ގްރޭޓާ މާލޭ ސަރަހައްދުގައި ދުއްވޭނެ އެއްގަމު އުޅަނދުފަހަރުގެ އުމުރު ކަނޑައަޅަން އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ހިމަނާފައިވާގޮތަށް އަމަލުކުރަން ފަށާނީ، މީގެ ފަސް އަހަރު ދުވަސް ފަހުން ކަމަށް ކަނޑައަޅަން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.
މުޅިން އާ ގާނޫނެއްގެ ގޮތުގައި މަޖިލީހުން ފާސްކޮށް މިދިޔަ ސެޕްޓެމްބަރުމަހު އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގައި މިހާރު އިންނަނީ، އުޅަނދުފަހަރުގެ އުމުރު ކަނޑައަޅަން ގާނޫނުގައި ހިމަނާފައިވާގޮތަށް އަމަލުކުރަން ފަށާނީ، ތިން އަހަރު ދުވަސް ފަހުން ކަމަަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވުމަށް އެޖެންޑާކޮށްފައިވާ އިސްލާހުގައި އެ ތިން އަހަރުގެ ބަދަލުގައި އެ މުއްދަތު ފަސް އަހަރު ދުވަހުގެ މުއްދަތަށް އިތުރު ކުރަން ވަނީ ހިމަނައިފައެވެ.
އެހެންކަމުން ގާނޫނަށް އަމަލުކުރަން ފަށާއިރު ރަޖިސްޓަރީކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން، އެ އުޅަނދެއް އުފެއްދި ތާރީހުން ފެށިގެން 18 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއް ވެފައިވާ އުޅަނދުފަަހަރުގެ ރަޖިސްޓަރީ ބާތިލުކުރެވޭނީ، ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން އަހަރު ދުވަސް ހަމަވާ ތާރީހުގައި ކަމަށް ގާނޫނުގައި މިހާރު އޮތް މުއްދަތު މި އިސްލާހާއެކު ފަަސް އަހަރު ދުވަހުގެ މުއަދަތަށް ބަދަލުވާނެއެވެ.
އަދި ބާތިލުކުރެވޭނީ، އެ އުޅަނދެއް އުފެއްދި ތާރީހުން ފެށިގެން 18 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއް ވެފައިވާ އުޅަނދުފަަހަރު ކަމަށް ގާނޫނުގައި މިހާރު އޮތް އޮތުން، 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އުޅަނދުފަހަރަށް ބަދަލު ކުރަންވެސް ބިލުގައި ހިމަނާފައިވެއެވެ.
ގާނޫނުގައި މިހާރު ބުނަނީ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އިސްތިސްނާކުރެވޭ ހާއްސަ ގިންތީގެ އުޅަނދު ފިޔަވައި އެހެން އެއްވެސް އެއްގަމު އުޅަނދެއް ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރެވޭނީ އަދި އޮޕަރޭޓް ކުރެވޭނީ، އެ އުޅަނދެއް އުފެއްދި ތާރީހުން ފެށިގެން 20 އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. ނަމަވެސް މަޖިލީހަށް ފޮނުވާފައިވާ ބިލުގައި އެ މުއްދަތު 25 އަހަރު ދުވަހަށް އިތުރުކުރަން ވަނީ ހިމަނައިފައެވެ.
އެހެންކަމުން މި ބިލު ފާސްވުމުން ދުއްވާނެ އުޅަނދުފަހަރުގެ އުމުރު ގުނާނީ، އުޅަނދު އުފެއްދި ތާރީހުން ފެށިގެން 25 އަހަރު ދުވަހުގެ ނިޔަލަށެވެ.
ގާނޫނުގައި ބުނެފައިވަނީ އެ މުއްދަތު ހަމަވުމުން، ރަޖިސްޓަރީކޮށްފައިވާ އުޅަނދެއްގެ ރަޖިސްޓަރީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ބާތިލުކުރެވޭނެ ކަމަށެވެ. އެގޮތަށް ރަޖިސްޓަރީ ބާތިލުކުރެވޭ އުޅަނދުތަކުގެ ރަޖިސްޓަރީ ބާތިލުކުރުމުގެ ކުރިން، އެކަމުގެ ނޯޓިސް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ އުޅަނދެއްގެ ވެރިފަރާތަށް މިނިސްޓްރީން ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް