ދަ ޑިމޮކްރެޓްސް ޕާޓީގެ މަޖިލިސް ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ސިޔާސީ ކަންކަމާ ދުރަށް ވަޑައިގަތްކަން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިއުލާން ކުރެއްވުމަށް ފަހު ނަޝީދު ވަނީ ދިރިއުޅުން ގާނާއަށް ބަދަލުކުރައްވައިފައެވެ. އެ މަނިކުފާނު ގާނާއަށް ވަޑައިގަތީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގަތުމަށެވެ.

ނަޝީދު މާލެ ވަޑައިގަންނަވާނެކަން އިއުލާން ކުރައްވަމުން ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ނަޝީދު ރާއްޖެ ވަޑައިގެން ތިން ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އެގޮތުން 19 އޭޕްރިލްވާ ހުކުރު ދުވަހުގެ ހަވީރު ވިލިމާލޭގެ ޑިމޮކްރެޓްސްގެ ޖަގަހަ ކުރިމަތީ ބާއްވާ ކެމްޕެއިން އެއްވުމެއްގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އަދި ހަމަ އެ ދުވަހުގެ ރޭ "ރައީސް ނަޝީދު ލެޖިސްލެޓިވް އެޖެންޑާ" ހުށަހެޅުމުގެ ހަރަކާތެއް މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުން، ކެމްޕެއިން ނިންމާލުމުގެ ގޮތުން ހުޅުމާލެ ރުއްގަނޑުގައި އަންނަ ހޮނިހިރު ދުވަހު ބާއްވާ އެއްވުމުގައި ވެސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.