ސަރުކާރާއި އެމްޑީޕީގެ ވާދަވެރީން އިންޑިއާއާ ގުޅޭ ގޮތުން ދައްކާ ފިތުނަވެރި ވާހަކަތައް ހުއްޓުވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މީގެ އިރުކޮޅެއް ކުރީން ކުރެއްވި ޓުވީޓެއްގަ އެވެ.

ރައީސް ނަޝީދު މި މޭރުމުން ޓުވީޓެއް ކުރެއްވި އިރު، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ދާދި ފަހުން ފޮނުވި ސިޓީއެއްގެ މައްސަލަ ވަނީ ރާއްޖޭގެ މީޑިއާގައްޔާއި ސޯޝިއަލް މީޑިއާގައި ހޫނު ވެފަ އެވެ. އެ ސިޓީގައި އިންޑިއާގެ ހައިކޮމިޝަނުން ބުނެފައި ވަނީ ރާއްޖޭގައި ތިއްބަވާ އިންޑިއާގެ ޑިޕްލިމޭޓުންނާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ރާއްޖޭގެ މީޑިއާގައި ފަތުރަމުންދާ ކަމަށާއި އެ ކަމުގެ ސަބަބުން އެ ފަދަ އޮފިޝަލުންނަށް ނުރުހުން ރައްދުވެ ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. އޭގެ އިތުރުން މި ފަދަ ވާހަކަތައް ތަކުރާރުކޮށް ފަތުރަމުންދާ ކަމަށާއި މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމަށް ވެސް ބުރޫ އަރައިފާނެ ކަމެއް ކަމަށެވެ. އެހެން ކަމުން އެ ފަދަ މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް ވަނީ އެދިފަ އެވެ. މީޑިއާއަށް ފިޔަވަޅު އެޅުމަށް އެދި އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުވި މި ސިޓީގައި ވަކި މީޑިއާއެއްގެ ނަން ފާހަގަކޮށްފައެއް ނުވެ އެވެ. އެހެން ކަމުން އެ ސިޓީ ހުރިހާ މީޑިއާއަކަށްވެސް ރައްދުވެ އެވެ.

މި ކަމުގެ ކަންބޮޑުވުންތައް ރާއްޖޭގެ ބައެއް މީޑިއާތަކުން ފާޅުކޮށްފައިވާ އިރު، ސިޔާސީ މީހުންވެސް އަންނަނީ މި މައްސަލައިގައި އިންޑިއާއަށް ރައްދުވާ ގޮތަށް ބަހުގެ ހަމަލާތައް ދެމުންނެވެ.

ރައީސް ނަޝީދުގެ ޓުވީޓުގައި އިތުރަށް ވިދާޅުވީ ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ބޭރުގެ ޑިޕްލޮމޭޓުންނާ ގުޅޭ ގޮތުން އަޅުގަނޑުމެން ދައްކާ ވާހަކަތައް ހުންނަން ޖެހޭނީ ވަކި ހަމަތަކެއްގައި ކަމަށެވެ.

"ސަރުކާރާއި އެމްޑީޕީގެ ވާދަވެރީން އިންޑިއާއާ ގުޅޭ ގޮތުން ދައްކާ ފިތުނަވެރި އަދި ބޭއަދަބީ ވާހަކަތައް ހުއްޓުވަން ޖެހޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.

އިންޑިއާ ހައިކޮމިޝަނުން ފާހަގަ ކޮށްފައިވާ މި މައްސަލަ ބަލައިދިނުން އެދި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިހާރު ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުގައިވެސް އެދިފަ އެވެ.