ގްރޭޓާ މާލޭ ސަރަހައްދުގައި ދުއްވޭނެ އެއްގަމު އުޅަނދުފަހަރުގެ އުމުރު ކަނޑައަޅަން އެއްގަމު ދަތުރުފަތުރުގެ، ގާނޫނުގައި ހިމަނާފައިވާގޮތަށް ބަދަލުކޮށް، އެއްގަމު އުޅަނދު ދުއްވޭނީ، އުފެއްދި ތާރީހުން ފެށިގެން 25 އަހަރު ދުވަހަށް ކަމަށް ކަނޑައަޅަން އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.

މުޅިން އާ ގާނޫނެއްގެ ގޮތުގައި މަޖިލީހުން ފާސްކޮށް މިދިޔަ ސެޕްޓެމްބަރުމަހު އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގައި މިހާރު އޮންނަނީ، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އިސްތިސްނާކުރެވޭ ހާއްސަ ގިންތީގެ އުޅަނދު ފިޔަވައި އެހެން އެއްވެސް އެއްގަމު އުޅަނދެއް ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރެވޭނީ އަދި އޮޕަރޭޓް ކުރެވޭނީ އެ އުޅަނދެއް އުފެއްދި ތާރީހުން ފެށިގެން 20 އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ.

އެހެންކަމުން މި ބިލު މަޖިލީހުން ފާސްވެ އަމަލުކުރަން ފެށުމުން ރާއްޖޭގައި ދުއްވޭނެ އުޅަނދުފަހަރުގެ އުމުރު ގުނާނީ، އުޅަނދު އުފެއްދި ތާރީހުން ފެށިގެން 25 އަހަރު ދުވަހުގެ ނިޔަލަށެވެ.

ގާނޫނުގައި މިހާރު އޮންނަނީ، ގާނޫނަށް އަމަލުކުރަން ފަށާއިރު ރަޖިސްޓަރީކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން، އެ އުޅަނދެއް އުފެއްދި ތާރީހުން ފެށިގެން 18 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއް ވެފައިވާ އުޅަނދުފަަހަރުގެ ރަޖިސްޓަރީ، ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން އަހަރު ދުވަސް ހަމަވާ ތާރީހުގައި ބާތިލުކުރެވޭނެ ކަމަށެވެ. ނަމަވެސް އެ މުއްދަތުތަކަށް ވެސް މި ބިލުގައިވަނީ ބަދަލު ގެންނަން ހުށަހަޅައިފައެވެ.

އެގޮތުން، ގާނޫނަށް އަމަލުކުރަން ފަށާއިރު ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން، ރަޖިސްޓްރީ ބާތިލުކުރެވޭނީ، އެ އުޅަނދެއް އުފެއްދި ތާރީހުން ފެށިގެން 20 އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަސްވެފައިވާ އުޅަނދުފަަހަރުގެ ކަމަށް ބިލުގައި ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން، އުޅަނދުފަހަރުގެ އުމުރު ކަނޑައަޅަން ގާނޫނުގައި ހިމަނާފައިވާގޮތަށް އަމަލުކުރަން ފަށާނީ، މިހާރު ގާނޫނުގައި އޮތް ތިން އަހަރު ދުވަހުގެ ބަދަލުގައި ފަސް އަހަރު ދުވަސް ފަހުން ކަމަށް ވެސް ބިލުގައިވަނީ ހިމަނައިފައެވެ.

25 އަހަރު ދުވަހަށްވުރެ އިތުރުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރުމުގެ ނުވަތަ ދުއްވުމުގެ ހުއްދަ ދެވޭ ހާއްސަ ގިންތީގެ އުޅަނދަކީ، އުޅަނދުގެ ބާވަތާއި މަރުކާ އާއި ހާއްސަވާ ސިފަތަކަށް ބަލާއިރު ތާރީހީގޮތުން މުހިއްމުވާ އުޅަނދު ކަމުގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އުޅަނދުފަހަރު ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.