށްވުން
  • ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން މަޖިލީހަށް އިންތިހާބުވި މެންބަރަކު، އެ ޕާޓީގެ ނިންމުމަކާ ހިލާފަށް މަޖިލީހުން ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގައި ނިންމާ ނިންމުމެއްގައި ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް އޭނާ އިންތިހާބުވި ދައުރުގެ ތެރޭގައި އޭނާ ޕާޓީގެ މެންބަރުކަމުން ވަކިކުރުން
  • ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން މަޖިލީހަށް އިންތިހާބުވި މެންބަރަކު، ޕާޓީގެ ނިންމުމާ ހިލާފަށް ވޯޓު ދިނުން ފިޔަވައި، އެނޫން ސަބަބަކައްޓަކައި ޕާޓީގެ މެންބަރުކަމުން ވަކިކުރާ ހާލަތުގައި، އޭނާ އިންތިހާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފަިއވާ މީހުންގެ އަގުލަބިއްޔަތުން އޭނާ އެ މަގާމުން ވަކިކުރުމަށް ނިންމުން
  • މަޖިލިސް މެންބަރަކު ވަކިކުރަން، އެ ދާއިރާއަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ އާބާދީގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް މަޖިލިސް އަށް ހުށަހަޅާ ޕެޓިޝަނެއް މަޖިލިހުގެ ކަމާބެހޭ ކޮމިޓީން ދިރާސާކޮށް، އެ މެންބަރަކު މަގާމުން ވަކި ކުރުމަށް އެ ދާއިރާގެ ވޯޓު ލުމުގެ ހައްގު ލިބިފަިއވާ އާބާދީގެ މެދުގައި އާއްމު ވޯޓެއް ނަގަން ނިންމައި، އެ ވޯޓުލާ މީހުންގެ އަގުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކިކުރުމަށް ނިންމުން

މަޖިލިސް މެންބަރުން ވަކި ކުރެވޭ ހާލަތްތަކެއް ބަޔާން ކުރާ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް އެމްޑީޕީން މަޖިލީހަށް ހުށަހަޅައި މިހާރުވެސް ވަނީ ފާސް ކޮށްފައެވެ. ނަމަވެސް އެ ގާނޫނުގައިވެސް މެންބަރުކަމުން ވަކިވާނެ ހާލަތެއް ނޯވެއެވެ. އޮންނަނީ އެ ގާނޫނުގައި ކަނޑައަޅާފައިވާ ހާލަތު ދިމާވުމުން އެމީހަކު އަމިއްލައަށް މަގާމުން އިސްތިއުފާ ދިނުމެވެ.

ގާނޫނުއަސާސީގައި ވެސް އެފަދަ ހާލަތެއް ބަޔާންކޮށްފައެއް ނޯވެއެވެ. ހަމައެކަނި އޮންނަނީ މަޖިލިސް މެންބަރުކަމުގެ މަގާމު ގެއްލޭނެ ހާލަތެކެވެ. އޭގެ ތެރޭގައި ހިމެނެނީ ދަރަންޏެއް ސާބިތުވެ ގަވައިދުން އެ ދަރަނި ދައްކަމުން ނުދިޔުމާއި 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ޖިނާއީ ކުށެއްގެ އަދަބުގެ ހުކުމެއް އައުމެވެ.