ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯ ވިއްކައިގެން މަޖިލީހަށް ހޮވިގެން ތިބެ، އެމަނިކުފާނު ހާލުގައި އޮންނެވި ދުވަހު، ކަރަށް ފައިން އަރަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ބައެއް ޕާލަމެންޓް މެންބަރުންނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ފާޑު ވިދާޅުވެއްޖެއެވެ.
މީކާއީލް ފާޑު ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ ތުހުމަތުގައި ދައުވާ ކޮށްދޭން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ އިމްތިޔާޒުގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބޭރުކޮށްލުމާ ގުޅިގެންނެވެ.
އެ މައްސަލަ ރޭ އިމްތިޔާޒު ކޮމިޓީން ބޭރު ކޮށްލީ، އެމްޑީޕީގެ މެންބަރުންގެ ވޯޓާ އެކުގައެވެ.
އެކަމާ ބެހޭގޮތުން ކުރެއްވި ޓުވީޓެއްގައި މީކާއީލް ވިދާޅުވީ، "ރައީސް ނަޝީދުގެ ފޮޓޯ ވިއްކައިގެން ހޮވިގެން، އެންމެ ހާލުގައި އޮންނެވި ދުވަހު، ކަރަށް ފައިން އަރަން ހިފާލާނީ ހާދަހާވާ ގޮތެއްފޮތެއް ނެތީމަ،" ކަމަށެވެ.
ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް އަންގައި، މަޖިލީހަށް ފޮނުވި ސިޓީގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވާތީ ޒަމީލް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ، އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
އެކަމާގުޅިގެން ރޭ ބޭއްވި ކޮމެޓީ ބައްދަލުވުމުގައި، ޒަމީލް މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ތުހުމަތުކޮށް އެ މައްސަލަ ކޮމިޓީން ބަލަން ފެންނަ ކަމަށް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި ނަމަވެސް، އެ ހުށަހެޅުން ފާހެއް ނުވި އެވެ.
އޭގެ ބަދަލުގައި ކޮމިޓީން ފާސްކޮށްފައި ވަނީ، އެ މައްސަލަ ބަލާނެ ތަނެއް ނެތް ކަމަށް ބުނެ، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި ހުށަހެޅުއްވުމެވެ.
އެ ހުށަހެޅުން ފާސްކޮށްފައި ވަނީ އެމްޑީޕީގެ ހަތަރު މެންބަރުންގެ ވޯޓާ އެކުގައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް